ބޮޑު ތަފާތަކުން މިރޭ ބެލްޖިއަމްގެ ކްލަބް ބްރޫޖް ބަލިކޮށް އިންގްލަންޑުގެ މެންޗެސްޓާ ޔުނައިޓެޑުން ޔުއެފާ ޔުރޮޕާ ލީގުގެ ގަދަ ސޯޅައިން ފުރުސަތު ހޯދައިފިއެވެ.

ޔުރޮޕާ ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި ބެލްޖިއަމް ލީގުގެ އެއްވަނައިގައި އޮތް ބްރޫޖުގެ މައްޗަށް ޔުނައިޓެޑުން ކުރިހޯދީ 5-0 އިންނެވެ. މި ދެޓީމު ބެލްޖިއަމްގައި ކުޅުނު މެޗު ނިމުނީ 1-1 އިން ދެޓީމު އެއްވަރު ވެގެންނެވެ. ރޭގެ މޮޅާއެކު ޔުނައިޓެޑް މުބާރާތުގެ ގަދަ ސޯޅައަށް ކޮލިފައިވީ 6-1 ގެ އެގްރިގޭޓުން ކުރިހޯދައިގެންނެވެ.

އޯލްޑް ޓްރަފޯޑުގައި ރޭ ކުޅުނު މެޗުގައި ބްރޫޖް ކޮޅަށް ޔުނައިޓެޑުން ޖެހި ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް އެވެ. މިއީ ނިމިގެންދިޔަ ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި ޕޯޗުގަލްގެ ސްޕޯޓިންގް އިން އިންގްލަންޑަށް ބަދަލުވެ ޔުނައިޓެޑް ޖާޒީގައި ބްރޫނޯ ކާމިޔާބުކުރި ދެވަނަ ގޯލެެވެ. އޭނާ ވަނީ ލީގުގައި އެންމެ ފަހުން ވެޓްފޯޑް އަތުން ޔުނައިޓެޑް މޮޅުވި މެޗުގައިވެސް ޕެނަލްޓީއަކުން ގޯލެއް ކާމިޔާބުކޮށްފައެވެ. ރޭ ބްރޫނޯ ކާމިޔާބުކުރި ޕެނަލްޓީ އަކީ އޭރިއާ ތެރެއިން އޮލިމްޕިއާކޮސްގެ ޑިފެންޑަރު ސައިމަން ޑެލީ ގަސްދުގައި ބޯޅައިގައި އަތް ލުމުން ރެފްރީ ޔުނައިޓެޑަށް ދިން ޕެނަލްޓީއެކެވެ. މިއާ ގުޅިގެން ވީއޭއާރުގެ އެހީ ހޯދުމަށްފަހު ރެފްރީ ވަނީ ސައިމަން އަށް ސީދާ ރަތް ކާޑެއް ދައްކައިފައެވެ.

މެޗުގެ ބާކީ ބައި ދިހަ ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ބްރޫޖް ކޮޅަށް ޔުނައިޓެޑުން ޖެހި ދެވަނަ ގޯލަކީ 34 ވަނަ މިނެޓުގައި ހުއާން މާޓާގެ އެހީތެރިކަމާއެކު ނައިޖީރިއާގެ ފޯވަޑް އޮޑިއޮން އިގްހާލޯ ކާމިޔާބުކުރި ގޯލެކެވެ. މިއީ ޔުނައިޓެޑްގެ ޖާޒީގައި އިގްހާލޯ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ. އިގްހާލޯގެ ގޯލަށްފަހު މިޑްފީލްޑަރު ފްރެޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ސްކޮޓް މެކްޓޮމިނޭ ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ.

ޔުނައިޓެޑުން މެޗުގައި ކާމިޔާބުކުރި ފަހު ދެ ގޯލު ޖެހީ ފްރެޑް އެވެ. ފްރެޑްގެ ފުރަތަމަ ގޯލު 82 ވަނަ މިނެޓުގައި ލިންގާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކުރި އިރު ދެވަނަ ގޯލު ޖެހީ 90 މިނެޓު ހަމަވެގެން ރެފްރީ ދެއްކި އިތުރު ވަގުތުގައެވެ.

ޔުނައިޓެޑަށް ދެން ކުރިއަށް އޮތީ ޕްރެމިއާ ލީގުގައި އެވަޓަންއާ ދެކޮޅަށް އަންނަ އާދިއްތަ ދުވަހު ކުޅެން އޮތް މެޗެވެ. އަނެއްކޮޅުން ލީގު މެޗެއްގައި ބްރޫޖް ނުކުންނާނީ ބެލްޖިއަމް ލީގުގެ ހަވަނަ މަގާމުގައި އޮތް ގެންކްއާ ދެކޮޅަށެވެ.