ދުނިޔޭގެ އެކި ހިސާބުގައި މަޝްހޫރު އެތައް ކުޅިވަރު ޝަހުސިއްޔަތުތަކާއި ޓީމުތަކުން އަބަދުވެސް އެހީ ބޭނުންވާ ފަރާތްތަކަށް ނުވަތަ ޖިސްމާނީގޮތުން ކޮންމެވެސް ނުކުޅެދުންތެރިކަމެއް ހުންނަ ފަރާތްތަކަށް އެހީވުމުގެ ގޮތުން، މެޗުތަކުގައި ބައިވެރިވުމުގެ ފުރުސަތު ދެމުންދެއެވެ. ނުވަތަ އެ ބައެއްގެ އަގުވަޒަންކުރުމުގެ ގޮތުންވެސް ބޮޑެތި މުބާރާތްތައް ފަށާފައިވެސް އެބަހުއްޓެވެ.

އެގޮތުން ދުނިޔޭގައި އުފެދުނު އެންމެ މޮޅު ދެ ފުޓުބޯޅަ ކުޅުންތެރިން ކަމަށް ގިނަބަޔަކު ގަބޫލްކުރާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ލިއޮނަލް މެސީގެ ފަރާތުންވެސް އެކުޅުންތެރިންނަށް ސަޕޯޓްކުރާ ކުޑަކުދިންތަކަކަށް އުފާވެރިކަން ގެނެސްދިނުމަށް އެތައް ކަމެއް ކޮށްފައި ހުރިކަން އަޅުގަނޑުމެންނަށް ސޯޝަލް މީޑިއާ ހުޅުވާލުމުންވެސް ފެންނާނެއެވެ.

ރާއްޖޭގައިވެސް މަދުން ނަމަވެސް މިފަދަ މަންޒަރު ފެނެއެވެ. މަޝްހޫރު ފަންނާނުންގެ އިތުރުން ކުޅިވަރު ކުޅޭ ފަރާތްތަކުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއެކު ނުވަތަ އެހީއަކަށް ބޭނުންވާ ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދޭތަން އަޅުގަނޑުމެންނަށް މަދުން ނަމަވެސް ފެނެއެވެ. އެގޮތުން 2018 ވަނަ އަހަރުގެ ދިވެހި ޕްރިމިއަރ ލީގު ނިއު އުފުލާލިއިރު ކީޕަރު އިމްރާންގެ ފަރާތުންވެސް އެފަދަ މަންޒަރެއް ފެނިގެންދިޔައެވެ.

ކީޕަރު އިމްރާން 2018 ވަނަ އަހަރުގެ ޕްރިމިއަރ ލީގުގެ ތެރެއިން

އެހެން ނަމަވެސް ދައްކަން މިއުޅެނީ މަޝްހޫރު ފިލްމީ ތަރިއެއް ނުވަތަ މިއުޒީޝަނެއް ނޫނީ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިއެއްގެ ވާހަކައެއް ނޫނެވެ. ދައްކަން މިއުޅެނީ އަތޮޅުތެރޭ ރަށެއްގެ ކުޑަކުޑަ ފުޓުބޯޅަ ކުލަބަކުން އެ ކްލަބުގެ ޗެއަރމަންގެ އިބާރާތުން ނަމަ " އެންމެ ފުރަތަމަ އަދި އެންމެ ބޮޑު" ސަޕޯޓަރަށް ދިން ކުޑަކުޑަ އެހެންނަމަވެސް އަގަކުން މިނާނުލެވޭވަރުގެ ހިތްހަމަ ޖެހުމެއްގެ ވާހަކައެވެ.

