ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ނެދަލެންޑްސް ބަލިކޮށް އާޖެންޓީނާ އިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ގަތަރުގެ ލުސެއިލް ސްޓޭޑިއަމްގައި ކުޅުނު މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއިންނެވެ. ޕެނަލްޓީ އިން އާޖެންޓީނާ ކާމިޔާބު ކުރީ 3-4 ގެ ނަތީޖާއިންނެވެ.

މި ދެ ޓީމު މީގެކުރިން ވަނީ ވޯލްޑް ކަޕްގައި ފަސް ފަހަރު ބައްދަލުކޮށްފައެވެ. އޭގެތެރެއިން ދެ މެޗު އާޖެންޓީނާ އިން ކާމިޔާބުކޮށްފައިވާއިރު ވޯލްޑް ކަޕެއްގައި އާޖެންޓީނާ އަށް 90 މިނެޓްގެ ތެރޭގައި ނެދަލޭންޑްސް މިހާތަނަށް ބަލިކުރެވިފައެއް ނުވެއެވެ.

މި ދެ ޓީމު ކުއާޓާ ފައިނަލުން ޖާގަ ހޯދި ގޮތަށް ބަލާއިރު، އާޖެންޓީނާ އިން ވަނީ ގަދަ 16 ގައި 1-2 ގެ ނަތީޖާއިން އޮސްޓްރޭލިއާ ބަލިކޮށްފައެވެ. އާޖެންޓީނާ އިން ގުރޫޕް ސްޓޭޖުގައި ތިން މެޗު ކުޅުނުއިރު، ދެ މެޗުން ވަނީ މޮޅުވެފައެވެ. އަދި އެއް މެޗުން ވަނީ ބަލިވެފައެވެ. އެ ޓީމުން ދެވަނަ ބުރަށް ދިޔައީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓު ލިބިގެން ގުރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

ގަދަ 16ގައި ނެދަލެންޑްސް އިން ވަނީ 1-3 ގެ ނަތީޖާއިން އެމެރިކާ ބަލިކޮށްފައެވެ. ނެދަލެންޑްސް ދެވަނަ ބުރަށް ގޮސްފައި ވަނީ ގުރޫޕް އޭ ގެ އެއްވަނައިގެ ގޮތުގައެވެ. އަދި އެމެރިކާ ދެވަނަ ބުރަށް ގޮސްފައިވަނީ އިންގްލެންޑުގެ ފަހަތުން ގުރޫޕް ބީ ގެ ދެވަނަ ހޯދައިގެންނެވެ.

މިރޭގެ މެޗު ފަށައިގެން ނެދަލެންޑްސް އިން ވަނީ މެދު ތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅެފައެވެ. އާޖެންޓީނާ އިން ވަނީ ނެދަލެންޑްސްގެ އަތުން ބޯޅަ އަތުލަން މަސައްކަތް ކޮށް ކައުންޓާ އެޓޭކް ކުރެވޭތޯ މަސައްކަތް ކޮށްފައެވެ. އާޖެންޓީނާގެ އެންމެ ފުރަތަމަ ހަމަލާ އުފެއްދީ މެޗުގެ 18 ވަނަ މިނެޓުގައި އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީއެވެ. މެސީ އޭރިއާގެ ބޭރުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. މެޗުގެ 25 ވަނަ މިނެޓުގައި ނެދަލެންޑްސްގެ ޑެންޒެލް ޑަމްފްރީސް އަށް ލީޑު ނަގަން ފުރުސަތު ލިބުނެވެ. މެމްފިސް ޑިޕޭ ނަގައިދިން ހުރަހަކުން ޑަމްފްރީސް އަށް މާ ރަނގަޅަށް ފޮނުވާލެވޭ ގޮތެއް ނުވިއެވެ.

އާޖެންޓީނާ އިން މޮޅު ކުޅުމެއް ދައްކާ އެޓީމުން ލީޑު ނެގީ މެޗުގެ 35 ވަނަ މިނެޓުގައެވެ. މިއީ މެސީގެ ޖާދުލުގައި ޖެހި ނެދަލެންޑްސްގެ ދެ ޑިފެންޑަރުން ތިބިއިރު، މެސީ ދިން ރީތި ޕާހަކުން ނަހުއެލް މޮލީނާ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށް ފޮނުވާލި ހަމަލާއެކެވެ. މި އެސިސްޓާއެކު މެސީ ވަނީ މިހާތަނަށް ވޯލްޑް ކަޕްގައި 7 އެސިސްޓް ހަދާފައެވެ.

ނަހުއެލް މޮލީނާ ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ ފޮޓޯ/ އަލް ޖަޒީރާ

ހާފު ނިމެން 7 މިނެޓަށް ވެފައި އޮތް އިރު ނެދަލެންޑްސްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް އޭރިއާ ކައިރިން 3 ހިލޭ ޖެހުން ކައިރި ކައިރީގައި ލިބުނެވެ. ފުރަތަމަ ދެ ހިލޭ ޖެހުން ވެސް އޭރިއާ ތެރެއަށް ނަގައިދިން އިރު އާޖެންޓީނާގެ ޑިފެންޑަރުން ވަނީ ބޮލުން ޖަހާ ބޯޅަ ބޭރުކޮށްލައިފައެވެ. ތިން ވަނަ ހިލޭ ޖެހުން ގޯލާ އަމާޒުވި ނަމަވެސް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ ދިފާއުކޮށްފައެވެ.

