ޔޫތު ސިޓީ ފުޓްސަލް ކަޕްގެ ފިރިހެން ޑިވިޝަންގައި ގްރީން ސްޓްރީޓްސް ކަޓުވާލުމަށްފަހު، މުބާރާތް ކުރިއަށް ގެންދާ ހުޅުމާލޭގެ ފްލެޓް 7 އިން ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން އިންތިޒާމް ކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދާ ޔޫތް ސިޓީ ފުޓްސަލް މުބާރާތުގެ ކުއާޓާގެ މެޗުތައް ކާމިޔާބުކޮށް، ސެމީން ޖާގަ ހޯދާފައި ވަނީ އެންމެ ފަހުގެ ޗެމްޕިއަން ބަޖިޔޭއާއި އެފްސީ ދާއެޅުން އަދި ލ. ގަން އެފްސީއާއި ހުޅުމާލެ ފްލެޓް 7 ކެވެ.

ރޭ ކުރިއަށް ދިޔަ ކުއާޓާ މެޗުތަކުގެ ތެރެއިން ގްރީންގެ މައްޗަށް ފްލެޓް 7 އިން ކުރި ހޯދީ 4-3 ގެ ނަތީޖާއިންނެވެ. އެ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނުއިރު 2-2ގެ ނަތީޖާއިން ދެ ޓީމް ވަނީ އެއްވަރުވެފައެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ފްލެޓް 7ގެ އަބްދުﷲ ޒިޔާނާއި އާސިފް އަލީއާއި އާފިގް ރަޝީދު ފޮނުވާލި ޕެނަލްޓީތައް ކާމިޔާބުކުރި އިރު، އެޓީމުގެ އާދަމް ލަޔާލް އަލީ ޝަރީފް ފޮނުވާލި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. އަދި ގްރީން ސްޓްރީޓްސްގެ އިސްމާއިލް ނަސީމާއި ޖުނާން އަބްދުލް މަޖީދު ފޮނުވާލި ޕެނަލްޓީތައް ކާމިޔާބުކުރި އިރު، އެޓީމުގެ އަބްދުﷲ ސިނާނާއި މުހައްމަދު މިމްސާހު ފޮނުވާލި ޕެނަލްޓީތައް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ފްލެޓް 7ގެ ކީޕަރު އަބްދުﷲ އުސައިދު އަބްދުލް ހަމީދު ވަނީ ދިފާއުކޮށްފައެވެ.

ކުއާޓާގެ އެހެން މެޗުތަކުގެ ތެރެއިން އެންމެ ފަހުގެ ޗެމްޕިއަން ބަޖިޔޭ ވަނީ 8-1 ގެ ނަތީޖާއިން ތިމަރަފުށި ޔޫތު ޕްލޭޔާސް ބަލިކޮށްފައެވެ. ބަޖިޔޭ އިން ޖެހި އަށް ލަނޑުގެ ތެރެއިން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ޔާމީން މުހައްމަދާއި އަބްދުﷲ ޝާފިއު، އެއިން ކޮންމެ ކުޅުންތެރިޔަކު ތިން ލަނޑު ކާމިޔާބުކޮށްދިންއިރު، އެޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް މުބީން އަހްމަދު ރަޝީދު (މުއްކި) އާއި މުހައްމަދު ސުޖާން އަހްމަދެވެ. ތިމަރަފުށި ޔޫތު ޕްލޭޔާސްގެ ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ މާނިހެވެ.

ކުއާޓާގައި ދެން ކުޅުނު މެޗުގައި މައްޗަންގޮޅި ޒުވާނުންގެ ގުޅުން (އެމްޒެޑްޖީ) އަތުން އެފްސީ ދާއެޅުން މޮޅުވީ 3-0 ގެ ނަތީޖާއިންނެވެ. އެ މެޗުގައި އެފްސީ ދާއެޅުން ޓީމުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަލީ ހާފިޒް ކާމިޔާބުކޮށްދިން އިރު، އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އިމްރާނެވެ.

ކުއާޓާގެ ފަހު މެޗުގައި ނޮއޭނާއާގެ ލ. ގަން އެފްސީ ކުރި ހޯދީ 3-2ގެ ނަތީޖާއިންނެވެ. އެ މެޗުގައި ލ. ގަން އެފްސީން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަހްމަދު ހަލީމް ކާމިޔާބުކޮށްދިން އިރު، އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ ޖުނައިދެވެ. ނޮއޭނާގެ ދެލަނޑު ކާމިޔާބުކޮށްދިނީ އަލީ ޝިފާއުއާއި އަލީ ހައިސަމްއެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ސެމީގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ މިރެއެވެ. އެގޮތުން ސެމީގެ ފުރަތަމަ މެޗުގައި އެފްސީ ދާއެޅުމާއި ފްލެޓް 7 ބައްދަލުކުރާ އިރު، ސެމީގެ ދެވަނަ މެޗުގައި ލ. ގަން އެފްސީ ނުކުންނާނީ ބަޖިޔޭއާ ދެކޮޅަށެވެ.

ޖުމްލަ 136 ޓީމާއެކު ފެށިގެން ކުރިއަށްދާ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި 120 ޓީމު، އަދި އަންހެން ޑިވިޝަނުގައި 16 ޓީމު ވާދަކުރެއެވެ. މުބާރާތުގެ ފިރިހެން ޑިވިޝަން މެޗުތައް ކުރިއަށް ދަނީ ނޮކްއައުޓް އުސޫލުންނެވެ. އަދި އަންހެން ޑިވިޝަން ކުރިއަށްދަނީ ހަތަރު ގްރޫޕަކަށް ބަހާލުމަށްފަހު، ގްރޫޕް ސްޓޭޖް މެޗުތައް ނިމުމުން އެންމެ ކުރީގައި އޮންނަ ދެ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.

މިފަހަރުގެ މުބާރާތުގެ ފައިސާގެ އިނާމްތައް ބޮޑުކޮށް ޗެމްޕިއަން ޓީމަށް 100,000 ރުފިޔާ، ރަނަރަޕް ޓީމަށް 50,000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 25,000 ރުފިޔާ ވަނީ ހުށަހަޅާފަ އެވެ.