ދައްކަން މިއުޅެނީ މިމަހުގެ 21 ވަނަ ދުވަހުގެރޭ ސޯޝަލް މީޑިއާގައި ދިވެހި އެތައް ބައެއްގެ ލޯތައް އަމާޒުވި އެއް ވީޑިއޯއިން އަޅުގަނޑުމެންނަށް ފެނުނު ނަމޫނާ ކަމެއްގެ ވާހަކައެވެ. ރ. މީދޫގެ ތަންގަނޑު އެފްސީއިން އާންމުކުރި މެޗުގެ ފެށުން ފެންނަ ވަރަށް ހާއްްސަ ވީޑިއޯ ފެނުނު މަންޒަރެއްގެ ވާހަކައެވެ. ބަރަކާތްތެރި ފެށުމެއް ވާސިލްކޮށްދިނީ މުހިންމު ކާމިޔާބީއަކަށް ކަމަށް ބުނެ އެޓޭޗުކޮށްފައިވާ މި ވީޑިއޯގައި ފެނިގެންދަނީ އުމުރުން އެންމެ 14 އަހަރުގެ މުހަންމަދު ރައްޔާން ނަމަކަށް ކިޔާ ހާއްސައެހީއަށް ބޭނުންވާ ކުއްޖެއް އެޓީމުގެ 22 ނަމްބަރު ޖާޒީގައި ކުޅެން އަރާ މެޗު ފަށައިދިން މަންޒަރެވެ. މިއީ ގިނަބައެއްގެ ސަމާލުކަން ހޯދާ އެތައް ބައެއްގެ ތައުރީފާއި ލޯބި، ތަންގަނޑު އެފްސީއަށް ލިބިގެންދިޔަ ވީޑިއޯއެކެވެ.

އުފެދުނުތާ ތިން އަހަރުވެފައިވާ މި ކްލަބަކީ އުފެދުނު ފަހުން މީދޫ ފުޓްސަލް ފޯރީގެ ނަމުގައި ހިންގޭ ފުޓްސަލް މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމެވެ. ދެފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާއިރު އެއް މުބާރާތުގައި ރަނަރަޕް ކަންވެސް އެޓީމް ވަނީ ހޯދާފައެވެ. ކޮވިޑް-19 އިގެ ބަލިމަޑުކަން ބާރު މިނެއްގައި ފެތުރެމުން ދިޔުމުގެ ސަބަބުން މީދޫ އިންވެސް ވަނީ ރައްކާތެރިވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މީހުން ގިނައިން އެއްވެ އުޅުން މަދުކޮށް ބަލިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އެޅެމުން ދިޔައިރު ކުޅިވަރުގެ އެންމެހާ ކަންތައްތަކެއް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް ރަށުގެ ގިނަ ޒުވާނުންތަކެއް އިސްނަގާ މީދޫ ފުޓްސަލް ފޯރީގެ މިއަހަރުގެ މުބާރާތް މިހާރު ފަށާފައިވާއިރު އެހެން އަހަރުތަކާއި ތަފާތުކަމެއް މިފަހަރުގެ މުބާރާތުގައި ތަންގަނޑު އެފްސީގެ ޓީމުން ފެންނަމުން ދިޔައެވެ.

ޓީމު އުފެދުނީއްސުރެ ޓީމުގެ އެންމެ ބޮޑު ސަޕޯޓަރުގެ ގޮތުގައި ހުރި މުހަންމަދު ރައްޔާން މީގެކުރިން ސަޕޯޓަރުންގެ އެންމެ ކުރީގައި ޓީމަށް ހިތްވަރުދޭން އިން ކަމުގައިވިޔަސް މިފަހަރުގެ މުބާރާތުގައި އޭނާ ފެންނަން އިނީ ޓީމުގެ ޖާޒީގައި، ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި، ޓީމާއި އެކުގައެވެ.

"ވަގުތު" އާއި ވާހަކަދައްކަމުން ތަންގަނޑު އެފްސީގެ ޗެއަރމަން އަހްމަދު އާމިރު ބުނީ، ރައްޔާނަށް ހިނގުމުގެ ގާބިލުކަން ލިބިފައިނެތް ނަމަވެސް ޓީމު ކުޅޭ ކޮންމެ ފަހަރަކުވެސް ޓީމުގެ ތެރޭގައި އޭނާ އުޅޭ ކަމަށާއި އެހެންނަމަވެސް މިފަހަރުގެ މުބާރާތަށް ރައްޔާނުގެ އާއިލާއާއި ވާހަކަދެއްކުމަށްފަހު ނިންމީ ޓީމް ލިސްޓުގައި ނަންޖަހާ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ރައްޔާން މުބާރާތުގައި ބައިވެރިކުރަން ކަމަށެވެ.

ތަންގަނޑު އެފްސީއިން ޗެމްޕިއަންކަން ހޯދުމަށްފަހު ރައްޔާން އާއިއެކު ތަށިހިފައިން

ހާއްސަ އެހީއަށް ބޭނުންވުމަކީ ކަންކަމުން މީހާ ބާކީކޮށްލަންޖެހޭ ކަމެއް ނޫންކަން އެޓީމުން މިވަނީ ސާބިތުކޮށްދީފައެވެ.

"ދައްކައިދޭން ބޭނުންވީ ހާއްސަ އެހީއަށް ބޭނުންވުމަކީ ކުއްޖާ ކަންކަމުން ބާކީކުރަން ޖެހޭ ކަމެއް ނޫންކަން. އަދި އެކުދިންނަށްވެސް އެހެން މީހުންނެކޭ އެއްފަދައިން ނުވަތަ އެއައްވުރެވެސް ފުރިހަމައަށް ކަންކަން ކުރެވިދާނެކަން". އާމިރު އިތުރަށް ބުންޏެވެ. އަދި މީގެކުރިން ހަމައެކަނި ސަޕޯޓަރެއްގެ ހައިސިއްޔަތުން ރައްޔާން ހުރިނަމަވެސް މިފަހަރު ޓީމްގެ ހުރިހާ ކުޅުންތެރިންނާއި މެނޭޖްމަންޓުންވެސް ބޭނުންވީ ރައްޔާން ޓީމުގައި ހިމަނަން ކަމަށް އާމިރު ބުންޏެވެ. "ރައްޔާނަކީ ޓީމުގެ އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ސަޕޯޓަރު"، ރައްޔާނު ޓީމު ދެކެވާލޯބި ހާމަކޮށްދެމުން އާމިރު ބުންޏެވެ.

އަތޮޅުތެރޭގެ ޓީމަކުން މި ދެއްކި ނަމޫނާ ގިނަ ބަޔަކު ބަލައިގަތްއިރު ތަންގަނޑު އެފްސީން މި ނަމޫނާއިން ދޭން ބޭނުންވި މެސެޖު ކިޔާދިނެވެ.

ބޭނުންވަނީ އެންމެންގެ ފަރާތުންވެސް މިކަހަލަ ކުދިންނަށް އަޅާލާ އެކުދިންވެސް ކަންކަމުގައި ބައިވެރިކުރުވާ އެކުދިންނަށްވެސް ހުރިހާ ކަމެއްވެސް ކުރެވިދާނެކަން ދައްކާދޭން". އަދި އެހެންމީހުންނަށް އާމިރު ދޭން ބޭނުންވި ވަރަށް މުހިންމު މެސެޖެއްވެސް އޮތެވެ. "އެކުދިން ކުޑައިރުއްސުރެ ދެކެމުން އަންނަ މިކަހަލަ ހުވަފެންތައް ހާސިލުކޮށްދޭން އަޅުގަނޑުމެންނަށް ވެދެވެން އޮތް އެހީތެރިކަމެއް އަޅުގަނޑުމެން ވެދޭން ޖެހޭނެ. މިކަން ބަލައިގަނެ ވަރަށް ގިނަބަޔަކު ތައުރީފު ކުރި. ބޭނުންވަނީ އެހެން މީހުންވެސް އެކުދިން ކަންކަމުގައި ބައިވެރިކުރުވާ ކަންކަން ހާސިލު ކުރުމަށް އެހީތެރިކަން ބޭނުންވާ ނަމަ އެ އެހީތެރިކަމެއް ވެސް ފޯރުކޮށްދޭން". ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަޅާލާ އެކުދިން ކަންކަމުގައި ބައިވެރިކުރުމުގެ މުހިންމު ކަމާއި ބެހޭގޮތުން ވާހަކަ ދައްކަމުން އާމިރު ބުންޏެވެ.

ރައްޔާން އާއި ތަންގަނޑު އެފްސީގެ ޓީމް--/ ފޮޓޯ؛ ތަންގަނޑު އެފްސީ

މިމަހުގެ 21 ވަނަ ދުވަހުގެ ރޭ ރައްޔާނު ފަށައިދިން މެޗުން ވައްބުރު ފުޓްސަލް ކްލަބް އަތުން 3-5 އިން ތަންގަނޑު އެފްސީ މޮޅުވިއިރު 22 ވަނަ ދުވަހުގެ ރޭ "ވާނުވާ" ޓީމާއި ވާދަކޮށް ތަންގަނޑު އެފްސީ މޮޅުވީ 0-11 އިންނެވެ. ޖުމްލަ ހަ ޓީމެއް މި މުބާރާތުގައި ބައިވެރިވާއިރު މިރޭ ތަންގަނޑު އެފްސީން މުބާރާތުގެ ސެމީފައިނަލުގައި ކުޅޭނެއެވެ. ރާއްޖޭގެ މަޝްހޫރު ބައެއް ފުޓްސަލް ކުޅުންތެރިން މީގެކުރިން ބޭއްވި މުބާރާތްތަކުގައި ފެނިފައިވާއިރު ރަށުގެ ގިނަ ޒުވާނުން ތަކެއްގެ ހުނަރުވެރިކަންވެސް މި މުބާރާތުގައި ފެނިގެންދެއެވެ.

މުބާރާތުގެ އިތުރުން ތަންގަނޑު އެފްސީގެ ފަރާތުން ރަށުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މާލީގޮތުން އެހީތެރިވުމުގެ އިތުރުން ރަށުގައި ގިނަ ހަރަކާތްތަކެއް ހިންގުމަށް މަސައްކަތް ކުރަމުންދެއެވެ.

"ވަގުތު" އަށް މައުލޫމާތުދެއްވަމުން އާމިރު ބުނީ ވަރަށް އަވަހަށް ރަށުގެ ކުޑަކުދިންނަށް އަމާޒުކޮށްގެން މުބާރާތެއް ބޭއްވުމަށް ޓީމު ތެރޭގައި މަޝްވަރާ ކުރެވެމުންދާ ކަމަށެވެ. ރަށްރަށުގައި ހިންގޭ މިފަދަ ކްލަބު ތަކާއި ޖަމިއްޔާތަކުން ރަށުގެ ކުރިއެރުމަށާއި ރަށުގެ ރައްޔިތުންގެ ހިތްހަމަޖެހުމަށް ގިނަ ކަންތައްތަކެއް ކުރަމުންދެއެވެ.

އިންސާނިއްޔަތަށްޓަކައި ކުރެވޭ މިފަދަ ކަންކަމަކީ ވަގުތު ނޫހުންވެސް ބަލައިގަނެ، ވަރަށް ބޮޑަށް ބާރުއަޅާ ހިތްވަރުދޭ ކަންކަމެވެ. ކޮންމެ އިންސާނަކަށްވެސް ހަމަހަމަ ފުރުސަތުތަކެއް ލިބި ކުޅިވަރު ކުޅުމުގެ ފުރުސަތުތައްވެސް ލިބިދޭން ޖެހެއެވެ. ތަންގަނޑު އެފްސީން މިފަހަރު ދައްކައިދިން މިސާލަށް ޝުކުރު ހައްގެވެ. މިއީ އެހެން ރަށްރަށުގެ ކްލަބް ތަކާއި ޖަމިއްޔާތަކުން ހާއްސަކޮށް ރާއްޖޭގެ ނަން މަޝްހޫރު ބޮޑެތި ކްލަބްތަކުންވެސް މިސާލަކަށް ބަލަން ޖެހޭ ނަމޫނާ ކަންކަމެވެ .