ދެވަނަ ހާފު ފަށައިގެން ނެދަލެންޑްސް އިން ވަނީ ޓީމު ކުރިއަށް ޖައްސައިގެން ކުޅެ އާޖެންޓީނާގެ ކޮޅަށް ނުރައްކާ ކުރެވޭތޯ މަސައްކަތް ކޮށްފައެވެ. މެޗުގެ 50 ވަނަ މިނެޓުގައި ނެދަލެންޑްސްގެ އިތުބާރު ކުޅުންތެރިޔާ ކޯޑީ ގަކްޕޯ ފޮނުވާލި ހަމަލާ އާޖެންޓީނާގެ ޑިފެންޑަރު އޮޓަމެންޑީ ވަނީ ބްލޮކް ކޮށްފައެވެ. މެޗުގެ 61 ވަނަ މިނެޓުގައި މެސީއަށް ކުރި ފައުލަކާއި ގުޅިގެން އާޖެންޓީނާއަށް އޭރިއާ ކައިރިން ހިލޭ ޖެހުމެއް ލިބުނެވެ. މެސީ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި ކައިރިން ބޭރަށެވެ.

ނެދަލެންޑްސް އާއި އާޖެންޓީނާ ބައްދަލު ކުރި މެޗުގެ ތެރެއިން ފޮޓޯ / އެސް އެން ލައިވް

ނެދަލެންޑްސް ޓީމު ކުރިއަށް ޖައްސައިގެން ކުޅުމުގެ ފައިދާ ނަގާ އާޖެންޓީނާ އިން ވަނީ ކައުންޓާ އެޓޭކް ކުރެވޭތޯ މަސައްކަތް ކޮށްފައެވެ. އާޖެންޓީނާގެ އަށް ލީޑު ފުޅާ ކުރުމަށް ރަނުގެ ފުރުސަތެއް ލިބުނީ މެޗުގެ 73 ވަނަ މިނެޓުގައެވެ. މިއީ އާޖެންޓީނާގެ މާކޮސް އަކޫނާއަށް ޑަމްފްރީސް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. މެސީ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލުގެ ތިރީ ކަނަށެވެ. މި ގޯލާއެކު މެސީ ވަނީ ވޯލްޑް ކަޕްގައި މިހާތަނަށް 10 ގޯލު ޖަހާފައެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށް ދޭ އެވޯޑް ހަތް ފަހަރަށް ކާމިޔާބު ކުރި މެސީ ވަނީ މި މެޗުގެ މޭން އޮފް ދަ މެޗު މަގާމް ވެސް ހޯދާފައެވެ.

މެޗުގެ 82 ވަނަ މިނެޓުގައި ނެދަލެންޑްސްއަށް އުންމީދު އާކޮށްދިނީ ނެދަލެންޑްސްއަށް އުންމީދު އާކޮށްދިނީ ސްޓްވެން ބާގްހުއިސް ދިން އެސިސްޓަކުން ވޯޓް ވެގްހޯސްޓްއެވެ. މި ގޯލާއެކު ނެދަލެންޑްސް އިން އާޖެންޓީނާ ކޮޅަށް ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރިއެވެ. މެޗުގެ 85 ވަނަ މިނެޓުގައި ބާގްހުއިސް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. މިއީ ނަތީޖާ ހަމަހަމަކުރަން ނެދަލެންޑްސް އިން އުފެއްދި އެންމެ ނުރައްކާތެރި ހަމަލާ ވެސް މެއެވެ.

90 މިނެޓުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ 10 މިނެޓު ކުޅެވުނުއިރު ނެދަލެންޑްސް އިން ވަނީ އާޖެންޓީނާ ކޮޅަށް ގިނަ ނުރައްކާތަކެއް ކޮށްފައެވެ. މެޗު ނިމެން މިނެޓަކަށްވެފައި ވަނިކޮށް ނެދަލެންޑްސްއަށް އޭރިއާ ކައިރިން ހިލޭ ޖެހުމެއް ލިބުނެވެ. ނެދަލެންޑްސް އިން ނަތީޖާ ހަމަހަމަކުރީ ހިލޭ ޖެހުމެއްގެ ފައިދާ ނަގާ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ޓެއުން ކޫޕްމެއިނާސް ދިން ޕާހަކުން ވޯޓް ވެގްހޯސްޓެވެ. މި ގޯލާއެކު ނަތީޖާ ހަމަހަމަ ވެގެން އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފު ފަށައިގެން އައި އިރު އާޖެންޓީނާ ޓީމު އޮތީ ވަރަށް ބޮޑަށް ޕްރެޝަރަށް ވެއްޓިފައެވެ. 94 ވަނަ މިމެޓުގައި ނެތަން އަކޭ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިންނެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށްވެފައި ވަނިކޮށް މެސީ ފޮނުވާލި ހިލޭ ޖެހުން ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިންނެވެ.

