ފަހުވަގުތު އިބްރަހިމޮވިޗް ކާމިޔާބުކޮށްދިން ހިތްގައިމު ގޯލާއެކު އިޓާލިއަން ލީގުގައި އޭސީ މިލާނުން އުދިނޭޒީ އަތުން މޮޅެއް ހޯދައިފިއެވެ

އުދިނޭސީގެ ދަނޑުގައި ކުޅުނު މެޗުން މިލާން މޮޅުވީ 1-2ގެ ނަތީޖާއަކުންނެވެ. މިއީ އެޓީމުން ބަލިނުވެ ހަމަކުރި 24 ވަނަ މޮޅެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް މިލާނުންނެވެ. މި ލަނޑު އިބްރަހިމޮވިޗް ދިން ރީތި ފާހަކުން ކާމިޔާބުކޮށްދިނީ ފްރޭންކް ކެސީއެވެ.

އުދިނޭޒީން ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފު ފެށިގެން ތިން މިނެޓު ތެރޭގައި ލިބުނު ޕެނަލްޓީއަކުން ރޮޑްރިގޯ ޑި ޕައުލް އެވެ. މިއީ އެލެސިއޯ ރޮމަގްނޯލީ އޭރިއާ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ރަނގަޅު ހަމަލާތަކެއް އުފައްދާފައިވެއެވެ. މެޗުން މިލާން މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 8 މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ އެޓީމަށް މިއަހަރުގައި ގުޅުމަށްފަހު ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ 39 އަހަރުގެ ތަޖުރިބާކާރު ފޯވާޑް ޒްލަޓަން އިބްރާހިމޮވިޗްއެވެ.

މިއީ އޭންޓް ރެބިކް ނަގައިދިން ހުރަހެއް ވަރަށް ރީތިކޮށް ބައިސިކަލް ކިކެއް ޖަހާ ގޯލްގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު އޭނާ ވެގެންގޮސްފައިވަނީ އޭސީ މިލާން ޖެހިޖެހިގެން މޮޅުވި 6 މެޗުގައި ވެސް ލަނޑުޖެހި 2 ވަނަ ކުޅުންތެރިއާ އަށެވެ. މީގެ ކުރިން 2001 ވަނަ އަހަރު ޝެވްޝެންކޯވެސް ވަނީ މިރެކޯޑް ހަދާފައެވެ.

މި ނަތީޖާތަކާއެކު އޭސީ މިލާނުން ތާވަލްގެ އެއްވަނައިގައި އޮތީ 16 ޕޮއިންޓާއި އެކުގައެވެ. އުދިނޭޒީއަށް 6 މެޗުން ލިބުނު 3 ޕޮއިންޓާއެކު އޮތީ ތާވަލްގެ 18 ވަނައިގައެވެ.