މި ސީޒަނުގެ ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ފަރިތަކުރުންތައް ފަށައިފިއެވެ.

އެޗްޕީއޭއާއި އެފްއޭއެމް ގުޅިގެން އެކުލަވާލި އާ ގައިޑްލައިނާއި އެއްގޮތްވާގޮތުގެ މަތިން ސަސް އިން ފަރިތަކުރުންތައް ފެށިއިރު މިއީ އާ ސީޒަނަށް ފަރިތަކުރަން ފެށި ހަތަރުވަނަ ޓީމެވެ. މިހާތަނަށް ފަރިތަކުރުންތައް ފަށާފައިވަނީ މާޒިޔާއާއި ކުލަބް ވެލެންސިއާ އާއި ކުލަބް ގްރީންސްޓްރީޓްސްގެ އިތުރުން ސަސް އެވެ.

ސަސްގެ ސްކޮޑުގައި ފުރަތަމަ ޑިވިޝަނުގައި ކުޅެމުންއަންނަ ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ހުނަރުވެރި ކުޅުންތެރިން އެކުލެވެއެވެ. މިއީ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ފުރަތަމަ އަހަރުކަމުން އަމާޒަކީ ރަނގަޅު ހިސާބެއްގައި ކުލަބު އޮތުންކަމަށްވެސް އެ ކުލަބުން ބުންޏެވެ.

ސަސްގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ކުރިން ފުރަތަމަ ޑިވިޝަނާއި ގައުމީ ޓީމުތަކުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ކޯޗު އަހުމަދު ނާޝިދު (ނާދު) އެވެ. އަދި އެސިސްޓަންޓް ކޯޗުގެ ގޮތުގައި ހަރަކާތްތެރިވާނީ ކޯޗު ފަރީދު މުހައްމަދު (ފަރިއްޓެ)އެވެ. ގޯލްކީޕަރު ޓްރެއިނަރ އެއްގެ ގޮތުގައި މަސައްކަތްކުރާނީ ހަސަން ހަމީދު (ޑަކޭ) އެވެ.

ސަސްގައި ހިމެނޭ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ޓީސީގެ ކުރީގެ ކެޕްޓަން ފައްރާހް އަހުމަދު (ފައްރަ) އާއި ތަޖުރިބާކާރު ޑިފެންޑަރ ޝާފިއު އަހުމަދު (ޝާފީ) އާއި އަބްދުﷲ ހަނީފް (ބެންޖޯ) އާއި އަހުމަދު ފަރުހާން (ގައްބެ) ހިމެނެއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފެށުމަށް ތާވަލުކޮށްފައިވަނީ ޑިސެމްބަރު މަހުގެ 13 އަށެވެ. ލީގުގައި ސަސްއިން ކުޅޭ ފުރަތަމަ މެޗުގައި ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުގެރޭ ނުކުންނާނީ ކުލަބު އީގަލްސްއާ ދެކޮޅަށެވެ.