އުމުރުން 15 އަހަރުގައި ހަސަން ޝާޒް މުހައްމަދު ބިލިއާޑް ކުޅެން ފެށި ގޮތަށް އެ ކުޅިވަރަށް ހިތް ޖެހުނު އިރު، އޭނާގެ އަޒުމަކީ ރާއްޖޭގެ ބިލިއާޑުން ދެވެން ހުރި އެންމެ މައްޗަކަށް ދިއުމެވެ. އެކަން އޭނާ ކާމިޔާބު ވެސް ކުރިއެވެ. އުމުރުން 17 އަހަރުވީ އިރު އޭނާއަށް ގައުމީ ބިލިއާޑް ޓީމަށް ވަދެވިއްޖެއެވެ. އެ ހިސާބުން ނިމުނީކީ ނޫނެވެ. ރާއްޖޭގެ ބިލިއާޑުގައި އޭނާއަށް ނުލިބޭ ކާމިޔާބީ އެއް ނެތެވެ.

ޝާޒް ވަނީ 2019 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ މެދު ތެރެއާ ހަމައަށް ރާއްޖޭގެ ބިލިއާޑްގެ އެއްވަނަ ކުޅުންތެރިޔާގެ މަގާމު ހިފަހައްޓައިފައެވެ. އަދި މި އަހަރުގެ ފުރަތަމަ ދެ މުބާރާތުގެ ތަށި ނަގައިގެން އޭނާ އެ މަގާމް ދިފާއު ކުރިއެވެ.

ޝާޒު ބުނާ ގޮތުން އޭނާއަށް ބިލިއާޑްގެ ތެރެއަށް ވަދެވުނީ އިމާދުއްދީން ސްކޫލުގައި އުޅުނު އިރު ޔޫތު ސެންޓަރަށް އައިސް އުޅުމުގެ ތެރޭގައެވެ. ނަމަވެސް އެއީ ބިލިއާޑް ކުޅޭކަށް ނޫނެވެ. އޭރު އޭނާ ކުޅުނީ ޓީޓީއެވެ. ނަމަވެސް ވަކި ހިސާބަކުން އެތަނުގައި ބިލިއާޑް ކުޅޭ ތަން ފެނި އޭގެ ތެރެއަށް ވަދެވުނީއެވެ. އެކަމަކު އޭރު ކުޅުނީ ބިލިއާޑްގެ ކުޑަ ބޯޑުގައެވެ. ބޮޑު ބޯޑުގައި އޭރު ކުޅެވެނީ ހަމައެކަނި ޕްރޮފެޝަނަލް ކުޅުންތެރިންނަށް އެކަންޏެވެ.

ކުޑަ ބޯޑުގައި ޝާޒް ކުޅެމުން ދިޔައިރު އޭނާ އަބަދުވެސް މޮޅުވެއެވެ. އެހެންވެ އެކަން ބޮޑު ބޯޑުގައި ކުޅެމުންދިޔަ ޕްރޮފެޝަނަލް ކުޅުންތެރިންނަށް ފާހަގަވެ ޝާޒްއަށް ޕްރޮފެޝަނަލް ކުޅުންތެރިންނާއެކު ކުޅެން ޗާންސް ލިބެން މާ ގިނަ ދުވަހެއް ނުނެގިއެވެ. އަދި ރާއްޖޭގެ އެންމެ ވަރުގަދަ ތަރިއަށް ޝާޒް ވުމަށް މާ ގިނަ ދުވަހެއް ނުނެގިއެވެ.

އުމުރުން މިހާރު 26 އަހަރުގެ ޝާޒްއަކީ ފުލްޓަައިމް ވަޒީފާއެއް ވެސް އަދާކުރަމުންދާ މީހެކެވެ. އޭނާގެ އަންބަކާ ދެ ކުދިން ވެސް އެބަ ތިބިއެވެ. އެހެންކަމުން ކުޅިވަރާ އެއްވަރަށް އޭނާގެ އާއިލީ ޒިންމާތައް ވެސް އެހާ ބޮޑެވެ.

ކިހިނެއްތޯ އެހާ ބުރަކޮށް އުޅެމުން ކުޅިވަރަށް ވަގުތު ހޯދަނީ؟

ޝާޒް މަސައްކަތް ކުރަމުން ދަނީ ވިލާ އެއާގައެވެ. އޭނާގެ މަސައްކަތަކީ ފްލައިޓްތައް ފުރުވުމުގައި އެހީތެރިވުމުގެ މަސައްކަތެވެ.

