ރާއްުޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްސަލް ދަނޑު އެޅުމުގެ މަޝްރޫއުގެ ދަށުން މ. މުލީގައި ސަރުކާރުން އެޅި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ.

މި ދަނޑުގެ މަސައްކަތް ކޮށްފައިވަނީ ޓްރިޕަލް އެއިޓް ކުންފުންޏާއެވެ. މި ކުންފުންޏަކީ ގިނަ ދަނޑުތަކެއްގެ މަސައްކަތް މިހާތަނަށް ކޮށްފައިވާ ކުންފުންޏެކެވެ.

މި ދަނޑު ހަދާފައިވަނީ ފެންވަރު ރަނގަޅު ޓާފްއަކާއި ބެންޗުގެ އިތުރުން ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓް ވެސް ހަރުކޮށްގެންނެވެ.

މި މަސައްކަތަށް 1,165,043 (އެއް މިލިޔަން އެއް ލައްކަ ފަސްދޮޅަސް ފަސްހާސް ސަޅީސް ތިނެއް) ރުފިޔާ ޚަރަދުވެފައިވާ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

މަސައްކަތް ނިންމާލިކަން އިއުލާން ކުރައްވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ރަށު ކައުންސިލާއި ޒުވާނުން އެދުނު ގޮތަށް ދަނޑުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ދަނޑުގެ މަސައްކަތުގައި އެހީތެރިވެދެއްވީތީ އެ ރަށުގެ ކައުންސިލާއި، ޒުވާނުންނާއި، އަދި އެރަށް ހިމެނޭ ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އިކްރާމް ހަސަނަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.

މުލީގެ އިތުރުން ރާއްޖޭގެ ގިނަ ރަށްރަށެއްގެ ފުޓްސަލް ދަނޑުގެ މަސައްކަތް ވަނީ ނިންމާފައެވެ. އަދި ގިނަ ދަނޑުތަކެއްގެ މަސައްކަތް މިހާރުވެސް ދަނީ ކުރިޔަށެވެ.

މިއީ ކުރިން އެޅީ ފުޓްސަލް ދަނޑުތަކަށްވުރެ ފެންވަރުގެ ގޮތުން ރަނގަޅު ދަނޑުތަކެއް ކަމަށް ކުޅިވަރާބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ. އަދި މިއިން ކޮންމެ ދަނޑެއްގައި ވެސް ރޭގަނޑު ކުޅެވޭނެ އިންތިޒާމު ހަަމަޖެހިފައިވާނެ ކަމަށް އެވުޒާރާއިން މައުލޫމާތުދެއްވައެވެ.