މި އަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ސެމީ ފައިނަލް މެޗުގައި މިރޭ ޖޭޖޭ ސްޕޯޓްސް ކްލަބް ބަލިކޮށް ކްލަބް ވެލެންސިއާ އަލުން ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅައިން ފުރުސަތު ހޯދައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު ވެލެންސިއާ ކާމިޔާބުކުރީ ފޯރިގަދަ ކުޅުމަކަށްފަހު 3-2 އިންނެވެ. ވެލެންސިއާ އިން ފުރަތަމަ ޑިވިޝަނުން ޖާގަ މި ހޯދީ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ. އެޓީމު ދެވަނަ ޑިވިޝަނަށް ރެލިގޭޓްވީ 2018 ވަނަ އަހަރުގެ މާލޭ ލީގުގެ އެންމެ ފުލަށް ގޮސް ރެލިގޭޝަން ޕްލޭއޮފްގައި ކުޅެގެން ވެސް ބަލިވުމުންނެވެ.

މި ސީޒަނުގެ ދެ ވަނަ ޑިވިޝަނުގެ ފައިނަލަށް ދާ ދެޓީމަށް ފުރަތަމަ ޑިވިޝަނުގެ ސީދާ ޖާގަ ލިބޭއިރު ވެލެންސިއާގެ އިތުރުން މިއަދުގެ ފުރަތަމަ ސެމީ ކާމިޔާބުކުރި ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަށް ވެސް ވަނީ ފުރަތަމަ ޑިވިޝަނުން ފުރުސަތު ލިބިފަ އެވެ. ކުރިން ގަވާއިދުގައި އޮތީ ދިރާގު ދިވެހި ލީގުގެ އެންމެ ފުލަށް ދާ ދެ ޓީމާއި ދެ ވަނަ ޑިވިޝަނުގެ ފައިނަލުގައި ކުޅޭ ދެ ޓީމު މެދުގައި ލީގު ބުރެއް ކުޅެގެން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވާ ގޮތަށެވެ. އެފްއޭއެމް އިން މިގޮތަށް ގަވާއިދު ބަދަލު ކުރީ ސަސްޕެންޝަނުގެ ސަބަބުން ނިއު ރޭޑިއަންޓާއި ވިކްޓްރީ ދެ ވަނަ ޑިވިޝަނަށް ވެއްޓުމުންނެވެ. ކުޅުންތެރިންނަށް މުސާރަ ނުދިން މައްސަލަތަކުގައި ނިއު ސަސްޕެންޑްކޮށްފައިވަނީ މިދިޔަ އަހަރު އެވެ. ވިކްޓްރީ ސަސްޕެންޑް ކުރީ މެޗުތަކަށް ހާޒިރު ނުވި މައްސަލައިގައި މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގެ މެދަކާ ހިސާބަކުންނެވެ.

ގޯލްޑް ކެޕްޓަން އައްސަދު އަބްދުލްޢަނީގެ އިރުޝާދުގެ ދަށުން ކުޅުނު ޖޭޖޭ ސްޕޯޓްސް ޓީމުން މިރޭގެ މެޗަށް ނުކުތީ މަޝްހޫރު ފުޓްސަލް ތަރި އަލީ ހާފިޒް (ހާއްޕެ)އާ ނުލަ އެވެ. މިރޭގެ މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި އަހުމަދު އައިހަމް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެހީ ޖޭޖޭ ސްޕޯޓްސްގެ އަލީ ނާފިއު އެވެ. ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ވެލެންސިއާ އަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ) އެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ޖޭޖޭ ސްޕޯޓްސް އަށް ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އެޓީމުން ފޮނުވާލި ހަމަލާތައް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ފުރުސަތުގެ ބޭނުން ޖޭޖޭ އިން ނުހިފުމުގެ ނަތީޖާއެއްގެ ގޮތުން ވެލެންސިއާ އިން ވަނީ ކައިރި ކައިރީގައި ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ އެޓީމު ކޮޅަށް އަނބުރާލާފައެވެ.

ވެލެންސިއާގެ ފަހު ދެ ލަނޑު ވެސް ޖެހީ ބިދޭސީ ފޯވާޑް ސަމިއުލް އެވެ. 67 ވަނަ މިނެޓުގައި އެޓީމުގެ ކުޅުންތެރިއަކު ނަގައިދިން ހުރަހެއްގައި ބޮލުން ޖަހައި ބޯޅަ ގޯލު ތެރެއަށް ވައްދާލައިގެން ސަމިއުލް ފުރަތަމަ ލަނޑު ޖެހި އިރު އެޓީމަށް ލީޑު ފުޅާކޮށްދިން ލަނޑު އޭނާ ޖެހީ ހުރަހެއްގައި އައި ބޯޅައެއް އެއް ފަހަރުން ޖަހައި ގޯލު ތެރެއަށް ވައްދާލައިގެންނެވެ.

މެޗު ނިމެން ނުވަ މިނެޓަށް ވެފައިވަނިކޮށް ޖޭޖޭ ސްޕޯޓްސްގެ ނާފިއު ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ.

މުބާރާތުގެ ފައިނަލުގައި ސުޕަ ޔުނައިޓެޑާއި ވެލެންސިއާ ވާދަކުރާ މެޗު ކުޅޭނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖައުފަރު

    އަލްޙަމްދުލިﷲ !

  2. ސަޕޯޓަރެއް

    ނިއުރޭޑިއެންޓް ފެންނަން ވަރަށް ބޭނުން.😥

    2
    1