ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެޓޯލް ޕްރޮޖެކްޓް، “ޓުވާޑްސް ފިއުޗާ” ބެނާގެ ދަށުން ޒުވާން ކުޅުންތެރިން އުފެއްދުމާއި ތަމްރީނު ކުރަން މަހިބަދޫ ސްޕޯޓްސް ކްލަބް އަދި ކްލަބް އޭދަފުށި އާއި ހަވާލުކޮށްފިއެވެ.

އެފްއޭއެމުން ވަނީ މިކަމަށްޓަކައި މަހިބަދޫ ސްޕޯޓްސް ކްލަބާއި ކްލަބް އޭދަފުއްޓާއެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

އެފްއޭއެމްގެ “ޓުވާޑްސް ފިއުޗާ” ޕްރޮޖެކްޓަކީ ޒުވާން ކުޅުންތެރިން ތަމްރީނުކުރުމުގެ ގޮތުން އެ އިދާރާ އިން ފަށާފައިވާ ބޮޑު ޕްރޮޖެކްޓެކެވެ. މަހިބަދޫ އާއި އޭދަފުށްޓާއެކު އެޓޯލް ޕްރޮޖެކްޓް ހިންގަން ހަވާލުކުރި ރަށްތަކުގެ އަދަދު ވަނީ އަށަކަށް އަރައިފަ އެވެ. މިހާރު މި ހަރާކާތް ފަށާފައިވަނީ ފ. ނިލަންދޫއާއި ހދ. ކުޅުދުއްފުއްޓާއި ޏ. ފުވައްމުލަކުގެ އިތުރުން އައްޑޫ ސިޓީގަ އެވެ. ޕްރޮޖެކްޓް ދެން އެންމެ އަވަހަށް ފަށާނީ ލ. އަތޮޅާއި ދ. އަތޮޅުގަ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްތަކެއްގައި އެފްއޭއެމް އެކަނި މަސަތްކަތްކޮށްގެން ފުޓްބޯޅައިގެ މަސަތްކަތްކުރުމާއި އެކެޑެމީތައް ހިންގަން އުނދަގޫވާނެތީ އެ މަސަތްކަތް ކުރަން ރާވާފައިވަނީ އެ ރަށެއްގެ ކްލަބަކާއި ނުވަތަ ފުޓްބޯޅަ އަށް ނިސްބަތްވާ ޖަމިއްޔާއަކާއި ގުޅިގެން ކަމަށެވެ.

" އަޅުގަނޑުމެން ބޭނުންވަނީ މުޅި ރާއްޖޭގައި އެފްއޭއެމް އާއި ގުޅިގެން އެކެޑެމީތަކެއް ހިންގުން. އެފްއޭއެމް އެކަނި މަސަތްކަތް ކޮށްގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިކަން ކުރިއަށް ގެންދިއުމަކީ ވަރަށް އުނދަގޫ ކަމެއް. އެކަމަކު މިކަމަށް ޕެޝަނޭޓް ބޭފުޅުން އަތޮޅު ތެރޭގައި އެބަ އުޅުއްވާ. އެބޭފުޅުންނާއި ގުޅިގެން އަޅުގަނޑުމެން މިހާރު މިދަނީ ވަކި ވަކި ރަށްތަކުގައި ވެސް އެކެޑެމީތައް އުފެއްދުމުގެ މަސަތްކަތް ކުރަމުން، " ބައްސާމް ވިދާޅުވިއެވެ.

އެފްއޭއެމްއާ އެކު ވީ އެއްބަސްވުމަށް ފަހު ކްލަބް އޭދަފުށިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ކްލަބުގެ ހެޑް ކޯޗުކަމާ ދާދި ފަހުން ހަވާލުވި އިހުސާން އަބްދުލްގަނީ (ސާންތީ)ގެ ބެލުމުގެ ދަށުން އޭދަފުށީފައި އެލީޓް އަންޑަ 13، އަންޑަ 15، އަންޑަ 18 އަދި ވިމެންސް ފުޓްބޯޅަ ތަރައްގީ ކުރުމުގެ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށެވެ.