މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން ބާއްވާ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ޖާގަތައް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި އެމްއެންޑީއެފުން ހޯދައިފިއެވެ.

އެމްޕީބީއޭ ކްލަބު ހައުސްގައި ކުރިއަށްގެންދާ އެ މުބާރާތުގެ "ގްރޫޕު އޭ"ގައި އެމްއޭސީއެލް އޮތީ އެއްވަނައިގައެވެ. އަދި އެމްއެންޑީއެފްއަކީ އެ ގްރޫޕުގެ ދެވަނައިގައި އޮތް ޓީމެވެ.

ރޭ ކުޅުނު މެޗުގައި އެމްއޭސީއެލުން ވަނީ 2-1 ގޭމުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ބަލިކޮށްފައެވެ. އެ މެޗުގެ ފުރަތަމަ ގޭމު ސީދާ ހަތަރު ފްރޭމުން ގެންދިޔައީ އެމްއައިބީއެވެ. ދެވަނަ ގޭމު 4-1 ފްރޭމުން އެމްއޭސީއެލް ގެންދިޔަ އިރު، ތިންވަނަ ގޭމު އެމްއޭސީއެލުން ގެންދިޔައީ ސީދާ ހަތަރު ފްރޭމުންނެވެ.

"ގްރޫޕު އޭ"ގެ އެއްވަނައިގައި އޮތް އެމްއޭސީއެލްއަށް ފަސް މެޗުން 15 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް އެމްއެންޑީއެފްއަށް ހަތަރު މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. އެ ދެ ޓީމާ އެންމެ ކައިރިން ވާދަކުރަނީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި ޕޮލިސް ކްލަބަށް ހަތަރު މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. އެ ގްރޫޕުގައި ދެން ހިމެނޭ އެމްއައިބީ އާއި ޓްރާންސް މޯލްޑިވްސް އެއާވޭސް (ޓީއެމްއޭ)އަށް ހަތަރު މެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު، ގްރޫޕުގެ ފުލުގައި އޮތް ދިރާގަށް ފަސް މެޗުން އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ޓީމް އިވެންޓުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަނީ 2-1 ގޭމުން ސްޓެލްކޯ ބަލިކޮށްފައެވެ. ދިރާގު އަތުން 1-2 ގޭމުން ޕޮލިސް ކްލަބު މޮޅުވި އިރު، އެމްޓީސީސީން ވަނީ ސީދާ ތިން ގޭމުން ރައީސް އޮފީސް ބަލިކޮށްފައެވެ.
މިއަހަރުގެ މުބާރާތުގައި ޖުމުލަ 13 ޓީމެއް ވާދަކުރެއެވެ. އެއީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޕޮލިސް ކްލަބު، އެމްއެންޑީއެފް، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، ޓީއެމްއޭ، ފެނަކަ، އެމްޓީސީސީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ދިރާގު، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ.

އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގެ ޓީމް އިވެންޓު ދެ ގްރޫޕަކަށް ބަހާލައިގެން ޖުމްލަ 63 މެޗު ކުޅޭނެއެވެ. ފިރިހެން ޑިވިޝަނުގެ ސިންގަލްސް އިވެންޓުގައި 63 ކުޅުންތެރިން ވާދަކުރާ އިރު، ޖުމްލަ 44 މެޗެއް ކުޅޭނެއެވެ. އަދި އަންހެން ޑިވިޝަނުގެ ސިންގަލްސް އިވެންޓުގައި ވާދަކުރާނީ އަށް ކުޅުންތެރިންނެވެ. އެ އިވެންޓުގައި އަށް މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ.