ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ރޯގާގެ ސަބަބުން ފުޓްބޯޅަ ހަރަކާތްތައް ހުއްޓި، ދިމާވެދާނެ މާލީ ހީނަރުކަމުން އަރައިގަންނަން ކްލަބަށް އެހީވުމުގެ ގޮތުން މުސާރަ އިން 70 ޕަސަންޓު އުނި ކުރަން ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާގެ ކުޅުންތެރިން އެއްބަސްވެއްޖެއެވެ.

ބާސާގެ ކުޅުންތެރިންގެ މުސާރަ އިން 70 ޕަސަންޓު ކަނޑާލަން ނިންމާފައިވާކަން ހާމަކުރީ ކެޕްޓަން ލިއޮނެލް މެސީއެވެ. އިންސްޓަގްރަމްގައި މެސީ ކުރި ޕޯސްޓެއްގައި ބުނީ ކުޅުންތެރިންގެ ޖުމްލަ މުސާރަ އިން ބޮޑު ބައެއް އުނިކުރަން އެއްބަސްވީ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ކްލަބަށް ދިމާވެދާނެ މާލީ ގެއްލުންތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.

އަދި މުސާރައިގެ ބޮޑު އިންސައްތަ އެއް ކަނޑާލުމުގެ އިތުރުން ކްލަބުގެ އޮފީސް ސްޓާފުންގެ މުސާރަ ބަރާބަރަށް ދިނުމަށް ބާރު އެޅުމުގެ ގޮތުން ފައިސާގެ އިތުރު އެހީތަކެއް ވެސް ކްލަބަށް ދޭން ކުޅުންތެރިން އެއްބަސްވެފައިވާ ކަމަށް މެސީ ބުންޏެވެ.

މެސީ އިތުރަށް ބުނީ ބާސާ ކުޅުންތެރިން މި ނިންމުން ނިންމީ މި ދަނޑިވަޅަކީ ކްލަބަށާއި ކުޅުންތެރިންގެ އިތުރުން އޮފިޝަލުންނަށް ދަތި ދުވަސްތަކަކަށް ވުމުން ކަމަށާއި ބާސާގެ ކުޅުންތެރިންނަކީ ކްލަބަށް ދިމާވާ ދަތި ކޮންމެ ހާލަތެއްގައި ވެސް ކްލަބަށް އެހީވެދޭނެ ކުޅުންތެރިންތަކެއް ކަމަށެވެ.

ބާސާގެ ކުޅުންތެރިންގެ މުސާރައިން 70 ޕަސަންޓު އުނިކުރަން ނިންމިއިރު، ސްޕެއިން އަކީ މިވަގުތު ޔޫރަޕްގައި ކޮރޯނާވައިރަހުގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އެއް ގައުމެވެ. އިއްޔެގެ ނިޔަލަށް ސްޕެއިންގައި މި ވައިރަސް ޖެހުނު މީހުންގެ އަދަދު 85،000 އަށް ވުރެ މައްޗަށް އަރާފައިވާ އިރު އޭގެ ތެރެއިން 7500 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުން ކްލަބްތަކަށް ދިމާވަމުން އަންނަ މާލީ ދަތިތަކުން އަރައިގަތުމަށް ޔޫރަޕްގެ އެހެން ބޮޑެތި ކްލަބްތަކުގެ ކުޅުންތެރިން ވެސް އަންނަނީ މުސާރަ އުނި ކުރުމާ މެދު އެއްބަސްވަމުންނެވެ. ޔޫރަޕުން ވައިރަސް އެންމެ ބޮޑަށް ފެތުރެމުން އަންނަ އިޓަލީވިލާތުގެ ޗެމްޕިއަން ޔުވެންޓަސްގެ ކުޅުންތެރިން ވަނީ މިއަހަރުގެ މާޗް މަހުން ފެށިގެން ޖޫން މަހާއި ހަމައަށް އެއްވެސް ވަރެެއްގެ މުސާރަ އެއް ނުނަގަން އެއްބަސްވެފައެވެ.

މާލީ ގެއްލުން ކުޑަކުރުމުގެ ގޮތުން ޖަރުމަނުގެ ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑުން ވެސް ވަނީ ކުޅުންތެރިންގެ މުސާރަ ކުޑަކޮށްފައެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުން ޔޫރަޕްގެ ބޮޑެތި ހުރިހާ ލީގެއް ވެސް ވަނީ މެދުކަނޑާލާފައެވެ.