ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރު ބައްދަލުކުރާނީ އާޖެންޓީނާ އާއި ނެދަލެންޑްސްއެވެ.

މި ދެ ޓީމު ކުއާޓާ ފައިނަލުން ޖާގަ ހޯދި ގޮތަށް ބަލާއިރު، އާޖެންޓީނާ އިން ވަނީ ގަދަ 16 ގައި 1-2 ގެ ނަތީޖާއިން އޮސްޓްރޭލިއާ ބަލިކޮށްފައެވެ. އާޖެންޓީނާ އިން ގުރޫޕް ސްޓޭޖުގައި ތިން މެޗު ކުޅުނުއިރު، ދެ މެޗުން ވަނީ މޮޅުވެފައެވެ. އަދި އެއް މެޗުން ވަނީ ބަލިވެފައެވެ. އެ ޓީމުން ދެވަނަ ބުރަށް ދިޔައީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓު ލިބިގެން ގުރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

ގަދަ 16ގައި ނެދަލެންޑްސް އިން ވަނީ 1-3 ގެ ނަތީޖާއިން އެމެރިކާ ބަލިކޮށްފައެވެ. ނެދަލެންޑްސް ދެވަނަ ބުރަށް ގޮސްފައި ވަނީ ގުރޫޕް އޭ ގެ އެއްވަނައިގެ ގޮތުގައެވެ. އަދި އެމެރިކާ ދެވަނަ ބުރަށް ގޮސްފައިވަނީ އިންގްލެންޑުގެ ފަހަތުން ގުރޫޕް ބީ ގެ ދެވަނަ ހޯދައިގެންނެވެ.

ގުރޫޕް ސްޓޭޖުގައި ނެދަލެންޑްސް އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. އެ ޓީމުން ވަނީ 2-0 ގެ ނަތީޖާއަކުން ގަތަރާއި ސެނެގާލް ކައިރިން މޮޅުވެ 1-1 ގެ ނަތީޖާއަކުން އިކުއެޑޯއާ އެއްވަރުވެފައެވެ. މިމުބާރާތުގައި ނެދަލެންޑްސްގެ ކޮޑީ ގަކްޕޯ ދައްކާފައިވާ ކުޅުން ވަރަށް ފާހަގަކޮށްލެވެއެވެ. އެ ޓީމުން ގުރޫޕް ސްޓޭޖުގައި ކުޅުނު އެންމެ ފަހު މެޗުގައި ގަކްޕޯ ޖެހި ލަނޑާއެކު އޭނާ ވެފައި ވަނީ ޖެހިޖެހިގެން ވޯލްޑްކަޕްގެ ތިން މެޗުގައި ލަނޑު ޖެހި ނެދަލެންޑްސްގެ ހަތަރުވަނަ ކުޅުންތެރިޔާއަށެވެ.

މިފަހަރުގެ ވޯލްޑްކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދުމާއެކު ނެދަލެންޑްސް މިވަނީ 1934 ވަނަ އަހަރުއްސުރެ މުބާރާތަށް ކޮލިފައިވި ކޮންމެ ފަހަރަކު ގަދަ 16 އިން ޖާގަ ހޯދަމުން ދިއުމުގެ ރިކޯޑް ދަމަހައްޓައިފައެވެ. އަދި ފާއިތުވި 32 އަހަރުގެ ތެރޭގައި އެމީހުން ގަދަ 16 އިން ކަޓާފައިވަނީ އެންމެ ދެ ފަހަރުއެވެ. އެއީ 1990 ވަނަ އަހަރާއި 2006 ވަނަ އަހަރުއެވެ.

ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ޖާގައެއް ނެދަލެންޑްސް އަށް ނުލިބުނު ކަމުގައި ވިޔަސް، އޭގެ ކުރިން 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި އެ ޓީމު މުބާރާތުގެ ތިން ވަނަ ހޯދިއެވެ. އަދި އޭގެ ކުރިން 2010 ވަނަ އަހަރުގެ ވޯލްޑްކަޕުގައި ދެވަނަ ވަނީ ހޯދާފައެވެ. މިއީ ނެދަލެންޑްސް ވޯލްޑްކަޕުގައި ކުޅޭ 11 ވަނަ ފަހަރެވެ.

އާޖެންޓީނާއަށް ނުރައްކާ ކުރާނީ ކޯޑީ ގަކްޕޯ!