ޝާޒް ބުނާ ގޮތުން ކޮންމެ ދުވަހަކު ފްލައިޓްތައް ފުރުވާ ކަންކަމަށް ހަ ގަޑިއިރު ނޫނީ ހަތް ގަޑިއިރުވަރު ހޭދަވެ އެވެ. ރަތްދަކަ އަވީގައި ކޮންމެ ދުވަހަކު ޙޭދަކުރަން ޖެހޭ އިރު ކުޅުމަކީ ވަރަށް އުނދަގޫ ކަމެއް ކަން އޭނާ ފާހަގަ ކުރިއެވެ. އޭގެ އިތުރުން ޕްރައިވެޓް ތަނަކަށް ވާތީ އާއި ކޮންމެ ވަގުތަކު ކުޅެން ދޫނުކުރާތީ ކުޅެން އަންނަން ޖެހެނީ ޑިއުޓީ އެޖަސްޓުކޮށްގެން ކަމަށް ޝާޒް ބުނެއެވެ.

"ޕްރެކްޓިސްވެސް ރަނގަޅަށް ނުކުރެވޭ. ދެން ހަމަ ހިތްވަރަށް ހަމަ މި ކުޅެން ޖެހެނީ. ދެން ތަށި ލިބެނީ ﷲ އިރާދަކުރައްވާތީ" ޝާޒް ބުންޏެވެ.

ޝާޒް ބިލިއާޑް ކުޅެނީ-- ފޮޓޯ/ ވަގުތު އިމޭޖާސް

ކިހާ ޗެެލެންޖިންތޯ އެއްވަނައިގައި މެއިންޓެއިން ކުރަން؟

ޝާޒް އެއްވަނަ ކުޅުންތެރިޔާގެ މަގާމު ގިނަ ދުވަސްތަކެއް ވަންދެެން ހިފަހައްޓާފައިވާ އިރު އެ މަގާމު ދެމެހެއްޓުމަކީ އޭނާގެ އަބަދުވެސް އަޒުމާއި އުއްމީދެވެ. ނަމަވެސް އެއީ ހީކުރާ ވަރަށް ވުރެ މާ އުނދަގޫ ކަމެއްކަން އޭނާ ފާހަގަ ކުރިއެވެ.

މުބާރާތުގެ ކުރިން ވަރުގަދަ އަށް ޕްރެކްޓިސް ކުރަން ޖެހުނު ނަމަވެސް ޝާޒް ބުނީ ޕްރެކްޓިސް ނުކުރެވި ތިން ހަތަރު ދުވަސް ވެސް ހިނގައިދާނެ ކަމަށެވެ. ދެން ކިރިޔާސް ވެސް ޕްރެކްޓިސްއަށް އެރެނީ ފަތިސް ޑިއުޓީ އަށް އަރާ ރެއެއްގައި ކަމަށާއި އަދި މެޗުތައް ކުޅެން ޖެހެނީ ނުނިދާ އައިސް ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް ބިލިއާޑްގެ އެންމެ މަތީ ރޭންކިންގައި އުޅޭ ބައެއް މީހުން އުޅެނީ ވަރަށް "ފްރީ"ކޮށް ކަން އޭނާ ފާހަގަ ކުރިއެވެ. އެހެންކަމުން އެ މީހުންނާ ވާދަކުރުމަކީ އުނދަގޫކަމެއް ކަން ޝާޒް ކިޔަައިދިނެވެ.

"އެކި މީހުންގެ ދިރިއުޅުމުގެ ހާލަތު މި ހުންނަނީ އެކި ގޮތަށް. ޓޮމް ލެވަލްގައި އުޅޭ މީހުންގެ ތެރޭގައި އުޅޭ އަމިއްލަ މީހުންނާއި ވަރަށް ޒުވާން ކުދިން ވެސް. އެ މީހުންނަށް ބޭނުން އިރަކު ނިދާލާފައި ރެސްޓުކޮށްފައި މެޗު ކުޅެވޭނެ، ދެން ފުލް ރެސްޓުގައި އަންނަ މީހާ މެންޓަލީ ސްޓްރޯންގް ވާނެ. ދެން އަޅުގަނޑު ބަލަނީ ލިބޭ އެއްގަޑިއިރުވެސް ސަކަރާތް ނުޖަހާ މެކްސިމަމް ދީގެން ކުޅެން. އެހެން ރަނގަޅަށް ޕްރެކްޓިސް ކޮށްފިއްޔާ ޓޮޕް ލެވެލްގައި ހަތަރު ގަޑިއިރު ޕްރެކްޓިކްސް ކުރާ މީހަކާ އެއްވަރަށް ރަނގަޅަށް ޕްރެކްޓިސް ކުރެވިދާނެ. ދެން އެގޮތަށް ޑިސިޕްލިން ބަހައްޓައިގެން އުޅެނީ" ޝާޒް ބުންޏެވެ.

