އަންނަ މަހުގައި ކުޅެން ހަމަޖެހިފައިވާ އިންގްލޭންޑާއި ނިއުޒިލެންޑު ބައްދަލުކުރާ އެކުވެރިކަމުގެ ފުޓުބޯޅަ މެޗަށް ނިއުޒިލެންޑުގެ ގައުމީ ޓީމުން ނުދާން ނިންމައިފިއެވެ.

ނިއުޒިލެންޑުގެ ގައުމީ ޓީމުން ބުނީ އެ ޓީމުން އެގޮތަށް ނިންމީ ކުޅުންތެރިންނާއި ދަތުރުފަތުރު ކުރުމުގެ މައްސަލަތަކުގެ ސަބަބުން ކަމަށެވެ. ނޮވެމްބަރު މަހު 12 ގައި އިގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗަށް ނުދާން ނިންމާ ނިއުޒިލަންޑުގެ ފުޓުބޯޅަ އިދާރާ (އެންޒެޑްއެފް) އިން ބުނީ މި ނިންމުމަކީ ކުޅުންތެރިންގެ ކެރިއަރަށް ބަލާފައި ނިންމި އެންމެ ރަނގަޅު ނިންމުން ކަމުގައެވެ.

އެންޒެޑްއެފުން ހާމަކުރި ގޮތުގައި ގައުމީ ޓީމާއި ކުޅުންތެރިން އަލުން ގުޅުމަށް ވަރަށް ގިނަ ކުޅުންތެރިން ކަރަންޓީނު ފުރިހަމަ ކުރަންޖެހޭނެ ކަމަށާއި އެކަމުގެ ސަބަބުން ޑޮމެސްޓިކް ސީޒަނަށް އެކަމުގެ އަސަރުކުރާނޭ ކަމަށެވެ.

މިދިޔަ އަހަރު ނޮވެމްބަރު މަހު ލިތުއޭނިއާ އާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗަށްފަހު ނިއުޒީލޭންޑް މިހާތަނަށް މެޗެއް ކުޅެފައި ނުވެއެވެ.

މިއަހަރު މާޗު މަހުގައި ނިއުޒިލޭންޑުން އޮމާން އާއި ބަހަރެެއިން އާއި އެކުވެރިކަމުގެ މެޗުތައް ކުޅެން ހަމަޖައްސާފައި ވީނަމަވެސް ކޮވިޑް-19 ގެ ބަލިމަަޑުކަމުގެ ސަބަބުން މި މެޗުތައް ވަނީ ނުކުޅެން ނިންމާފައެވެ. 1991 ވަނަ އަހަރުގެ އެކުވެރިކަމުގެ މެޗަށްފަހު އިނގިރޭސި ގައުމީ ޓީމުން މިހާތަނަަށް ނިއުޒިލެންޑާއި ދެކޮޅަށް މެޗެއް ކުޅެފައި ނުވެއެވެ. މި މެޗު ގްރެހަމް ޓެއިލާގެ ކޯޗުކަމުގައި 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިގިރޭސި ގައުމީ ޓީމުންނެވެ.