ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބިލިއާޑް މުބާރާތް ކަމަށްވާ، ނޭޝަނަލް ބިލިއާޑް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހުއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހު 20 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

ފިރިހެން ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަން އަދި އަންހެން ޑިވިޝަނުގެ އިތުރުން، ޑަބަލްސް އާއި މިކްސްޑް ޑަބަލްސް އަދި ޓީމް އިވެންޓް ހިމެނޭހެން ހަ އިވެންޓެއް މި މުބާރާތުގައި ކުރިޔަށް ގެންދަން ހަމަޖެހިފައިވެއެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ވަނަތައް ހާސިލުކުރި ކުޅުންތެރިންނަށް ގިނަ އަދަދެއްގެ ފައިސާ ދީފައިވާއިރު މި އަހަރުގެ މުބާރާތުގެ އިނާމުތައް ބޮޑެތި ވާނެ ކަމަށް ލަފާކުރެވެއެވެ. ނިމިދިޔަ އަހަރު ޓީމް އިވެންޓުގެ ޗެމްޕިއަނުންނަށް 30،000 ރުފިޔާ ދީފައިވާއިރު ދެވަނައަށް ދިޔަ ޓީމަށް 15،000ރ. އަދި ތިންވަނައަށް 7،500ރ. ވަނީ ދީފައެވެ.

ނިމިދިޔަ އަހަރު ޓީމު އިވެންޓްގެ ޗެމްޕިއަންކަން ހޯދީ ކްލަބް އީގަލްސް އެވެ. ފައިނަލުގައި އެ ޓީމު ކާމިޔާބު ހޯދީ ކަސްޓަމް ރެކްރިއޭޝަން ކްލަބް ބަލި ކުރުމަށް ފަހު އެވެ.

މިދިޔަ އަހަރު މުބާރާތުގެ ފިރިހެން އެއް ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ހުސައިން ފަޔާޒެވެ. އަންހެން ސިންގަލްސް ޗެމްޕިއަނަކީ ދީނާ އަހްމަދެވެ. މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ ދީނާ އާއި އަލީ ފަޔާޒުގެ ޕެއާ އެވެ.

މި އަހަރުގެ މުބާރަތަކީ ގައުމީ ދެވަނަ ބިލިއާޑް މުބާރާތަށް ވާއިރު އެމްޕީބީއޭ އިން އަންނަނީ ވަރަށް ކުރީއްސުރެ މުބާރާތް ބާއްވަން ތައްޔާރު ވަމުންނެވެ. މި މުބާރާތް އޮންނާނީ މާލޭގައި ހުންނަ ނޭޝަނަލް ބިލިއާޑް ސެންޓަރުގައެވެ.