އިތުރު ވަގުތުގެ ދެ ވަނަ ހާފުގެ 109 ވަނަ މިނެޓުގައި މެސީ ނެދަލެންޑްސްގެ ގޯލަށް ނުރައްކާ ހަމަލާއެއް ފޮނުވާލި ނަމަވެސް ގޯލާއި އަމާޒު ވާގޮތެއް ނުވިއެވެ. އާޖެންޓީނާ އިން ވަނީ މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް މި މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި އެންހެލް ޑިމާރިއާ އަރުވާފައެވެ. އޭގެ ފަހުން އާޖެންޓީނާ އިން ވަނީ ނެދަލެންޑްސްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މެޗުގެ 116 ވަނަ މިނެޓުގައި ޑިމާރިއާ ނަގައިދިން ކޯނަރަކުން އަލެކްސިސް މެކްއެލިސްޓާ ބޮލުން ފޮނުވާލި ހަމަލާ ނެދަލެންޑްސް ކީޕަރު ވަނީ ދިފާއު ކޮށްފައެވެ. މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އާޖެންޓީނާގެ ފެނާންޑޭޒް އުފެއްދި ހަމަލާ ޖެހުނީ ގޯލުގެ އަތިމަތީ ދަނޑީގައެވެ. އިތުރު ވަގުތުގެ ކުޅުން ހަމަވެ ސެމީ ފައިަނަލަށް ދާ ޓީމެއް ކަށަވަރު ކުރުމަށް ޕެނަލްޓީ ޖަހަން ޖެހުނެވެ.

ނެދަލެންޑްސްގެ ފުރަތަމަ ޕެނަލްޓީ ވެން ޑައިކް ފޮނުވާލިއިރު އާޖެންޓީނާގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. ނެދަލެންޑްސްގެ ބާގްހުއިސް ފޮނުވާލި ޕެނަލްޓީ ވެސް ކީޕަރު ވަނީ ދިފާއުކޮށްފައެވެ. އެއާއެކު އާޖެންޓީނާގެ ހަތަރު ޕެނަލްޓީ ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުން ވަނީ ޖާގަ ކަށަވަރުކޮށްފައެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގައި އާޖެންޓީނާ ބައްދަލު ކުރަން ޖެހޭނީ ބްރެޒިލް އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވި ކްރޮއޭޝިއާ އާއެވެ. ލެޖެންޑް ޑިއޭގޯ މެރަޑޯނާގެ ޖާދުލާ އެކު، 1986 ވަނަ އަހަރު އާޖެންޓީނާ އިން ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން އެ ގައުމަށް އަދި މި މުބާރާތް ކާމިޔާބެއް ނުކުރެވެއެވެ. އޭގެ ފަހުން 1990 ވަނަ އަހަރާއި 2014 ވަނަ އަހަރު ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅުނެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޖަމިއްޔާ

    ކޮބާ ކެޓީ ދޯ.... އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓްކުރަން އުޅުނު ނެދަރލެންޑުގެ ކެޕްޓަންގެ ޕެނަލްޓީ އާޖެންޓީނާގެ މާޓިނޭޒް މަތަކުރީ ދޯ. ހަހަހަހަ

    19
    3
  2. ދަރަނި ދަންތުރަ

    މަރުހަބާ އާޖެންޓީނާ ، ﷲ އިރާދަކުރެއްވިއްޔާ ކުރިއަށް ހުރި މެޗުތަކުން ވެސް އާޖެންޓީނާ މޮޅުވާނެ ހިއްވަރުކުރޭ

    22
    13
  3. އަލީ

    މި މެޗުގެ ރެފްރީއަކީ މެސީއާއި ސީދާ ދެކޮޅު މީހެއް. އޭގެ ހަސަދަ ރޭގަ ފިލުވާލީ. އެންމެ ހޫނުވެގެންދާ މެޗުތަކުގަވެސް އެވަރަށް ކާޑެއް ނުފެނޭ. އާޖެންޓީނާގެ މުހިންމު ހުރިހާ ކުޅުންތެރިންނަަށް ކާޑު ދައްކައިފި. ހާއްސަކޮށް ހުރިހާ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ ޑިފެންޑަރުންނަށް. މި ރެފްރީ މުޅި އުމުރަށް ސަސްޕެންޑްކުރަންޖެހޭ!!!

    7
    1
    • Re fr ee

      އަހަރެން ހުރީ އާޖެންޓީނާ ކޮޅް
      އެހެންވެ ހައްގު ނޫން ޕެނަލްޓީއެއް ދިނީ

  4. އާންމުން

    ޢިރާދަކުރައްވައިގެން މިއީ މޮރޮކޯގެ ފަހަރު

    12
    5
  5. ރެފްރީ

    އާޖެންޓީނާވެސް ކެޓިނަމަސަޅިވީސް

    6
    8