ފޭކް ޕާސްޕޯޓެއްގައި ޕެރެގުއޭ އަށް އެތެރެވާން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި، ހައްޔަރުކޮށްފައި ހުރި ބްރެޒިލްގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ރޮނާލްޑީނިއޯ ޖަލުން ދޫކޮށްލައިފިއެވެ.

ފޭކް ޕާސްޕޯޓް މައްސަލައިގައި ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ރޮބާޓޯ ޑި އަސިސް ހައްޔަރުކުރީ މާޗް މަހުގެ ކުރީކޮޅު އެވެ. ޖަލުގައި މުޅިއެކު 32 ދުވަސް ހޭދަކުރުމަށްފަހު ރޮނާލްޑީނިއޯގެ ދެބެން ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާއިރު، މި މައްސަލައިގެ ޓްރަޔަލް ޖެހެންދެން އެ ދެމީހުން ގޭބަންދަށް ލުމަށް ޕެރެގުއޭގެ ކޯޓަކުން ވަނީ އަމުރުކޮށްފައެވެ.

ރޮނާލްޑީނިއޯ ޖަލުން ސަލާމަތްކުރުމަށް އޭނާގެ ލޯޔަރުން ޓީމުން ވަނީ ބޮންޑުގެ ގޮތުގައި 1.3 މިލިއަން ޕައުންޑު ހަރަދުކޮށްފައެވެ. ރިޕޯޓްތައް ބުނާގޮތުން ގޭބަންދުގެ މުއްދަތުގައި ރޮނާލްޑީނިއޯގެ ދެބެން މަޑުކުރާނީ ޕެރެގުއޭގެ ވެރިރަށް އަސުންޝިއޯން ގައި ހުންނަ ހޮޓަލެއްގައެވެ.

ރޮނާލްޑީނިއޯގެ ދެބެންގެ ބަންދަކީ ގަވާއިދާ ހިލާފް ބަންދެއް ކަމަށް އެ ދެމީހުންގެ ވަކީލު ސާޖިއޯ ކުއިރޯޒް ވަނީ މީގެ ކުރިން ތަކުރާރުކޮށް ބުނެފައެވެ. ކުއިރޯޒް ބުނީ ރޮނާލްޑީނިއޯ އަށް ދީފައިވާ ޕާސްޕޯޓަކީ ފޭކް އެއްޗެއް ކަމެއް އޭނާ އަށް ކުރިން ނޭނގޭ ކަމަށެވެ. އަދި ރޮނާލްޑީނިއޯ އަށް ޕާސްޕޯޓް ދިނީ، ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރާ ޗެރިޓީތަކަކުން ސްޕޮންސާކޮށްފައިވާ ކޮންފަރެންސަކަށް އައުމަށް އޭނާ އަށް ދައުވަތު ދިން ފަރާތުން ކަމަށެވެ.

ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭ ހިމެނޭ އުމުރުން މިހާރު 40 އަހަރުގެ ރޮނާލްޑީނިއޯ ވަނީ ބްރެޒިލް އާއެކު 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. ފީފާ އިން ހޮވި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް 2004 އާއި 2005 ވަނަ އަހަރު ހާސިލްކުރި ރޮނާލްޑީނިއޯ އެންމެ ފުރަތަމަ ވިދާލީ ޕީއެސްޖީ އިންނެވެ. ބްރެޒިލްގެ ގްރެމިއޯ އިން 1998 ގައި ކެރިއަރު ފަށައި 2001 ވަނަ އަހަރު ޕީއެސްޖީ އަށް ބަދަލުވެ ޖެހިގެންއައި އަހަރުގެ ވޯލްޑް ކަޕް ބްރެޒިލަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ރޯލެއް އަދާ ކުރުމަށްފަހު ރޮނާލްޑީނިއޯ ސްޕެއިންގެ ބާސެލޯނާ އަށް ބަދަލުވީ 2003 ގަ އެވެ. އެ ކްލަބުގައި އޭނާ ހޭދަކުރި ފުރަތަމަ ތިން އަހަރު ތެރޭ މޮޅު ކުޅުމެއް ދައްކައި ކްލަބާ އެކު ސްޕެނިޝް ލީގު ތިން ފަހަރު އަދި ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އެވެ. ބާސާ އަށް ކުޅެދިން 207 މެޗުން 94 ލަނޑު ޖެހި ރޮނާލްޑީނިއޯ ފާހަގަކުރެވިފައިވަނީ ބާސާ ކޮޅަށް ނަގައި އަލުން ސްޕެއިންގެ ގަދަބާރަކަށް ހަދައިދިން ކުޅުންތެރިޔާގެ ގޮތުގައެވެ.

އަހުލާގީ މައްސަލަތަކާ އެ ނޫން ވެސް ސަބަބުތަކާ ހެދި ރޮނާލްޑީނިއޯ އަށް ބާސާ ޖާޒީގައި މާގިނަ ދުވަހު އެއް ފެންވަރެއްގައި ކުޅެވޭ ގޮތެއް ނުވެ އެންމެ ފަހުން 2008 ވަނަ އަހަރު ބާސެލޯނާ އިން ވަނީ އޭނާ އިޓަލީގެ އޭސީ މިލާނަށް ވިއްކާލައިފައެވެ. އޭގެ ފަހުން 2011 ވަނަ އަހަރު މިލާން ދޫކޮށްލުމަށްފަހު 2015 ވަނަ އަހަރު ކުޅުން ހުއްޓާލަން ދެން އޭނާ ކުޅެފައިވަނީ ބްރެޒިލިއަން ލީގުގެ އެކި ކްލަބުތަކަށެވެ.