ފްރާންސްގެ ގައެލް މޮންފިލްސް ބަލިކޮށް ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ، ސާބިއާގެ ނޮވަކް ޖޮކޮވިޗް މިހާރު ދުބާއީގައި ކުރިއަށްދާ ޑިއުޓީ ފްރީ ޓެނިސް ޗެމްޕިއަންޝިޕްގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

އިއްޔެ ކުޅުނު ސެމީ ފައިނަލް މެޗު ޖޮކޮވިޗް ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 2 ސެޓު 1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓުގައި މޮންފިލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެނާ ސެޓު ކާމިޔާބުކުރީ 6-2 އިންނެވެ. ދެވަނަ ސެޓުގައި ދެ ކުޅުންތެރިންގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ޖޮކޮވިޗް މި ސެޓު ގެންދިޔައީ ޓައި ބްރެކުގައި ކުރިހޯދައިގެންނެވެ.

ދެވަނަ ސެޓު ފަށައިގެން ފުރަތަމަ ކޮޅުގައި މޮންފިލްސް ވަނީ ޖޮކޮވިޗްގެ ސާވިސް ބްރެކްކޮށް 2-1 ގެ ލީޑެއް ނަގައިފައެވެ. އެހެންނަމަވެސް ޖެހިގެން އައި ތިން ގޭމުގައި މޮޅު ކުޅުމެއް ދައްކައި 3-3 އިން އެއްވަރުކޮށް ޖޮކޮވިޗް އުއްމީދުއާކުރި އެވެ. އޭގެ ފަހުން 5-4 ގައި އޮވެ ސެޓު ކާމިޔާބުކުރުމުގެ ފުރުސަތު ޖޮކޮވިޗަށް ލިބުނު ނަމަވެސް މޮންފިލްސް ވަނީ ފަހަތުން އަރައި 6-6 އިން ސެޓު އެއްވަރު ކޮށްފަ އެވެ. ޓައި ބްރެކުގައި މޮންފިލްސް ތިން މެޗް ޕޮއިންޓް ބޭކާރުކުރި އިރު ޖޮކޮވިޗް ސެޓު ގެންދިޔައީ ފަހަތުން އަރައި 10-8 އިން ޓައި ބްރެކް ކާމިޔާބުކޮށްގެންނެވެ.

ދެވަނަ ސެޓުގައި ލިބުނު މެޗު ޕޮއިންޓްތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއެއްގެ ގޮތުގައި ތިންވަނަ ސެޓުގައި މޮންފިލްސްގެ ހިތްވަރު އެލިގެންދިޔަތަން ފެނުނެވެ. މި ސެޓުގައި ޖެހިޖެހިގެން ތިން ފަހަރު މޮންފިލްސްގެ ސާވިސް ބްރެކްކޮށް ޖޮކޮވިޗް ސެޓު ކާމިޔާބުކުރީ ފަސޭހަކަމާއެކު 6-1 އިންނެވެ. މި މޮޅާއެކު ޖޮކޮވިޗް ވަނީ ކެރިއަރުގައި މޮންފިލްސްއާ ދެކޮޅަށް އޭނާ ކުޅުނު 17 މެޗު ވެސް ކާމިޔާބުކޮށްފައެވެ.

މުބާރާތުގެ ފައިނަލް މެޗުގައި ޖޮކޮވިޗް ނުކުންނާނީ ގްރީސްގެ ޒުވާން ކުޅުންތެރިޔާ ސްޓެފަނޯސް ސިޓްސިޕަސްއާ އެވެ. ސިޓްސިޕަސް ފައިނަލަށް ދަތުރު ކުރީ ސެމީގައި އިނގިރެސިވިލާތުގެ އެއްވަނަ ކުޅުންތެރިޔާ ޑަން އިވަންސްގެ މައްޗަށް 6-2 އަދި 6-3 އިން ކުރިހޯދައިގެންނެވެ. ސިޓްސިޕަސް ވަނީ މިދިޔަ އަހަރު ވެސް މި މުބާރާތުގެ ފައިނަލުގައި ވާދަކޮށްފައެވެ. މިދިޔަ އަހަރުގެ ފައިނަލުގައި އޭނާ ބަލިވީ ދުނިޔޭގެ ތިން ނަންބަރު ކުޅުންތެރިޔާ، ސްވިޓްޒަލެންޑުގެ ރޮޖާ ފެޑެރާ އަތުންނެވެ.

ދުބާއީ ޑިއުޓީ ފްރީ ޓެނިސް ޗެމްޕިއަންޝިޕަކީ އޭޓީޕީ ޓުއާގައި ހިމެނޭ މުބާރާތްތަކުގެ ތެރެއިން ތިންވަނަ ގިންތީގައި ހިމެނޭ މުބާރާތެކެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ކުޅުންތެރިޔަކަށް އޭޓީޕީ ރޭންކިންގައި 500 ޕޮއިންޓުގެ ކުރިއެރުމެއް ލިބިގެންދާނެ އެވެ.