މެންޗެސްޓަރ ޔުނައިޓެޑްގެ ސަޕޯޓަރުންނަށް ހާއްސަކޮށް އުފައްދާފައިވާ ކްލަބް މެންޗެސްޓަރ ޔުނައިޓެޑް ސަޕޯޓަރސް ކްލަބް މޯލްޑިވްސް (އެމް.ޔޫ.އެސް.ސީ.އެމްވީ) ގެ މެއިން ސްޕޮންސަރ އޮލިވް ގާޑަންގެ ފަރާތުން ހާއްސަ ޗެލެންޖްތަކެއް އިއުލާނުކޮށްފިއެެވެ

އޮލިވް ގާޑަން ރެސްޓޯރަންޓަކީ މި ޖަމްއިއްޔާގެ މެއިން ސްޕޮންސަރެވެ. އެ ރެސްޓޯރަންޓުގެ ފަރާތުން މިމަހުގެ 17 އިން ފެށިގެން ޔުނައިޓެޑު ކުޅޭ ދުވަހު "އޮލިވް ޕިއްޒާ ޗެލެންޖް" ގެ ނަމުގައި ނަތީޖާ ދިމާކުރުމަށް ހުޅުވާލެވޭނެ އެވެ. މި ފުރުސަތު ހުޅުވާލާނީ ޖަމްއިއްޔާގެ ފޭސްބުކް އެކައުންޓުންނެވެ.

ނަތީޖާ ދިމާކުރުމުގެ ފުރުސަތު މެޗު ފެށުމުގެ އެއް ދުވަސް ކުރިން ހުޅުވާލެވޭނެއެވެ. އަދި މެޗު ފެށުމާއެކު ނަތީޖާ ދިމާކުރުމުގެ ދޮރު ބަންދުވާނެއެވެ. ނަތީޖާ ދިމާކުރާ ފަރާތަކަށް އޮލިވް ގާޑެން ޕިއްޒާއެއް ލިބިގެންދާނެއެވެ.

ދެން ހުޅުވާލާ ޗެލެންޖަކީ ޔުނައިޓެޑް ކުޅޭ މެޗުތަކުގައި އެންމެ ފުރަތަމަ ގޯލުޖަހާ ކުޅުންތެރިޔާ ދިމާކުރާ މީހަކަށް އޮލިވް ގާޑަންގެ ފަރާތުން ދޭ ހާއްސަ 200 ރުފިޔާގެ ވައުޗާ އެކެވެ. މި ވައުޗާ އިން އޮލިވް ގާޑަން އިން އެ އަދަދަށް ވިޔަފާރިކުރެވޭނެ އެވެ. މި ޗެލެންޖްތަކުގައި ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެ ކަމަށް ޖަމްއިއްޔާއިން މައުލޫމާތުދެއެވެ.

ރާއްޖޭގައި ތިބި ޔުނައިޓެޑުގެ ސަޕޯޓަރުންނަށް ހާއްސަކޮށް މަސައްކަތް ފެށި މި ޖަމްއިއްޔާއިން ވަނީ ދާދިފަހުން މެމްބަޝިޕް ކާޑު އިފްތިހާހުކޮށްފައެވެ. އެންމެ ފުރަތަމަ މެމްބަރަކީ ރާއްޖޭގެ ތަޖުރިބާކާރު ކޯޗު އަލީ ސުޒެއިންއެވެ.