ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ މުސާރަ ދެވޭނީ ފަހަރަކު 23 ކުޅުންތެރިންނަށް ކަމަށް އެފްއޭއެމް އިން ބުނެފިއެވެ.

ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒެއިން ވިދާޅުވީ ގައުމީ ސްކޮޑްގައި ގިނަ އަދަދެއްގެ ކުޅުންތެރިން ތިބި ނަމަވެސް ސަރުކާރުން ކުޅުންތެރިން ނަށް ދޭން ހަމަޖެހިފައިވާ އެލަވެންސް ދެމުން ގެންދާނީ ފަހަރަކު 23 ކުޅުންތެރިން ނަށް ކަމަށެވެ. އަދި މީގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި އެލަވެންސް ދޭ އިރު ކުޅުންތެރިންގެ މެދުގައި ރޮޓޭޓް ކުރުމުގެ ވިސްނުމެއް އެފްއޭއެމް އިން ގެންގުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ހާލަތުގައި ވަރަށް މާލީ ތަނަވަސްކަން ވެސް ދަތި ކުޅުންތެރިން އެބައުޅޭ. ރޮޓޭޓްކުރަމުންދަންޏާ މީގެ މަންފާ ވީހާ ވެސް ގިނަ ކުޅުންތެރިން ލިބޭނެ ގޮތަށް ބަލާފައި އެ ގޮތަށް ކުރިއަށް މިދަނީ." ސުޒޭން ބުންޏެވެ.

ކޮވިޑް-19 ގެ ސަބަބުން ގައުމީ ޓީމުގެ ފަރިތަކުރުންތަށް މެދުކަނޑާލާފައި ވާއިރު އަލުން ފަރިތަކުރުންތަށް ކުރިއަށް ގެންދިއުމަށް ނެގި ގައުމީ ސްކޮޑް އިއުލާން ކުރުމަށް އިއްޔެ ވަނީ އޮންލައިން ނޫސްކޮންފަރެންސެއް އެފްއޭއެމް އިން ބާއްވައިފަ އެވެ. ކޯޗު މާޓިން ކޫޕްމަން ވަނީ މި ކޮންފްރެންސް ގައި 32 ކުޅުންތެރިންގެ ސްކޮޑެއް އިއުލާން ކޮށްފައެވެ.

މި ކުޅުންތެރިންނާއި އެކު އަންނަ މަހު 4 ގައި ފަރިތަކުރުން ތަށް ފަށާނެ ކަމަށް އެފްއޭއިމް ވަނީ ހާމަކޮށްފައެވެ. މި ކޮންފްރެންސްގައި ވާހަކަ ދައްކަވަމުުން އެފްއޭއެމްގެ ޖެނެރަލް ސެކެއްޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ ގައުމީ ސްކޮޑްގައި އާންމުކޮށް 30 ނުވަތަ 35 ކުޅުންތެރިން ތިބޭއިރު ހުރިހާ ކުޅުންތެރިންނަށް ސަރުކާރުން ކަނޑައަޅާފައިވާ އެލަވަންސް އެއްފަހަރާއި ނުދެވޭނޭ ކަމަށެވެ.

މީގެ އިތުރުން އެލަވަންސް ދިނުމުގައި ކުޅުންތެރިންގެ ހާލަތަށް ބަލާނެ ކަމަށާއި އެލަވަންސް ލިބޭ ކުޅުންތެރިން ނަގަން ޖެހެނީ އެފްއޭއެމުން ކަމަށް އޭނާ ވިދާޅުވިއެވެ. ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ހުރިހާ ކުޅިވަރެއް މެދު ކަނޑާލާފައި ވުމުން ކުޅުންތެރިންނަށް ދެމުން ދިޔަ އެލަވަންސްވެސް މި ދޭތެރެއިން ވަނީ މެދު ކަނޑާލާފައެވެ. ނަމަވެސް ޔޫތް މިނިސްޓަރު މަހްލޫފް ވަނީ ކުޅުންތެރިންނާއި ބައްދަލުކޮށް އަލުން އެލަވަންސް ދޭން ނިންމާފައެވެ.