ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައި މިރޭ ބަޔާން އާއި ފުރާންސްގެ ލިޔޯން ބައްދަލު ކުރި މެޗު ބަޔާން މެނިކް ކާމިޔާބުކޮށް ޗެމްޕިއަންސް ލީގު ފައިނަލަށް ދަތުރު ކޮށްފިއެވެ.

ޕޯޗުގަލްގެ އެސްޓާޑިއޯ ޖޯސް އަލްވަލަޑޭ ސްޓޭޑިއަމުގައި މިރޭ ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗުން ބަޔާން ލިޔޯންގެ މައްޗަށް ކުރި ހޯދީ 0-3 ގެ ނަތީޖާއަކުންނެވެ.

މި މޮޅާ އެކު މިމަހުގެ 24 ވަނަ ދުވަހު ކުޅޭ ފައިނަލުން ބަޔާން ޖާގަ ހޯދި އިރު މިއީ އެ ޓީމުން މި މުބާރާތުގައި ވާދަކުރަން ފެށީންސުރެއް ފައިނަލުން ޖާގަ ލިބުނު 6 ވަނަ ފަހަރެވެ.

މެޗުގެ ފުރަތަމަ ހާފްގައި ދެ ލަނޑު ފެނިގެން ދިޔައިރު މި ދެ ލަނޑުވެސް ބަޔާން އަށް ކާމިޔާބުކޮށް ދިނީ ސާޖް ގްނަބްރީއެވެ. ލިޔޯންއަށް ފުރަތަމަ ހާފް ކުރީކޮޅުގައި ލަނޑު ޖަހާނޭ ދެ ފުރުސަތު ލިބި ބޭނުން ނުހިފުނުއިރު ފުރަތަމަ ލަނޑު 18 ވަނަ މިނެޓްގައި ބަޔާން ކާމިޔާބު ކުރިއިރު ދެވަނަ ލަނޑު ގްނަބްރީ ކާމިޔާބު ކުރީ ލެވަންޑޮސްކީގެ އެހީތެރިކަމާއި އެކުގައެވެ.

ދެވަނަ ހާފްގައި ކުޓީނިއޯ ކާމިޔާބު ކުރި ލަނޑެއް އޮފްސައިޑު ކަމަށް ރެފްރީ ނިންމިއިރު ބަޔާންގެ ތިން ވަނަ ލަނޑު ލެވަންޑޮސްކީ ބޮލުން ކާމިބުކުރީ މެޗުގެ ފަހުވަގުތު ކޮޅުގައެވެ. މި ލަނޑާއި އެކު ލެވަންޑޮސްކީ މުބާރާތުގައި އޭނާގެ 15 ވަނަ ލަނޑު ކާމިޔާބު ކުރިއިރު އެއްސީޒަން އެއްގައި އެންމެ ގިނަ ލަނޑު ލީގުގައި ޖެހި ކުޅުންތެރިޔާ ރޮނާލްޑޯގެ ރެކޯޑާއި ހަމަކުރަން ދެން ބޭނުންވަނީ އެންމެ ދެ ލަނޑެވެ.

މި މޮޅާއި އެކު ބަޔާން ޗެމްޕިއަންސް ލީގުގައި 10 ވަނަ މޮޅު ކާމިޔާބު ކުރިއިރު އެ ޓީމު ވަނީ މިދިޔަ ޑިސެމްބަރު މަހުން ކުޅުނު 28 މެޗުން އަދި ބަލިނުވެފައެވެ. ޗެމްޕިއަންސް ލީގު ފައިނަލުގައި މި މަހު 24 ގައި ބަޔާން ނިކުންނަން ޖެހޭނީ ރޭ ލެއިޕްޒިގް ބަލިކޮށް ފައިނަލަށް ދަތުރުކުރި ޕީއެސްޖީއާއި ދެކޮޅަށެވެ.