މިދިޔަ މަހުގެ ތެރޭގައި ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް ފައްސިވެގެން ފަރުވާ ކުރަން ފެށި ޔުވެންޓަސްގެ ދެ ކުޅުންތެރިން ކަމަށްވާ ބްލެއިޒް މަޓުއިޑީ އާއި ޑެނިއެލް ރުގާނީ އެ ބަލިން އެއްކޮށް ރަނގަޅުވެއްޖެއެވެ.

މި ދެ ކުޅުންތެރިންގެ ތެރެއިން ރުގާނީ އަށް ކޮވިޑް-19 ޖެހުނީ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ. ރުގާނީ އަކީ އިޓަލީ ލީގުން މި ބަލި ޖެހުނު ފުރަތަމަ ކުޅުންތެރިޔާ އެވެ. އަނެއްކޮޅުން މަޓުއިޑީ ވައިރަހަށް ފައްސިވީ މާޗް 18 ވަނަ ދުވަހުއެވެ.

ފްރާންސްގެ މިޑްފީލްޑަރު މަޓުއިޑީ އަދި އިޓަލީގެ ޑިފެންޑަރު ރުގާނީ ކޮވިޑް-19 ވައިރަހުން މުޅިން ރަނގަޅުވެފައިވާ ކަމަށް ޔުވެންޓަސް އިން ވަނީ ކަށަވަރުކޮށްދީފައެވެ. ރިޕޯޓްތައް ބުނާގޮތުން މި ދެ ކުޅުންތެރިންގެ ފަރާތުން މިހާރު ކޮވިޑް-19 ގެ އަލާމާތްތައް ނުފެންނާތީ ހެދި ޓެސްޓުތަކުން ދެއްކީ ނެގެޓިވް ކަމަށެވެ.

އިޓަލީ ލީގަކީ ކޮވިޑް-19 ގެ ކޭސްތައް އެންމެ ގިނައިން ރެކޯޑް ކުރެވުނު ލީގެވެ. ވައިރަހާ ހެދި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން އަންނަ މެއި މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް އެއްވެސް ކުޅިވަރު ހަރަކާތެއް އެ ގައުމުގައި ނުބޭއްވުމަށް އިޓަލީ ސަރުކާރުން ނިންމައިފާއިރު އެގައުމުގެ ފުޓްބޯޅަ ލީގު އަލުން ފެށުމަށްފަހު ބާކީ ހުރި މެޗުތައް ކުރިއަށް ގެންދާނީ ސަޕޯޓަރުން ނުވައްދައި ކަމަށް އިޓަލީގެ އެފްއޭ އިން ވަނީ ހާމަކޮށްފައެވެ.

މަޓުއިޑީ އާއި ރުގާނީ ކޮވިޑް-19 އިން ރަނގަޅުވި އިރު މި ބަލި ޖެހިގެން ފަރުވާ ހޯދި އޭސީ މިލާނުގެ ކުރީގެ ކެޕްޓަން ޕައޮލޯ މަލްޑިނީ އަދި އޭނާގެ ދަރިފުޅު ޑެނިއެލް މަލްޑިނީ ވަނީ ވެސް މި ބަލިން އެއްކޮށް ރަނގަޅުވެފައެވެ. މަލްޑިނީގެ ދެބަފައިންގެ އިތުރުން އިޓާލިއަން ލީގުގެ މަޝްހޫރު ބައެއް ކުޅުންތެރިންގެ ގައިން ކޮވިޑް-19 ވަނީ ފެނިފައެވެ. އޭގެތެރޭގައި ކުރިން އިނގިރޭސި ލީގުގައި ވެސް ކުޅުނު މިހާރު ސަމްޕްޑޯރިއާގެ ފޯވާޑް މަނޯލޯ ގަބިއަޑީނީ އާއި ފިއޮރެންޓީނާގެ ޕެޓްރިކް ކުޓްރޯނޭ އާއި ޖާމަން ޕަޒެއްލާ އާއި ޔުވެންޓަސްގެ ޕައުލޯ ޑިބާލާ ހިމެނެއެވެ.

އިޓަލީ އަކީ ކޮރޯނާވައިރަސް މިހާރު އެންމެ ބޮޑަށް ފެތުރޭ އެއް ގައުމެވެ. އެ ގައުމުން 160000 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާއިރު 21000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އިޓަލީ އިން މަރުވާ މީހުންގެ އަދަދު މިދިޔަ އާދީއްތަ ދުވަހު ވަރަށް ބޮޑަށް މަދުވުމަށްފަހު އިއްޔެ އާއި މިއަދު ވެސް މަރުވި މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ.

ކޮރޯނާ ވައިރަހާ ހެދި ޔޫރަޕްގެ ބޮޑެތި ހުރިހާ ފުޓްބޯޅަ ލީގުތަކެއް ފަސްކޮށްފައިވާއިރު، އެ ބައްރުގެ ގައުމުތަކުގައި ވައިރަސް ޖެހޭ މީހުންގެ އަދަދު ކޮންޓްރޯލް ނުކުރެވި ބައްޔަށް ފައްސިވަމުންދާ މީހުން ދުވަހެއް ދުވަހަަކަށް އިތުރު ވަމުންދާތީ ލީގުތައް އަލުން ހުޅުވުމަށް ކަނޑައަޅާފައިވާ ތާރީހުގައި ފެށުން ނާދިރު ކަމަށް އެކި ފަރާތްތަކުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.