މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ އެފްއޭއެމްގެ އިންތިޚާބު ފަސްކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީން ސްޕޯޓްސް މިނިސްޓްރީގައި އެދިއްޖެއެވެ.

ކޮމިޓީން މިހެން އެދުނީ ސްޕޯޓްސް މިނިސްޓްރީން އެފްއޭއެމަށް ފިޔަވަޅު އަޅައިދޭން އެދި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީހަށް ހުށަހެޅުއްވި ގަރާރު އިޖްތިމާއީ ކޮމިޓީން ދިރާސާކުރަމުން އަންނާތީވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު، ފާތިމަތު ނިޔުޝާ ސޮއިކުރައްވައި މިއަދު ސްޕޯޓްސް މިނިސްޓްރީ އަށް ފޮނުވި ސިޓީގައި އެދިފައިވަނީ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ ނިމެންދެން އިންތިހާބު ފަސްކޮށްދިނުމަށެވެ.

ކޮވިޑް-19އާ ގުޅިގެން ފަސްކުރި އެފްއޭއެމްގެ އިންތިޚާބީ ކޮންގްރެސް ބޭއްވުމަށް ތާވަލުކޮށްފައިވަނީ މިއަދު ހަވީރުއެވެ. ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ، ފީފާއިން ވަނީ މި ތާރީޚުގައި ކޮންގްރެސް ބޭއްވޭނެ ކަމަށް އަންގާފައެވެ.

ކުޅިވަރުގެ ޤާނޫނާއި އެއްގޮތަށް އެފްއޭއެމްއާ ދޭތެރޭ ފިޔަވަޅު އަޅައިދިނުމަށް އެދި މެންބަރު އަލީ އާޒިމް މަޖިލީހަށް ގަރާރު ހުށަހެޅީ މިދިޔަ އަންގާރަ ދުވަހުއެވެ. މި ގަރާރުގައި ބުނެފައިވަނީ ކުޅިވަރު ގާނޫނާއި އަދި ފީފާގެ ހިންގާ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް އެފްއޭއެމް އަށް އެންގުމަށާއި އެ ކަންކަމަށް އަމަލުކުރުމަށް ފަހު މެނުވީ އެ އިދާރާގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށް އަދި މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.

އެފްއޭއެމުން ފީފާގެ ސަމާލުކަމަށް ގަރާރުގެ މައްސަލަ ގެނައުމުން ފީފާ އިން ވަނީ ރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ އިންޒާރެއް ވެސް ދީފައެވެ.

އަލީ އާޒިމް ހުށަހެޅުއްވި ކުއްލި މައްސަލައާ ގުޅިގެން ފުރަތަމަ ޑިވިޝަނުގެ ބައެއް ކްލަބުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭގެ ތެރޭގައި މާޒިޔާ، ޓީސީ ސްޕޯޓްސް ކްލަބު، ކްލަބު އީގަލްސް، ކްލަބު ގްރީން ސްޓްރީޓްސް އަދި ޔުނައިޓެޑް ވިކްޓަރީ ހިމެނެއެވެ. މި ހުރިހާ ކްލަބަކީ ވެސް އެފްއޭއެމްގެ އިންތިހާބުގައި އެ އިދާރާގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް އަށް ތާއީދުކުރާނެކަން އިއުލާނުކޮށްފައިވާ ކްލަބުތަކެވެ.