ނެދަލެންޑްސްގެ ގައުމީ ފުޓުބޯޅަ ޓީމަށް ކުރިއަށް ހުރި ނޭޝަންސް ލީގާއި އެކުވެރިކަމުގެ މެޗުތަކަށް އެޓީމުގެ ކެޕްޓަނަކަށް ޖޯޖީނިއޯ ވައިނަލްޑަމް ހަމަޖައްސައިފިއެވެ.

މާދަމާރޭ އެކުވެރިކަމުގެ މެޗެއްގައި ސްޕެއިންއާއި ދެކޮޅަށް ނުކުތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ނެދަލޭންޑްސްގެ ކޯޗު ފްރޭންކް ޑި ބޮއަރ ބުނީ އެޓީމުގެ ކުރީގެ ކެޕްޓަން އަދި ތަޖުރިބާކާރު ޑިފެންޑަރު ވާޖިލް ވެން ޑައިކަށް އަނިޔާވުމާއި ގުޅިގެން މިސީޒަނުގައިވެސް އޭނާއަށް އަނބުރާ ކުޅުމުގެ ތެރެއަށް އާދެވިދާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އެހެންކަމުން އެޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ކެޕްޓަނެއްގެ ގޮތުގައި ޓީމު ލީޑު ކުރާނީ ވެން ޑައިކާއި އެއް ކްލަބަކަށް ކުޅެމުންއަންނަ ވައިނަލްޑަމް ކަމަށެވެ.

ވެންޑައިކަށް އަނިޔާވީ ޕްރިމިއަރ ލީގުގައި އެވަޓަން އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގައި އެވަޓަންގެ ކީޕަރު ޕިކްފޯޑް ކުރި ފައުލަކާއި ގުޅިގެންނެވެ. ލިވަޕޫލްއާއި ހަވާލާދީ މީޑިއާ ތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ވެންޑައިކުގެ ކަކުލަށް ސީރިއަސް އަނިޔާތަކެއް ލިބި އަނިޔާއިން ސަލާމަތްވެ ކުޅުމުގެ ތެރެއަށް އަންނަން ގާތްގަނޑަކަށް އަށް މަސްދުވަސް ނަގާނެއެވެ.

ވެންޑައިކަށް ލިބުނު އަނިޔާއާއި ބެހޭގޮތުން ވާހަކަދައްކަމުން ޑި ބޮއަރ ބުނީ އަނިޔާވި މެޗު ލައިވްކޮށް ބެލިކަމަށާއި ވެން ޑައިކަށް ކުރި ފައުލަކީ ސީރިއަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ފައުލެއް ކަމަށެވެ. އަދި ފައުލްވި ގަޑީގައި އަނގައިން ބުނަން ބޭނުންނުވި ބަސްތަކެއް ބޭރުވިކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ބޮއަރ އިތުރަށް ބުނީ ވެންޑައިކަށް ލިބުނު އަނިޔާއާއި ގުޅިގެން ޝޮކެއް ލިބުން ކަމަށާއި އޭނާއަކީ ނެދަލޭންޑްސްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާއަށް ވުމުގެ އިތުތުން ޓީމުގެ ކެޕްޓަން ކަމަށާއި އެޓީމުގެ ހީރޯ ކަމަށެވެ. އަދި ސްކޮޑުގައި އޭނާ ނެތްކަން ވަރަށް ބޮޑަށް މެޗުތެރޭގައި ދައްކާނެ ކަމަށްވެސް ބޮއަރ ވަނީ ބުނެފައެވެ.

މާދަމާރޭ ސްޕެއިންއާއި ދެކޮޅަށް ކުޅޭ މެޗައްފަހު ނޭޝަންސް ލީގުގައި އަންނަ ހަފްތާގައި ނެދަލެންޑްސް ބޮސްނިއާ އާއި ޕޮލެންޑާއި ދެކޮޅަށް ނުކުންނާނެއެވެ.