މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި ބްރެޝިޔާ އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ޔުވެންޓަސް އިން އިޓާލިއަން ލީގުގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރި 2-0 އިންނެވެ. މި ނަތީޖާއާއެކު އެޓީމަށް އެއްވަނަ މަގާމް ލިބެނީ 24 މެޗުން 57 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް އިންޓަ މިލާނަށް ލިބިފައިވަނީ 23 މެޗުން 54 ޕޮއިންޓެވެ. ޔުވެންޓަސް އަތުން ބަލިވި ބްރެޝިއާ އޮތީ 16 ޕޮއިންޓާއެކު 19 ވަނައިގައެވެ.

ރޭ ބްރެޝިއާއާ ދެކޮޅަށް ކޯޗު މައުރީޒިއޯ ސާރީ ނެރުނު ސްކޮޑުގައި ރޮނާލްޑޯ ހިމަނާފައިނުވެ އެވެ. ރޮނާލްޑޯގެ ބަދަލުގައި ހުއާން ކުއާޑްރާޑޯ އާއި ޕައުލޯ ދިބާލާގެ އިތުރުން ގޮންޒާލޯ ހިގުއިން ޔުވެންޓަސްގެ އެޓޭކް ލީޑު ކުރިއިރު އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރި ޑިފެންޑަރު އަދި ކެޕްޓަން ޖޯޖިއޯ ޗިއެލިނީ އަށް ރޭގެ މެޗުގެ ދެވަނަ ހާފުގައި ސާރީ ވަނީ ފުރުސަތު ދީފައެވެ.

މެޗުގެ ފުރަތަމަ ތިރީހަކަށް މިނެޓުގައި ބްރެޝިއާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް އެޓީމަށް މައްސަލަތަކާއި ކުރިމަތިވީ މި ހާފު ނިމެން ދިހަ ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް ހިގުއިން އަށް ފޯވަޑް ފްލޯރިއަން އަޔޭ ކުރި ފައުލެއްގައި ދެވަނަ ރީނދޫ ކާޑާއެކު ރެފްރީ އޭނާ އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. އެ ފައުލްގައި ޔުވެންޓަސް އަށް ލިބުނު ހިލޭ ޖެހުމުގައި ދިިބާލާ ވަނީ ބްރެޝިއާގެ ގޯލު ފޫއަޅުވާލައި ޔުވެންޓަސް އަށް ލީޑު ނަގައިދީފައެވެ. އޭގެ ފަހުން މި ހާފު ނިމެން ކުޑައިރުކޮޅަކަށް ވެފައި ވަނިކޮށް ޔުވެންޓަސް އިން ދެވަނަ ލަނޑެއް ޖެހުމާއި ގާތަށް ޖެހިލި ނަމަވެސް ޑެނިއެލް ރުގާނީ ބޮލުން ފޮނުވާލި ހަމަލާ ކީޕަރު ވަނީ މަތަކޮށްފައެވެ.

ޔުވެންޓަސް އިން ދެވަނަ ހާފު ފެށީ ވަރުގަދަ ކޮށެވެ. ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ ބޮލުން ފޮނުވާލި ބާރު ހަމަލާ މަތަކުރުމުގެ އިތުރުން ބްރެޝިއާގެ ކީޕަރު ވަނީ އޭރިއާ ތެރެއިން ދިބާލާގެ ހަމަލާއެއް ވެސް ހުއްޓުވައިފައެވެ. ޔުވެންޓަސް އިން ލީޑު ފުޅާކުރީ 75 ވަނަ މިނެޓުގައި ބްލެއިސް މަޓުއިޑީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ހުއާން ކުއަޑްރާޑޯ ޖެހި ލަނޑުންނެވެ. އޭގެ ކުރިން މެޗުގެ ނަތީޖާ އެއްވަރު ކުރަން ބްރެޝިއާގެ މިޑްފީލްޑަރު ބިރްކީރް ބިޔަނާރްސަން އަށް ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލު ދަނޑިމަތިން ބޭރަށެވެ.

މެޗު ނިމެން ގާތްވެފައި ވަނިކޮށް ހިގުއިން ބްރެޝިއާގެ ގޯލު ތެރެއަށް ބޯޅަ ވައްދާލި ނަމަވެސް ރެފްރީ އެ ލަނޑު ބާތިލް ކުރީ އޮފްސައިޑް ކަމަށް ބުނެއެވެ.