ރ. މީދޫ ޒުވާނުން އިސްނަގައިގެން ބޭއްވި "މީދޫ ފުޓްސަލް ފޯރި"ގެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ތަންގަނޑު އެފްސީން ހޯދައިފިއެވެ.

ތަންގަނޑު އެފްސީން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ވައްބުރު އެފްސީ 4-1 އިން ބަލިކޮށްގެންނެވެ. ފައިނަލް މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވައްބުރު އެފްސީންނެވެ. ފުރަތަމަ ހާފުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސާޖިދުއެވެ.

އެހެންނަމަވެސް ވައްބުރުން މި ލަނޑު ޖެހިތާ މިނެޓެއްގެ ތެރޭ ތަންގަނޑު އެފްސީގެ އަހްމަދު ހުސެއިން (އަންމަޑޭ) ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ތަންގަނޑު އެފްސީން މެޗުގައި ދެން ކާމިޔާބުކުރި ތިން ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. ދެވަނަ ލަނޑާއި ތިންވަނަ ލަނޑު މެޗުގައި މޮޅުކުޅުމެއް ދެއްކި އަހްމަދު އާސިފު (އޮއިއްޓެ) ކާމިޔާބުކުރިއިރު އެޓީމުން ޖެހި ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިން އަހްމަދު ހުސެއިން އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީވެސް އޭނާއެވެ.

މެޗަށްފަހު "ވަގުތު" އާއި ވާހަކަދައްކަމުން ތަންގަނޑު އެފްސީގެ ޗެއާމަން އަހްމަދު އާމިރު ބުނީ ފައިނަލުގައި ތަންގަނޑު އެފްސީގެ ފަރާތުން ފެނުނީ ތަފާތު މޮޅު ކުޅުމެއް ކަމަށެވެ.

"މިހާރު ވަރަށް ފަހުރުވެރި ކަމާއިއެކު ބުނެލަން ކެރޭނެ ތަންގަނޑު އެފްސީއަކީ މީދޫގެ ނަމްބަރ ވަން ފުޓްސަލް ބްރޭންޑް ކަމަށް". ޓީމުގެ ކާމިޔާބީގެ ވާހަކަދައްކަމުން ފަހުރުވެރިކަމާއިއެކު އާމިރު ބުންޏެވެ.

މީގެ އިތުރުން އާމިރު ވަނީ އެހެން ޓީމުތަކުގެ ފަރާތުންވެސް މުބާރާތުގައި ފެނިގެންދިޔަ އަހުލާގަށް ހުރިހާ ޓީމުތަކަށްވެސް ޝުކުރު އަދާކޮށްފައެވެ. އަދި ޒުވާނުންތަކެއް އިސްނަގައިގެން މިވަރުގެ ކާމިޔާބު މުބާރާތެއް ބޭއްވި ކަމަށްޓަކައި މުބާރާތް އިންތިޒާމުކުރި ފަރާތްތަކަށްވެސް އާމިރު ވަނީ ޝުކުރު އަދާކޮށްފައެވެ.

ޖުމްލަ ހަ ޓީމެއް ބައިވެރިވި މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފައިނަލް މެޗުގެވެސް މޮޅުކުޅުންތެރިއާގެ މަގާމް ހޯދި ތަންގަނޑު އެފްސީގެ އަހްމަދު ހުސެއިން (އަންމަޑޭ) އެވެ. އަދި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ ހަމައެޓީމުގެ އަހްމަދު އާސިފު (އޮއިއްޓޭ) އެވެ. އަދި އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވިފައިވަނީވެސް ތަންގަނޑު އެފްސީގެ ގޯލްކީޕަރު އަލީ ސާމިރުއެވެ. މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ ތަންގަނޑު އެފްސީގެ އަހްމަދު ހުސެއިން އާއި އަހްމަދު އާސިފްްގެ އިތުރުން އަލީ ސާމިރުއާއި ވައްބުރުގެ ޝަމްވީލް މުހަންމަދާއި މުހަންމަދު ސާޖިދުއެވެ.

މުޅި ރާއްޖެއަށް ތަންގަނޑު އެފްސީގެ ނަން މަޝްހޫރުވެގެންދިޔައީ މި މުބާރާތުގެ މެޗެއްގެ ތެރެއިން އުމުރުން އެންމެ 14 އަހަރުގެ މުހަންމަދު ރައްޔާން ނަމަކަށް ކިޔާ ހާއްސައެހީއަށް ބޭނުންވާ ކުއްޖެއް އެޓީމުގެ 22 ނަމްބަރު ޖާޒީގައި ކުޅެން އަރާ މެޗު ފަށައިދިން މަންޒަރެވެ. މިއީ ގިނަބައެއްގެ ސަމާލުކަން ހޯދާ އެތައް ބައެއްގެ ތައުރީފާއި ލޯބި، ތަންގަނޑު އެފްސީއަށް ލިބިގެންދިޔަ ވީޑިއޯއެކެވެ.