ސްވިޑަންގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޒަލަޓަން އިބްރާހިމޮވިޗް އިޓަލީގެ އޭސީ މިލާނާއި އެކު ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ. އޭނާ އެއްބަސްވުން އާކޮށްފައި ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

މިދިޔަ ޖެނުއަރީ މަހު އިބްރާހިމޮވިޗް މިލާނާއި ގުޅުނު އިރު އޭނާ ކުރިންވެސް ވަނީ އެ ޓީމަަށް ކުޅެފައެވެ. 2021 ވަނަ އަހަރުގެ ޖޫން މަހާއި ހަމައަށް އާ އެއްބަސް ވުމުގައި އޭނާ ސޮއި ކުރިއިރު އަހަރަކު 6.2 މިލިއަން ޕައުންޑު އޭނާ އަށް ލިބޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އުމުރުން 38 އަހަރުގެ އިބްރާހިމޮވިޗް ޖެނުއަރީ މަހު އަލުން އަބުރާ މިލާނާއި ގުޅުނީ ހަމަސްދުވަހުގެ އެއްބަސްވުމެއްގައެވެ. މިލާނާއި އެކު އޭނާ ވަނީ ނިމިގެންދިޔަ ސީޒަންގައި އެ ޓީމަށް 18 މެޗު ކުޅެދީ 10 ލަނޑު ކާމިޔާބު ކޮށްފައެވެ. މިލާނަށް އަންނަ ސީޒަންގައި ޔޫރަޕާ ލީގުން ޖާގަ އެއް ހޯދުމަށް އިބްރާހިމޮވިޗް އިސް ދައުރެއް އަދާކުރި އިރު އޭސީ މިލާން ސީޒަން ނިންމާލީ އިޓާލިއަން ލީގުގެ ތާވަލްގެ ހަވަނާގައި އޮވެގެންނެވެ.

ކުރިން ވާދަވެރި އިންޓަ އާއި މެންޗެސްޓާ ޔުނައިޓަޑް އަދި ބާސާ އަށް އޭނާ ކުޅެދީފައި ވާއިރު އަނެއްކާ މިލާނާއި ގުޅުނީ އެމެރިކާ ލީގުގައި އެލްއޭ ގެލެކްސީގައި މޮޅު ކުޅުމެއް ކުޅެފައެވެ. އޭނާ ވަނީ އެ ޓީމަށް 58 މެޗު ކުޅެދީ 53 ލަނޑު ކާމިޔާބު ކޮށްފައެވެ. ކުރިން އިބްރާހިމޮޗިވް 2010 ވަނަ އަހަރުގައި މިލާނާއި ގުޅުނު އިރު އެ އަހަރު އޭނާ ވަނީ އެ ޓީމާއި އެކު ސެރިއާ އޭ ކާމިޔާބު ކޮށްފައެވެ.