ބާސެލޯނާ އަދި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބާސެލޯނާގައި ހުރީ ހިތްހަމަޖެހިގެން ނޫން ކަމަށް އާޖެންޓީނާގެ ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ ހުއާން ސެބަސްޓަން ވެރޯން ބުނެފިއެވެ.

މިސީޒަނުގައި ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެއް ފިޔަވައި އިތުރު ލަނޑެއް މެސީއަށް ކާމިޔާބުކުރެވިފައި ނުވާއިރު ވެރޯން ބުނީ މިހާރު މެސީ ޓީމަށް ކުޅެނީ ކުޅޭ ހިތުން ނޫންކަމަށާއި ބާސެލޯނާދެކެވާ ލޯތްބަކުން ކަމަށެވެ. އަދި މަޖުބޫރު ހާލަތެއްގައި ކުޅެން ޖެހުމުން އޭނާގެ އަސްލު ކުޅުން ދެން ބާސާއިން ފެނިގެން ގޮސްދާނެކަމަށް ނުދެކޭ ކަމަށް ވެސް ވެރޯން ވަނީ ބުނެފައެވެ.

ވެރޯން މިހެން ބުނެފައިވާއިރު މިއަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފަ ވިންޑޯގައި މެސީ ވަނީ ޓީމުން ވަކިވުމަށް އެދި ބާސާގައި އެދިފައެވެ. އަދި މެސީ އޭނާގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ ކޯޗުކަންކޮށްދޭ ޕްރިމިއަ ލީގުގެ މެންޗަސްޓަ ސިޓީއަށް ބަދަލުވާން އުޅޭކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ.

ނަމަވެސް ގާނޫނީ މައްސަލަތަކެއް ކުރިމަތިވެ އެންމެ ފަހުން މެސީ ވަނީ އޭނާ އެޓީމު ދެކެ އެންމެ ލޯބިވާ ބާސެލޯނާ ގޮވައިގެން ކޯޓަށްދާން ބޭނުންނުވާ ކަމަށްބުނެ ޓީމުގައި އަދި އިތުރު އެއް ސީޒަން މަޑުކުރުމަށް ނިންމައިފައެވެ.

މެސީއަށް އަންނަ އަހަރުގެ ޖެނުއަރީ ޓްރާންސްފާގައި ޓީމު ދޫކޮށްލުމުގެ ފުރުސަތު ލިބޭއިރު އޭނާ ގުޅުން އެެންމެ ގާތީވެސް މެންޗަސްޓަރ ސިޓީއާއި ކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އަދި ސިޓީންވެސް ދަނީ އަންނަ އަހަރުގެ ޓްރާންސްފަރ ވިންޑޯގައި މެސީގެ ސޮއި ހޯދުމަށް މަސައްކަތްކުރަމުންނެވެ.