ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ރޯގާއާ ގުޅިގެން މިއަދު ބާއްވަން ތާވަލުކޮށްފައި އޮތް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިހާބު ފަސްކޮށްފިއެވެ.

އިންތިހާބު ފަސްކޮށްފައިވާކަން އެފްއޭއެމް އިން ކަށަވަރުކޮށްދީފައިވާއިރު އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ އިންތިހާބު ބާއްވާނެ ތާރީހެއް ފަހުން އިއުލާނު ކުރައްވާނެ ކަމަށެވެ.

އެފްއޭއެމްގެ އިންތިޚާބުގައި އެ އިދާރާގެ ރައީސް ކަމަށް ވާދަކުރައްވަނީ މިހާރުވެސް އެ މަގާމު ފުރުއްވަމުން އަންނަ ބައްސާމް އަދީލް ޖަލީލް އެކަންޏެވެ. އިންތިހާބަށް އެއް ބޭފުޅަކު ކުރިމަތި ލެއްވުމުން، އިންތިހާބުގައި ކުލަބުތަކުން ވޯޓް ދޭނީ ފެންނަ ނުފެންނަށް ވޯޓަށެވެ.

މީގެ ހަތަރު އަހަރު ކުރިން ކުރީގެ ރައީސް އަހުމަދު ތޯރިގް (ޓޮމް)އާ ވައްދަކުރައްވައި ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންނެވި ބައްސާމުގެ ފުރަތަމަ ދައުރު ހަމަވާނީ މިއަހަރުގެ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އެފްއޭއެމްގެ އިންތިޚާބު ނޮވެންބަރު 20 ގެ ކުރިން ބާއްވަން އެއެސޯސިއޭޝަންގެ ހިންގާ ޤަވާއިދުގައި ބުނެއެވެ.

މުޅި ދުނިޔޭގައި ހަލުއިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އަށް ރާއްޖޭން މިހާތަނަށް 13 މީހަކު ވަނީ ފައްސިވެފަ އެވެ. ސަރުކާރުން މުޅި ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު ކުޅިވަރުގެ ހުރިހާ ހަރަކާތެއްހެން ވަނީ މެދުކަނޑާލާފައެވެ.

ވައިރަހާ ހެދި އެފްއޭއެމުން ވަނީ ފުޓްބޯޅަ މުބާރާތްތަކާއި ޓްރެއިނިންތައް ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ފަސްކޮށްފައިވާއިރު އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނީ ކަމާއި ބެހޭ ފަރާތްތަކުގެ ލަފައަކަށް ފަހު ކުރިއަށް ހުރި ހަރަކާތްތަކުގެ ޝެޑިއުލް އަލުން ނެރޭނެ ކަމަށެވެ.

ވައިރަހުގެ ސަބަބުން ފީފާ އާއި އޭއެފްސީން ވެސް ވަނީ އެ ތަނުން ބާއްވާ ހަރަކާތްތައް ހުއްޓާލާފައެވެ. މި މަހުގެ ކުރީކޮޅު ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މި މަހާއި ޖޫން މަހު ކުޅެން ހަމަޖެހިފައި އޮތް މެޗުތައް ވެސް ވަނީ ފަސްކޮށްފަ އެވެ. އަދި އަންނަ މަހު ކުރީ ކޮޅު އޭއެފްސީ ކަޕްގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ކުޅެން އޮތް ދެ މެޗު ވެސް ވަނީ ފަހުގެ ތާރީހަކަށް ފަސްކޮށްފައެވެ.