ފަހުވަގުތު ގޮންޒާލޯ ހިގުއައިން ކާމިޔާބުކުރި ގޯލާއެކު 2-3 އިން އިންޓަ މިލާން ބަލިކޮށް އިޓާލިއަން ލީގުގެ އެއްވަނައިގައި ޔުވެންޓަސް އިން ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ރޭގެ މޮޅާއެކު ލީގުގެ އެއްވަނައިގައި ޔުވެންޓަސް މިހާރު އޮތީ 88 ޕޮއިންޓާ އެކުއެވެ. ނަމަވެސް ލީގުގައި ދެވަނައިގައި އޮތް ނަޕޯލީ މިރޭ ކުޅޭ މެޗުން މޮޅުވެއްޖެނަމަ ޔުވެންޓަސްގެ ލީޑު އަނެއްކާވެސް ކުޑަވާނެއެވެ. ނަޕޯލީ ލީގުގެ ދެވަނައިގައި އޮތީ 84 ޕޮއިންޓާ އެކުއެވެ. ރޭ ޔުވެންޓަސް އަތުން ބަލިވި އިންޓަ އޮތީ 66 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގައެވެ.

އިންޓަގެ ސެންސީރޯ ސްޓޭޑިއަމުގައި ރޭ ކުޅުނު މި މެޗުގެ 12 ވަނަ މިނެޓްގައި ޑަގްލަސް ކޯސްޓާ ވަނީ ޔުވެންޓަސް އަށް ލީޑު ނަގާދީފައެވެ. މި ގޯލު ކާމިޔާބުކުރިތާ ފަސް މިނެޓްފަހުން ރެފްރީ ވަނީ އިންޓަގެ ވެޗީނޯ އަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އޭނާ އަށް ރަތްކާޑު ދެއްކީ ޔުވެންޓަސްގެ މާރިއޯ މަންޒުކިޗް އަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެންނެވެ.

10 ކުޅުންތެރިންނާ އެކު މެޗުގެ ބާކީބައި ފުރިހަމަ ކުރަން ޖެހުނު ނަމަވެސް އިންޓަ އިން ވަނީ ފުރަތަމަ ހާފްގައި ވެސް ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ފުރަތަމަ ހާފްގެ ފަހުކޮޅު އިންޓަގެ ކަންދްރޭވާ ޔުވެންޓަސްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއިރު އެ ހަމަލާ ޔުވެންޓަސްގެ ކީޕަރު ބުފޮން ވަނީ ދިފާއުކޮށްފައެވެ.

ޔުވެންޓަސް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނު ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު މައުރޯ އިކާޑީ ވަނީ އިންޓަ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މެޗުގެ 65 ވަނަ މިނެޓްގައި އިންޓަ އިން ވަނީ ދެވަނަ ގޯލު ކާމިޔާބުކޮށް ނަތީޖާ އެޓީމު ކޮޅަށް އަނބުރާލާފައެވެ. އިންޓަގެ ދެވަނަ ގޯލަކީ ޔުވެންޓަސްގެ ޑިފެންޑަރު ބަރްޒާގްލީ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

މި ގޯލަށްފަހު ވެސް އިންޓަ އިން ރަނގަޅަށް ކުޅެމުންދަނިކޮށް މެޗުގެ 82 ވަނަ މިނެޓްގައި ޔުވެންޓަސް އިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ޔުވެންޓަސްގެ މި ގޯލަކީ އިންޓަގެ ޑިފެންޑަރު ސްކްރިނިއާރް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އަދި މެޗުގެ 89 ވަނަ މިނެޓްގައި މި މެޗުން ޔުވެންޓަސް މޮޅުވި ގޯލު ކާމިޔާބުކޮށްދިނީ ހިގުއައިންއެވެ. ހިގުއައިން މި ގޯލު ކާމިޔާބުކުރީ އިންޓަގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

ރޭގެ މޮޅާއެކު ލީގުގެ އެއްވަނައިގައި ޔުވެންޓަސް އިން ލީޑު ފުޅާކުރިއިރު ލީގުގައި އެޓީމަށް ބާކީ ދެން އޮތީ އެންމެ ތިން މެޗެވެ.

އިޓާލިއަން ލީގު ފާއިތުވި ހަ އަހަރު ވެސް ކާމިޔާބުކޮށްފައި ވަނީ ޔުވެންޓަސް އިންނެވެ.