ދިރާގު ދިވެހި ޕްރެމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކްލަބުން ކްލަބު ގްރީން ސްޓްރީޓްސްގެ މައްޗަށް ކުރިހޯދައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު ޓީސީން ކާމިޔާބުކުރީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއަދުގެ މެޗުގައި ގްރީން ކޮޅަށް ޓީސީން ޖެހި ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި އަލީ އަޝްފާގް (ދަގަނޑޭ) ދިން ބޯޅައަކުން ކާމިޔާބުކުރީ އިޝާން އިބްރާހިމް (ސައްޓު) އެވެ. ޓީސީގެ ދެވަނަ ލަނޑު 28 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ޖެހީ ދަގަނޑޭ އެވެ. މިއީ އޭރިއާ ތެރެއިން ގްރީންގެ ޑިފެންޑަރު އާދިލް އަބްދުލް ރަހުމާން ދަގަނޑޭއަށް ފައުލް ކުރުމުން ރެފްރީ ޓީސީ އަށް ދިން ޕެނަލްޓީ އެކެވެ.

ލީޑު ފުޅާކުރަން ދަގަނޑޭ އަށް މިހާފުގެ ފަހު ކޮޅު ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަތައް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ގްރީން ސްޓްރީޓުން ފުރަތަމަ ހާފުގައި ޓީސީގެ ގޯލަށް ފޮނުވާލި ހަމަލާތަކުން އެޓީމު ސަލާމަތްކޮށްދިނީ ކީޕަރު އާދަމް އިމްއާން އެވެ. ޓީސީ އަށް ކުޅެމުން އަންނަ ސެއިން ވިންސެންޓްގެ ފޯވާޑް މެލްކަމް ކެސިއަސް ސްޓެވާޓް ވަނީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ލަނޑެއް ޖަހައި ޓީސީގެ ލީޑު ފުޅާކޮށްފައެވެ.

ދެވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޓީސީ އެވެ. އެ ޓީމުން ހަތަރު ވަނަ ފަހަރަށް ގްރީންގެ ގޯލު ފޫއަޅުވާލީ މެޗުގެ 78 ވަނަ މިނެޓުގައެވެ. މި ލަނޑު ޓީސީ އަށް ޖަހައިދިނީ އިސްމާއިލް އީސަ (މެސީ) އެވެ. އޭގެ ހަތް ވަރަކަށް މިނެޓު ފަހުން މުހައްމަދު އާރިފް (ބަކާ) ވަނީ ގްރީން އަށް ސުން ކަނޑުވައިދީފައެވެ. ޓީސީގެ ފަސްވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް ދަގަނޑޭ ކާމިޔާބުކުރީ ޕެނަލްޓީ އަކުންނެވެ. މިއަދުގެ ދެ ލަނޑާއެކު ދަގަނޑޭ މިސީޒަނުގައި ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 22 އަށް އަރައިފައެވެ. އެއީ ގައުމީ ޖާޒީގައި ޖެހި ދެ ލަނޑާއި ލީގުގައި ކާމިޔާބުކުރި 20 ލަނޑެވެ.

21 މެޗުން ހޯދި 41 ޕޮއިންޓާއެކު ޓީސީ އޮތީ ދިވެހި ލީގް ތާވަލުގެ ތިންވަނައިގައެވެ. ގްރީން ތާވަލުގެ ހަތަރުވަނައިގައި އޮތީ 21 މެޗުން ލިބުނު 29 ޕޮއިންޓާއެކު އެވެ.