މާލޭގެ ގިނަ ބަޔަކު މޫދަށް އެރުމަށް ބޭނުންކުރަމުން އަންނަ ފަތާ ޓްރެކް ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން އެ ސަރަހައްދުގައި ޑައިވިންގް ޕްލެޓްފޯމެއް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޔޫތް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މި ޕްރޮޖެކްޓްގައި ރަޖިސްޓްރީކުރުމަށް މި މަހުގެ 21 ގެ ކުރިން ރަޖިސްޓްރީ ފޯމް ފުރިހަމަކޮށް ރަޖިސްޓްރީ ކުރަންޖެހޭނެކަމަށެވެ. އަދި ރަޖިސްޓްރީ ވެވޭނީ އޮންލައިންކޮށް ކަމަށާއި ބިޑު ކުރެވޭނީ މި މުއްދަތުގެ ކުރިން ރަޖިސްޓްރީ ވާ ފަރާތްތަކަށް އެކަނިކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ސައިޓް ބަލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިމަހުގެ 24 ވާ ހޮނިހިރު ދުވަހުގެ 11:00 ގައި މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި ލިބިގެންދާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ބިޑު ހުށަހަޅާ ފަރާތްތަކުގެ އަތުން ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 20،000 ރުފިޔާ ނަގާއިރު އޭގެ މުއްދަތަކީ ބިޑަށް ހުޅުވާލާ ތާރީހުން ފަށައިގެން 30 ދުވަހެވެ.

ބިޑު ހުށަހެޅުމާއި ބިޑަށް ހުޅުވާލުން އޮންނާނީ މި މަހުގެ 27 ވަނަ ދުވަހުގެ 11:00 ގައި ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މީޓިންގް ރޫމް ގައެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގައި މި ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތް މާޒިޔާ ކޮންސްޓްރަކްޝަނާއި ހަވާލުކުރެވިފައިވާ އިރު އެކުންފުނިން އެސަރަހައްދުގައި ސިޑިބަރިއަކާއި ފާހަނައެއް އަދި ފެންވެރޭނެ ވަސީލަތްތައް ގާއިމް ކުރާނެއެވެ.

މާލޭ ފަތާ ޓްރެކުގެ މަސައްކަތް ނޮވެމްބަރު މަހަށް ނިންމާލެވޭނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް މީގެ ކުރިންވަނީ ވިދާޅުވެފައެވެ. އެ މަސައްކަތް ބާރު ސްޕީޑެއްގައިި މިހާރުވެސް ދަނީ ކުރިޔަށެވެ.