ނެދަލޭންޑްސްއިން މެދުކެނޑުމަކަށްފަހު ވޯލްޑް ކަޕަށް ނުކުމެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގައިވެސް ގަކްޕޯ ވަނީ ގޯލު ޖަހައިފައެވެ. ޑަޗް ލީގުގައިވެސް އެންމެ ފޯމު ރަނގަޅުކޮށް ހުރެ ވޯލްޑް ކަޕަށް ދިޔަ ގަކްޕޯ ވެފައި ވަނީ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ޖެހިޖެހިގެން ތިން މެޗުގައި ގޯލު ޖެހި ނެދަލޭންޑްސްގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ. އޭގެ އިތުރުން އޭނާއަކީ ނެދަލޭންޑްސް ގައުމީ ޖާޒީގައި ވޯލްޑް ކަޕެއްގެ ތިން މެޗެއްގައި ޖެހިޖެހިގެން ގޯލް ޖެހި ހަތަރު ވަނަ ކުޅުންތެރިޔާއެވެ.

ގަކްޕޯގެ ފޯމަށް މުޅި ޔޫރަޕްގެ ނަޒަރު ހުއްޓިފައިވާ އިރު، ކޯޗު ލުއި ވެން ހާލްގެ ނަޒަރުގައިވެސް އެއީ ހާއްސަ ކުޅުންތެރިއެކެވެ.

"ކޯޑީއަކީ ވަރަށް ޒުވާން ކުޅުންތެރިއެއް އޭނާގެ އުމުރުން 23، ހުންނަނީ އެއަށްވުރެވެސް ޒުވާންކޮށް. ޕީއެސްވީ ޓީމުގަވެސް ބަރާބަރަށް ކުޅޭތާ އަދި މިވީ އެންމެ ދެ އަހަރު. ސެންޓަ ފޯވަޑަކަށް އެ ކުޅެނީވެސް އަލަށް ކަން ނޭނގެ. ސެންޓަ ފޯވަޑަކަށް ކުޅޭން އޭނާ ފުރަތަމަ ބޭނުމެއް ވެސް ނުވި. އެކަމަކު އަހަންނަށްޓަކާ އެ މަގާމަށް ކުޅެދޭން ޖެހުނީ. ގަކްޕޯ ކިބައިގައި ތަރިއެއްގެ ހުރިހާ ސިފައެއް އެބަހުރި،" ނެދަލޭންޑްސްގެ ލެޖެންޑަރީ ކޯޗު ވެން ހާލް ރޭގެ މެޗަށްފަހު ބުންޏެވެ.

ނެދަލެންޑްސްގެ ލަފާކުރެވޭ ފުރަތަމަ 11: ނޮޕާޓް، ޓިމްބާ، ވަން ޑައިކް، އަކޭ، ޑަމފްރީސް، ޑެ ރޫން، ޑެ ޔޮންގް، ބްލައިންޑް، ކްލާސަން، ގަކްޕޯ، ޑިޕާއީ

އާޖެންޓީނާ ބަލިނުވެ ޖެހިޖެހިގެން 65 މެޗު ހަމަކޮށްފައިވާއިރު، ސައުދީ މެޗުން ބަލިވުމާއެކު އެޓީމު ހަދަމުން އައި ރެކޯޑް ވަނީ ފުނޑުފުނޑުވެފައެވެ. އާޖެންޓީނާ އިން އެންމެ ފަހުގެ ކޮޕާ އެމެރިކާ މުބާރާތް ވެސް ކާމިޔާބުކުރިއެވެ.

މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗުގައި އާޖެންޓީނާއަށް ލީޑު ނަގައިދިނީ އެޓީމުގެ އެންމެ އުންމީދީ ކުޅުންތެރިޔާ މެސީއެވެ. މެޗުގެ 64 ވަނަ މިނެޓުގައި އެންހެލް ޑިމާރިއާ ދިން ޕާހަކުން އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ތިރީ ކަނަށެވެ. މި ގޯލާއެކު އޭނާ ވަނީ ވޯލްޑް ކަޕްގައި އަށް ގޯލު ޖަހާފައެވެ. މެރަޑޯނާ ވެސް ވަނީ ވޯލްޑް ކަޕްގައި އަށް ގޯލު ޖަހާފައެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށް ދޭ އެވޯޑް ހަތް ފަހަރަށް ކާމިޔާބު ކުރި މެސީއަށް މެކްސިކޯއާއި ބައްދަލުކުރި މެޗުގެ އިތުރުން އޮސްޓްރޭލިއާއާއި ބައްދަލުކުރި މެޗުގެ މޭން އޮފް ދަ މެޗު ލިބިފައިވެއެވެ. މި ދެ އެވޯޑާއެކު މެސީ ވެފައިވަނީ ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނައިން މޭން އޮފް ދަ މެޗު ކާމިޔާބުކުރި ކުޅުންތެރިޔާގެ ރެކޯޑް ވެސް ހަދާފައެވެ. މެސީ ވަނީ ސައުދީއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު ޕެނަލްޓީ އަކުން ގޯލު ޖަހާފައެވެ. އަދި އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ހިތްގައިމު ގޯލެއް ޖަހާފައެވެ.

