ށ. ފޯކައިދޫ ޓީމަށް ކުޅެމުން އައި ޒުވާން ފޯވަޑް އަދި އެ ޓީމުގެ ވައިސް ކެޕްޓަން މުހައްމަދު ޖައިލަމް (އޮގީ) ކްލަބް ގްރީން ސްޓްރީޓްސް އަށް ސޮއި ކޮށްފިއެވެ.

އޮގީ ގްރީން އަށް ސޮއިކުރީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އާ ސިޒަނަށް ގްރީން އަށް ސޮއިކުރި އެންމެ ފުރަތަމަ ކުޅުންތެރިޔަކީ އޮގީ އެވެ.

އުމުރުން 20 އަހަރުގެ އޮގީ ކެރިއަރު ފެށީ އުމުރުން 16 އަހަރުގައި ބީޖީ ސްޕޯޓްސް ކުލަބުންނެވެ. އަދި 2016 ވަނަ އަހަރު ޕްރިމިއަ ލީގުން ބީޖީ ރެލިގޭޓް ވުމުން ވިކްޓަރީ އަށް ބަދަލުވި ނަމަވެސް ޓީމުން ފުރުސަތު ނުލިބެން ފެށުމުން އޭރު ދެވަނަ ޑިވިޝަނުގައި ވާދަކުރަމުންދިޔަ ކުރީގެ ކްލަބް ބީޖީއަށް އޮގީ ދެވަނަ ފަހަރަށް ބަދަލުވިއެވެ.

އެއަށް ފަހު ޔޫތު ޗެމްޕިއަންޝިޕުގައި ކްލަބް އީގަލްސް އަށާއި މިިނިވަން ޗެމްޕިއަންޝިޕުގައި އއ. މާޅޮސް ފުޓުބޯޅަ ޓީމަށް ވެސް ކުޅުނު އޮގީ ފޯކައިދޫއަށް ބަދަލުވީ 2018 ވަނަ އަހަރުގެ ޕްރިމިއަ ލީގަށެވެ. އެ އަހަރު އޮގީ ވަނީ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ހޮވި އެންމެ އުއްމީދީ ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ. އޮގީ ވަނީ ޕްރިމިއަ ލީގުގައި އެ ފަހަރު ފޯކައިދޫ އަށް ހަ ގޯލު ކާމިޔާބު ކޮށްދީފައެވެ.

މިދިޔަ އަހަރު އަނިޔާވެ ސީޒަންގެ ވަކި ހިސާބަކުން ކުޅުމާ ދުރަށް ދާން ޖެހުނު ނަމަވެސް އާ ސީޒަން ފެށެންވާ އިރަށް އޮގީ ފިޓް ވާނެ ކަމަށް ގްރީންއިން ބުނެއެވެ. އޮގީގެ ވާތު ކަކުލުގެ ލިގަމެންޓް ހަލާކުވީ މިދިޔަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ޕްރިމިއަ ލީގުގައި ކްލަބް އީގަލްސް އާ .ވާދަކޮށް 3-2 އިން ފޯކައިދޫ މޮޅުވި މެޗުގައެވެ.

ގައުމީ 23 އަހަރުން ދަށުގެ ޓީމުގައި ވެސް ހިމެނޭ އޮގީ ވަނީ މިދިޔަ އަހަރު އޮތް އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގެ އިތުރުން މިދިޔަ އަހަރު ނޭޕާލުގައި އޮތް ސައުތު އޭޝިއަން ގޭމްސްގައި ވެސް ކުޅެފައެވެ.

އޮގީ އަށްފަހު ގްރީން އަށް ބަދަލު ވާނެ ކަމަށް ދެން ބެލެވޭ ކުޅުންތެރިޔަކީ މިދިޔަ އަހަރު ފޯކައިދޫއަށް ކުޅުނު ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު އަންސަރު އިބްރާހިމް (އަންކޮ) އެވެ. ގްރީން އަށް ކުޅުނު ސީނިއާ ބައެއް ކުޅުންތެރިން މި ސީޒަންގައި އެ ޓީމު ދޫކޮށްލާނެ ކަމަށް ބެލެވެއެވެ. މުހައްމަދު އުމޭރު، މުހައްމަދު އާރިފް (ބަކާ) އަހްމަދު ރަޝީދު (އަންމަޑޭ) ކުރިއަށް އޮތް ސީޒަންގައި އެ ކްލަބުގައި މަޑު ކުރާނެ ކަމަކަށް ނުބެލެވެއެވެ.