އޭޝިއަން ސެންޓްރަލް ޒޯނަލް ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސަކަށް ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް އިންތިޚާބުކޮށްފިއެވެ.

ލަތީފް މި އިންތިޚާބު ކާމިޔާބުކުރީ ބަނގްލަދޭޝް ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސާއި ވާދަކޮށް އެއް ޤައުމު ފިޔަވާ އެހެން ހުރިހާ ޤައުމެއްގެ ތާއީދު ހޯދައިގެންނެވެ. މި ވޯޓުގައި ޖުމްލަ 14 ޤައުމަކުން ވަނީ ބައިވެރިވެފައެވެ. މި އެސޯސިއޭޝަނުގެ ނައިބަކަށް ހޮވުނީ އިންޑިއާ ވޮލީބޯޅަ އެސޯސިއޭޝަންގެ ނައިބު ރައީސެވެ.

"ވަގުތު ސްޕޯޓްސް" އާއި ވާހަކަދައްކަމުން ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ މިއީ ރާއްޖޭގެ ވޮލީއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި ތަފާތުކުރުމެެއް ނެތި މި މަޤާމުގެ ޒިންމާ އަދާކުރާނެ ކަމަށެވެ. އަދި މިއީ ކުޑަކުޑަ ޤައުމެއް ނަމަވެސް މިކަމުން އަންގައިދެނީ ރާއްޖޭގެ ވަރުގަދަކަން، ކަމަށްވެސް ލަތީފް ވިދާޅުވިއެވެ.

މީގެއިތުރުން ލަތީފް ވަނީ މިހާރުގެ ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފަށްވެސް ޝުކުުރުއަދާކޮށްފައެވެ. އަދި ކުޅިވަރު ކުރިއަރުވަން މަހުލޫފު ކުރައްވާ މަސައްކަތަށް ލަތީފް ވަނީ ޝުކުރުއަދާކޮށްފައެވެ.

"މި ކާމިޔާބަކީ ވޭތުވެދިޔަ ނިމިދިޔަ ރައީސް ޔާމީނުގެ ސަރުކާރާއި މިހާރުގެ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބޮޑު އެއްބާރުލުމާއެކު ލިބުނު ކާމިޔާބީއެއް، ދެ ދަައުރުގެ ރައީސުންނަށްވެސް ޝުކުރު، އުއްމީދުކުރަނީ ވޮލީގެ އާއިލާ ގުޅިގެން ކަންކަން ނިންމުން، މިއީ ވަރަށް ބުރަ މަސައްކަތުން ލިބުނު މަޤާމެއް، ވަޒީރު ވަނީ ވޮލީ ކޯޓުތަކަށް ވަޑައިގެން ވޮލީ ކުރިއެރުވުމަށް މަސައްކަތް ކޮށްދެއްވާފައި. އަދި ވޮލީގެ ކުރިއެރުމަށް ވަޒީރު ގިނަ ކަންތައްތައް ކޮށްދެއްވާ " ވަގުތު ސްޕޯޓްސް އާއި ވާހަކަދައްކަމުން ލަތީފް ވިދާޅުވިއެވެ.

މި ދައުރަށް އިންތިހާބުކުރި އެގްޒެކްޓިވް ކޮމިޓީގައި ހިމެނެނީ ރާއްޖޭގެ އިތުރުން އިންޑިއާ، އިރާން، ކަޒަކިސްތާން އަދި ބަންގްލަދޭޝް އެވެ. މި ގައުމުތަކުން ހަތަރު އަހަރުގެ ދައުރެއް ފުރިހަމަ ކުރާނެއެވެ.

އޮންލައިންކޮށް ބޭއްވި މި އިންތިހާބުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް އާއި ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޝާފީ އެވެ.