ލެޖެންޑް ޑިއޭގޯ މެރަޑޯނާގެ ޖާދުލާ އެކު، 1986 ވަނަ އަހަރު އާޖެންޓީނާ އިން ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން އެ ގައުމަށް އަދި މި މުބާރާތް ކާމިޔާބެއް ނުކުރެވެއެވެ. އޭގެ ފަހުން 1990 ވަނަ އަހަރާއި 2014 ވަނަ އަހަރު ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅުނެވެ.

ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އާޖެންޓީނާ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މެޗުން މޮޅުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ލިއޮނެލް ސްކަލޯނީ ވަނީ ޕްރީ މެޗު ކޮންފަރެންސްގައި ބުނެފައެވެ.

އާޖެންޓީނާގެ ލަފާ ކުރެވޭ ފުރަތަމަ 11:

ލިސެންޑްރޯ މާޓިނޭޒް، ނަހޫލް މޮލީނާ، ކްރިސްޓިއަން ރޮމޭރޯ، އެމިލިއާނޯ މާޓިނޭޒް، މާކޮސް އަކޫނާ، ރޮޑްރިގޯ ޑި ޕައުލް، ގުއިޑޯ ރޮޑްރިގޭޒް، ޑި މާރިއާ، ލިއޮނަލް މެސީ، ޖޫލިއަން އަލްވަރޭޒް، ލައުޓާރޯ މާޓިނޭޒް.

ނެދަލެންޑްސްއަށް ނުރައްކާ ކުރާނީ މެސީ !

ވޯލްޑް ކަޕްގެ ގަދަ 16 ގައި 2-1 ގެ ނަތީޖާއަކުން އާޖެންޓީނާއިން އޮސްޓްރޭލިއާގެ މައްޗަށް ކުރި ހޯދާފައިވާ އިރު، އެމެޗުގެ ތަރިއަކީ 1000 ވަނަ މެޗު ކެރިއަރުގައި ހަމަކުރި މެސީއެވެ. އެ މެޗުގައި މެސީ ގޯލެއް ޖަހައި މޮޅަށް ކުޅުނު އިރު، މެޗުގެ މޮޅު ކުޅުންތެރިޔަކީވެސް އޭނާއެވެ. ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި މެސީ ޖެހި ފުރަތަމަ ގޯލާއެކު އޭނާގެ ވޯލްޑް ކަޕް ގޯލުގެ އަދަދު މިހާރު ވަނީ ނުވައަކަށް އަރައިފައެވެ. ޑިއެގޯ މަރަޑޯނާގެ ރެކޯޑު ވައްޓާލައި، އާޖެންޓީނާއަށް ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ގެބްރިއަލް ބަޓިސްޓޫޓާގެ ރެކޯޑަށް މެސީ ލޯއަޅަން ފެށާފައިވާ އިރު، ބަޓިސްޓޫޓާ ވޯލްޑް ކަޕްގައި ޖަހާފައި ވަނީ ދިހަ ގޯލެވެ.

އުމުރުން 35 އަހަރުގެ ލިއޮނަލް މެސީ ވަނީ މިހާތަނަށް ގައުމީ ޓީމަށް ބައިނަލް އަގްވާމީ ދެ ޓްރޮފީ ކާމިޔާބު ކޮށްދީފައެވެ. އެއީ 2019 ވަނަ އަހަރު ކާމިޔާބުކުރި ކޮޕާ އެމެރިކާ މުބާރާތުގެ ތައްޓާއި 2022 ވަނަ އަހަރު އިޓަލީ ބަލިކޮށް ކާމިޔާބުކުރި ފައިނަލިސިމިއާއެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހަތް ފަހަރަށް ކާމިޔާބު ކުރި މެސީ ފުޓުބޯޅައިގެ މައިދާނުގައި ދެކެމުން އަންނަ އެންމެ ބޮޑު ހުވަފެނަކީ ވޯލްޑް ކަޕް ކާމިޔާބު ކުރުމެވެ. އޭނާގެ ހުވަފެން ހަގީގަތަކަށް ހެދުމަށް އާޖެންޓީނާ އިން ޖެހޭނީ މި މެޗު ކާމިޔާބުކޮށް ކުރިއަށް އޮންނަ އެންމެ ދެ މެޗު ކާމިޔާބު ކުރާށެވެ.

މިރޭ 20:00 ގައި ކުއާޓާ ފައިނަލުގައި ކްރޮއޭޝިއާ ބައްދަލު ކުރާނީ ބްރެޒިލްއާއެވެ. ސެމީ ފައިނަލުގައި މި މެޗުން މޮޅުވާ ޓީމެއް ބައްދަލު ކުރާނީ އާޖެންޓީނާ އާއި ނެދަލެންޑްސް ކުޅޭ މެޗުން މޮޅުވާ ޓީމަކާއެވެ.