މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގައި ރޭ ކުޅުނު މެޗުތަކުން ބަލިވެ ޓްރާންސް މޯލްޑިވްސް އެއާވޭސް (ޓީއެމްއޭ) އާއި ދިރާގަށް ހާސްކަމާ ކުރިމަތިލާން ޖެހިއްޖެއެވެ.

އެމްބީޕީއޭ ކްލަބު ހައުސްގައި ކުރިއަށްގެންދާ އެ މުބާރާތުގެ "ގްރޫޕު އޭ"ގައި މިހާތަނަށް ޓީއެމްއޭ އާއި ދިރާގު ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފައެވެ. ރޭ ކުޅުނު މެޗުގައި ޓީއެމްއޭ ވަނީ ސީދާ ތިން ގޭމުން އެމްއެންޑީއެފް އަތުން ބަލިވެފައެވެ. އެ މެޗުގެ ފުރަތަމަ ގޭމު 4-1 ފްރޭމުން އެމްއެންޑީއެފް މޮޅުވި އިރު، ދެވަނަ ގޭމު އެމްއެންޑީއެފުން ގެންދިޔައި 4-2 ފްރޭމުންނެވެ. އަދި ތިންވަނަ ގޭމުން ވެސް އެމްއެންޑީއެފް މޮޅުވީ 4-2 ފްރޭމުންނެވެ.

ދިރާގު ވަނީ ރޭ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަތުން 1-2 ގޭމުން ބަލިވެފައެވެ. އެ މެޗުގެ ފުރަތަމަ ގޭމު 1-4 ފްރޭމުން އެމްއައިބީ ގެންދިޔަ އިރު، ދެވަނަ ގޭމު ސީދާ ހަތަރު ފްރޭމުން ދިރާގު ވަނީ ގެންގޮސްފައެވެ. ތިންވަނަ ގޭމު އެމްއައިބީން ގެންދިޔައީ 1-4 ފްރޭމުންނެވެ.

ޓީމް އިވެންޓުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަނީ ސީދާ ތިން ގޭމުން އެމްޓީސީސީ ބަލިކޮށްފައެވެ. އަދި އެމްޑަބްލިޔުއެސްސީން ވަނީ 2-1 ގޭމުން ފެނަކަ ބަލިކޮށްފައެވެ.

މިއަހަރުގެ މުބާރާތުގައި ޖުމުލަ 13 ޓީމެއް ވާދަކުރެއެވެ. އެއީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޕޮލިސް ކްލަބު، އެމްއެންޑީއެފް، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، ޓީއެމްއޭ، ފެނަކަ، އެމްޓީސީސީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ދިރާގު، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ.

އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގެ ޓީމް އިވެންޓު ދެ ގްރޫޕަކަށް ބަހާލައިގެން ޖުމްލަ 63 މެޗު ކުޅޭނެއެވެ. ފިރިހެން ޑިވިޝަނުގެ ސިންގަލްސް އިވެންޓުގައި 63 ކުޅުންތެރިން ވާދަކުރާ އިރު، ޖުމްލަ 44 މެޗެއް ކުޅޭނެއެވެ. އަދި އަންހެން ޑިވިޝަނުގެ ސިންގަލްސް އިވެންޓުގައި ވާދަކުރާނީ އަށް ކުޅުންތެރިންނެވެ. އެ އިވެންޓުގައި އަށް މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ.