ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފުޓުބޯޅަ ހަރަކާތްތައް ގިނަދުވަސްތަކެއް ވަންދެން މެދުކެނޑިފައި އޮތުމަށްފަހު އަނެއްކާވެސް ފެށިއިރު މާޒިޔާގެ ކުޅުންތެރިން ތިބީ ރަނގަޅު ރޫހެއްގައި ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް ބުނެފިއެވެ.

މާޒިޔާއަކީ އާ ސީޒަނަށް ފަރިތަކުރުންތައް ފެށި ފުރަތަމަ ޓީމެވެ. އެ ޓީމުގެ ފަރިތަކުރުންތައް ފެށީ އެޗްޕީއޭއާއި އެފްއޭއެމުން އާ ގައިޑްލައިނެއް އެކުލަވާލިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. މިއަހަރުގެ އޭއެފްސީ ކަޕުގައިވެސް ވާދަކުރި މާޒިޔާއަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނީ މުބާރާތް ކެންސަލްކުރުމާއި ގުޅިގެންނެވެ. ކެންސަލްކުރި އިރު އެ ޓީމު އޮތީ ރަނގަޅު ފޯމެއްގައެވެ.

މާޒިޔާގެ ފަރިތަކުރުންތަކުގެ ތެރެއިން

ފަރިތަކުރުންތަކަށްފަހު ވާހަކަދައްކަމުން ނިޒާމްބެ ބުނީ ކުރިޔަށްއޮތް ސީޒަން ހުޅުވާ މެޗާއި ލީގު މެޗަށް ދާއިރު އެންމެ އުއްމީދުކުރަނީ ޓީމު ރަނގަޅު ފޯމެއްގައި އޮތުމަށް ކަމަށެވެ.

"ކުޅުންތެރިން މިތަނަށް އައިސް އެ ކުރާ މަސައްކަތާ ކުޅުންތެރިން ޓްރެއިނިން ގަ އެ ދައްކާ ހިތްވަރު އެއީ ވަރަށްބޮޑު ހިތްހަމަޖެހުމެއް، ކުޅުންތެރިން ޓްރެއިނިންގަ ބައިވެރިވަނީ ކުޅޭ ހިތުން ހުރެ، ހުރިހާ އެކްސަސައިޒް ތައްވެސް ވަރަށް ފުރިހަމައަށް އެބަ ހަދާ، އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް" ނިޒާމްބެ ބުންޏެވެ.

މާޒިޔާއިން މައުލޫމާތުދޭ ގޮތުގައި އެ ކުލަބުގެ ފަރިތަކުރުންތައް ހަފްތާ ބަންދު ނޫން ކޮންމެ ދުވަހަކުވެސް އޮންނާނެއެވެ.

މިއަހަރުގެ ފަހުކޮޅު ފަށާ ފުޓުބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާއިން ވަނީ އުމެއިރުގެ ސޮއި ހޯދާފައެވެ. މާޒިޔާއަކީ މިފަހަރުގެ ސީޒަނަށް އެންމެ ރަނގަޅަށް ތައްޔާރުވަމުން އައި ޓީމެވެ.