ވެމްކޯ ބަލިކޮށް ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން މާފަންނު ޔޫތު ޓީމުން ހޯދައިފިއެވެ.

ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން މާފަންނު ޔޫތު ޓީމުން ހޯދީ ރޭ ޔޫތު ސެންޓަރުގައި ކުޅުނު ފައިނަލް މެޗުގައި ޓީމް ވެމްކޯގެ މަށްޗަށް ކުރި ހޯދައިގެންނެވެ.

މެޗު ފުރަތަމަ ދެ ސެޓް ފަންސަވީސް އެކާވީހުން އަދި ފަންސަވީސް ތޭވީހުން ކާމިޔާބުކޮށްފައިވަނީ މާފަންނު ޔޫތު ޓީމުންނެވެ. މެޗުގެ ތިންވަނަ ސެޓް އަދި ހަރަތުވަނަ ސެޓް ފޯރިގަދަ ކުޅުމަކަށް ފަހު ވެމްކޯއިން ކާމިޔާބު ކުރިއިރު ނަތީޖާ ނެރެން ކުޅުނު ފަސްވަނަ ސެޓް ކުޑަ ތަފާތަކުން ވެމްކޯގެ މަށްޗަށް ކުރި ހޯދައި ކާމިޔާބުކޮށްފައިވަނީ މާފަންނު ޔޫތު ޓީމުންނެވެ. އެ ސެޓް މާފަންނު ޔޫތު ޓީމުން ކާމިޔާބުކޮށްފައިވަނީ ފަނަރަ ތޭރައިންނެވެ.

ވެމްކޯ އާއި މާފަންނު ޔޫތު ބައްދަލުކުރި މެޗް – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
ވެމްކޯ އާއި މާފަންނު ޔޫތު ބައްދަލުކުރި މެޗް – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

ފައިނަލްމެޗުގެ މޮޅު ކުޅުންތެރިއަކަށް މާފަންނު ޔޫތު ޓީމުގެ ޖާޒީ ނަންބަރު 9 އައިސަތު މާޖިދާ ހޮވުނު އިރު މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް ކުލަބުގެ އައިމިނަތު ސަހާއެވެ.

އަދި މުބާރާތުގެ ބެސްޓް އައުޓްސައިޑް އެޓޭކަރަކަށް ވެމްކޯގެ ޝައުފާ އާދަމް ހޮވުނު އިރު ބެސްޓް މިޑްލް ޕްލޭޔަރަކަށް ހޮވިފައިވަނީ ވެމްކޯގެ ހައްވާ ސަހާއެވެ. އަދި ބެސްޓް ސެޓަލާއަކަށް ވެމްކޯގެ ފާތިމަތު ސޫޒަން ޒަރީރު ހޮވުން އިރު ބެސްޓް ލިބެރޯ ކުޅުންތެރިއަކަށް ހޮވިފައިވަނީ ވެމްކޯގެ ސިލްމާ ޒާހިރު އެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކީ މާފަންނު ޔޫތު ކުލަބުގެ ކޯޗު ޝަފްވާން އަހްމަދެވެ.