ބިލިއާޑް ކުޅޭއިރު ރާސްލާފައި ކިތައް ބޯޅަ ސްކޯ ކޮށްލެވޭތޯ؟

އާންމުންކޮށް ބިލިއާޑް އަދި ކެރަމް ފަދަ ކުޅިވަރުތައް ކުޅޭއިރު އެންމެ ފާހަގަކޮށްލެވޭ ކަމަކީ އެއް ކުޅުންތެރިއަކު ހަމަ ގަނޑު ފަށާގޮތަށް މޮޅުވެގެން ގޭމް ނިންމާލުމެވެ. ޝާޒްއަކީ ވެސް އެފަދަ އެތުލީޓެކެވެ.

އޭނާ ބުނީ ބްރޭކް ރަން ގަނޑެއް ފަށާގޮތަށް ގޮސް ބޯޅަ ވައްޓަމުން ވައްޓަމުން ގޮސް އެއް މިނެޓް ނޫނީ ދެ މިނެޓްގެ ތެރޭގައި ގަނޑު ނިންމާލާފައިވާ ފަހަރު ވެސް ހުންނާނެ ކަމަށެވެ.

ޝާޒް ބިލިއާޑް ޗެމްޕިއަންޝިޕްގެ ތަށި ހިފައިގެން--

ސްކޫލު ދުވަސްވަރުން އެންމެ ހަނދާން ހުންނަނީ ކޮން ކަމެއްތޯ؟

ޝާޒް ބުނީ ސްކޫލު ދައުރުގައި ހޭދަކުރީ ވަރަށް މަޖާ ދުވަސްވަރެއް ކަމަށާއި އެ ދުވަސްތައް މިހާރުވެސް ހަނދާނުން ފޮހެލަށް އުނދަގޫ ކަމަށެވެ.

އެގޮތުން މަންމައަށް ވަގަށް ރައްޓެހިންނާއެކު މޫދަށް ދިއުމާއި އަދި ފުޓްބޯޅަ އާއި ކުޅިވަރުތައް ކުޅުމުގައި ވަރަށް ބޮޑަށް ޝާމިލުވި ކަމަށް އޭނާ ބުންޏެވެ.

"ހަމަ ވަރަށް އެކްޓިވްކޮށް ސްކޫލުގައި އުޅުނީ. ހަމަ ވަރަށް ސަކަރާތް ޖަހާ މަޖާކޮށް އުޅުނީ. ސްކޫލުގައި އުޅުނު އިރުވެސް ހަމަ ކުޅިވަރުގައި ވަރަށް ގިނަ ކާމިޔާބީތައް ހޯދައިފައި ހުންނާނެ. އެކި ކުޅިވަރުތަކުން ގޯލްޑް މެޑަލް ނަގާފައި ހުންނާނެ. ބާސްކެޓް އަދި ފެތުމުން ވެސް ކާމިޔާބީތައް ލިބުނު" ޝާޒް ބުންޏެވެ.

ބިލިއާޑްގެ ތެރޭގައި އުޅޭއިރު އެހެން ކުޅުންތެރިންގެ ފަރާތުން ހަސަދަވެރިކަން އާދޭތޯ؟

ކުޅިވަރުގެ ތެރޭގައި ވާދަވެރިކަން އޮންނައިރު ޝާޒްއަށް ވެސް އޭގެ އުނދަގޫ ފޯރާކަމަށް އޭނާ ބުނެއެވެ. ހާއްސަކޮށް ވަށްބަހުން އޭނާއަށް ހަސަދައިގެ ބަސްތައް ބުނުމާއި އަދި އެކި ފެކްޝަންތައް ހަދައިގެން އުޅުމަކީ ބައެއް ފަހަރު އޭނާއަށް ވެސް ދިމާވާ އުނދަގޫ މައްސަލަ އެކެވެ.

އޭގެން ބައެއް ފަހަރު އޭނާވެސް "ޕޭޝަންސް" ގެއްލޭ ހިސާބަށް ދެއެވެ.

"ޕޭޝަންސް ދަށްވޭ. އެހެންވެ ހުންނާނެ ޒުވާބުވެސް ކޮށްފަ. ދެން ޖެހޭނީ ކުޑަކޮށް އެއް ފަރާތްވެލަން. ދެން އަބަދު އިމޯޝަނަލް ވެގެން އުޅޭ ނަމަ، މެންޓަލީ އެފެކްޓިވްވާނެ. އެހެންވީމަ އެކަހަލަ މީހުން ދަނެގެން ދުރުވެގެން ކުރިއަށް ދެވޭނީ. އެގޮތަށް އުޅެގެން އެއްވަނައިގައި ހިފަހެއްޓޭނީ" ޝާޒް ބުންޏެވެ.

