ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަދި މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކުލަބަށް ކުޅުނު އަކުރަމް އަބްދުލް ޣަނީ (އަކޫ) ކުލަބް ވެލެންސިޔާއަށް ސޮއިކޮށްފިއެވެ.

މިއީ އަކޫ ގެ ފުޓުބޯޅަ ކެރިއަރު 2006 ގައި ފެށި ފަހުން ކުލަބް ވެލެންސިޔާއަށް އޭނާ ބަދަލުވި ހަތަރުވަނަ ފަހަރެވެ. އެއަށްފަހު އަކޫ ވަނީ 2013 ވަނަ އަހަރާއި 2016 ވަނަ އަހަރުވެސް ވެލެންސިޔާއަށް ކުޅެފައެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ގިނަ ކުލަބުތަކަށްވެސް އަކޫ ކުޅުނެވެ. އެގޮތުން ނިއުރޭޑިއަންޓާއި މާޒިޔާގެ އިތުރުން ވިކްޓްރީއާއި ވީބީ އައްޑޫ އެފްސީއަށް ވެސް އޭނާ ކުޅުނެވެ.

ސަރަހައްދުގެ އެންމެ ޝަރަފްވެރި ފުޓުބޯޅަ ތަށި ކަމަށްވާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ތަށި 2008 ވަނަ އަހަރާއި 2018 ވަނަ އަހަރު ހޯދި ޓީމުގައިވެސް ހިމެނުނު އަކޫ އަކީ 2018 ވަނަ އަހަރު ތަށި ހޯދި ޓީމުގެ ކެޕްޓަނެވެ. އަކޫ އެންމެފަހުން ކުޅުނީ ޓީސީ ސްޕޯޓްސް ކުލަބަށެވެ. ނަމަވެސް މާލީ މައްސަލަތައް ޓީސީއަށް ކުރިމަތިވުމާއެކު އެ ކުލަބަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. ނަތީޖާއެއްގެ ގޮތުން އެ ކުލަބުގެ ގިނަ ކުޅުންތެރިން އެހެން ކުލަބުތަކަށް ބަދަލުވާން ޝައުގުވިއެވެ.

ޒާން ވެލެންސިޔާއަށް ސޮއިކުރުމަށްފަހު

މީގެއިތުރުން ސްޕެއިނުގެ ހަތަރުވަނަ ޑިވިޝަނުގެ ޔޫޑީ ކެނަލްސްއަށް ކުޅުނު އުއްމީދީ ކުޅުންތެރިޔާ ޒާން ވެސް ވަނީ އަންނަ ސީޒަނުގައި ކުލަބް ވެލެންސިޔާއަށް ކުޅޭނެކަން ހާމަކޮށްފައެވެ.

ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރުކަން ކޮށްފައިވާ ޒާން ވަނީ މީގެކުރިންވެސް ވެލެންސިޔާއަށް ކުޅެފައެވެ. އުމުރުން 15 އަހަރުގައި 2016 ވަނަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕުގައި ޒާން ކުޅުނުއިރު އޭގެފަހުން ވެލެންސިޔާގެ ސީނިއާ ޓީމަށްވެސް އޭނާ ކުޅުނެވެ.

ޒާންގެ އިތުރުންވެސް ޓްރާންސްފާ ބާޒާރުގައި ވެލެންސިއާއިން އިތުރު ކުޅުންތެރިން ގެންދާނެ ކަމަށް ބެލެވެއެވެ.