ޝާޒް ބިލިއާޑް މެޗެއް ކާމިޔާބު ކުުރުމަށް ފަހު އުފާފާޅު ކުރަނީ--

ވަޒީފާއާއި ކުޅިވަރުގެ ތެރެއިން ކަމެއް ހިޔާރު ކުރަން ޖެހިއްޖެނަމަ؟

ޝާޒް ބުނީ ވަޒީފާއާ ކުޅިވަރުގެ ތެރެއިން ކަމެއް ހިޔާރު ކުރަން ޖެހިއްޖެނަމަ އޭނާ ހިޔާރުކުރާނީ ވަޒީފާ ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި ޝާޒް ބުނީ ބިލިއާޑް ކުޅެގެން އެކަށީގެންވާ ވަރަށް އާމްދަނީ ނުލިބުމެވެ. މިހާރު ވެސް އުޅެވެނީ ވަޒީފާއިން ލިބޭ އެއްޗަކުން ކަމަށް އޭނާ ބުންޏެވެ.

ހަމަ އެހެންމެ ގައުމީ ޓީމުގައި އުޅޭއިރުވެސް ލިބެނީ ވަރަށް ކުޑަކުޑަ އެއްޗެއް ކަމަށް އޭނާ ބުންޏެވެ.

ބިލިއާޑް ނޫން ކުޅިވަރަކުން ނަމަ ފެންނާނީ ކޮން ކުޅިވަރަކުން؟

"ބިލިއާާޑް ނޫން ކުޅިވަރަކުން ނަމަ ފެނުން އެންމެ ގާތީ ފުޓްބޯޅަ" ޝާޒް ބުންޏެވެ.

އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ކުރިން ސްކޫލުގައި އުޅުނު އިރުވެސް އޭނާއަކީ މުބާރާތްތަކުގައި ކުޅެފައިވާ ކުޅުންތެރިއަކަށް ވުމެވެ.

"އިންޓަ ކްލާހުގައި ހުންނާނެ ހަމަ ޓޮޕް ސްކޯރާއާ އަދި މަޖީދިއްޔާގައި އުޅުނު އިރު އިންޓަ ސްކޫލުގައި އުޅުނު އިރު ފައިނަލްގަ ކުޅެފަ ޓޮޕް ސްކޯރާ ނެގިން" ޝާޒް ބުންޏެވެ.

ކުރިއަށް އޮތް ތަނުގައި ކުޅިވަރުގެ އެހެން އެއްވެސް ޕްލޭނެއް އެބައޮތްތޯ؟

އާންމުކޮށް މޮޅެތި ކުޅުންތެރިން އުމުރުން ވަކި ހިސާބަކަށް ދިއުމުން ކުޅުން ހުއްޓާލައި އެހެން ކަމެއްގެ ތެރެއަށް ވަދެއެވެ. ބައެއް ކުޅުންތެރިން އެކެޑެމީތައް ހަދައިގެން ވެސް އުޅެއެވެ. ނޫން ނަމަ ކުޅިވަރާ ގުޅޭ ވިޔަފާރިތަކުގެ ތެރެއަށް ވަދެއެވެ.

ނަމަވެސް ޝާޒް ބުނީ އަދި ވަކި ޕްލޭނެއް ނެތް ކަމަށެވެ. އަދި ބިލިއާޑް ފަދަ ކުޅިވަރުތައް އުމުރުން 40 އަހަރު ވަންދެން ވެސް ކުޅެވިދާނެ ކަމަށް އޭނާ ބުންޏެވެ.

"ރައްޓެހިން ވެސް ބުނޭ އެކަޑަމީއެއް ހަދަންވީ ނޫންހޭ. އެކަމަކު އަދި ނެތް ޕްލޭނެއް" ޝާޒް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙްމަދު

    ޝާޒަކީ ވަރަށް ހިތްހެޔޮ ރަނގަޅު މީހެއް. އެސޯސިއޭޝަން ތެރޭގައި ފެކްޝަން ހަދައިގެން އުޅެނީ ފިނޑިން އެމީހުންނަށް ކާމިޔާބެއް ނުވާނެ އިންޝާﷲ. އެމީހުންގެ ބޭނުމަކީ ޝާޒު ކަހަލަ ޕްލޭޔަރުންގެ ހިތްވަރު އެލުވައިލުން. ސާބިތު ކަމާއެކު ކުރިއަށް ދާނެކަމަށް އުންމީދު ކުރަން. ކީޕް އަޕް ދަ ގުޑް ވޯކް!