ޖަރުމަނު ގައުމީ ޓީމުން މިފަހަރު ކުޅުމަށް ހަމަޖެހިފައިވާ ތިން މެޗަށް ނެގި ސްކޮޑުން އެ ޓީމުގެ މުހިއްމު ތިން ކުޅުންތެރިން ކަމަށްވާ ތޯމަސް މުލާ އާއި ޖެރޯމް ބޯޓެންގް އަދި މެޓްސް ހަމެލްސް ބާކީކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޖަރުމަނު މީޑިއާތަކާއި ވާހަކަދައްކަމުން ކޯޗު ބުނީ ތަޖުރިބާކާރު ތިން ކުޅުންތެރިންނަށް ބާކީކުރީ މުސްތަގުބަލަށް ރަނގަޅު ޓީމެއް ބިނާކުރުމަށް ކަމަށާއި އެ ކުޅުންތެރިންނާއެކު އެންމެފަހުން ކުޅުނު މެޗުތަކުގައި މާބޮޑު ތަފާތެއް ނުފެނި ނަތީޖާ ގޯސްވުމުގެ ސަބަބުން ކަމަށެވެ.

މި ތިން ކުޅުންތެރިން ބާކީކުރިއިރު މިފަހަރު ޓީމުގެ ގޯލް ކީޕަރ އެންދްރޭ ޓާ ސްޓެގަންއަށް ވެސް ކޯޗު ޔޯހިމް ލީ ވަނީ ފުރުސަތު ނުދީފައެވެ. ބޮޑަށް ބެލެވޭގޮތުގައި އޭނާއަށް ފުރުސަތު ގެއްލުނީ އަނިޔާގެ ސަބަބުންނެވެ.

އެ ކުޅުންތެރިންނަކީ ޓީމަށް ވޭތުވެދިޔަ މާޒީގައި ކާމިޔާބު ހޯދައިދިން މޮޅެތި ކުޅުންތެރިންކަން ކޯޗު ލޯ ވަނީ ފާހަގަކޮށްފައެވެ. އަދި އެ ޓީމުން އަމާޒު ހިފާފައިވަނީ ޒުވާން ކުޅުންތެރިންނަށް ކަމަށާއި އަރަމުން އަންނަ ސްކޮޑަކަށް ފުރުސަތު ދިނުމަކީ ޓީމަށް އޮތް އެންމެ ރަނގަޅު ގޮތްކަމަށް ކޯޗު ބުންޏެވެ.

މިހާރު މިއޮތް ހާލަތުގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭންޖެހޭ ކަމަށާއި މިހާރު ކުރިޔަށް މިދަނީ ކުޅުންތެރިން އިވެލުވޭޓް ކުރުމުގެ މަސައްކަތްކަމަށް ކޯޗު ލޯ ބުނިއެވެ.

ޖަރުމަނު ފުޓްބޯޅު ޓީމުގެ ޑިރެކްޓަރ އަދި ކުރީގެ ކުޅުންތެރިޔާ އޮލިވާ ބިހޯފް ބުނީ ޖަރުމަނަށް އެންމެ މުހިންމީ ގައުމީ ފުޓްބޯޅަ ޓީމު ކަމަށާއި ކާމިޔާބުގެ ދުވަސްތައް އަދިވެސް ޖަރުމަނަށް ތަކުރާރު ކުރެވިދާނެ ކަމަށެވެ.

ދުނިޔޭގެ ފުޓުބޯޅައިގައި ޖަރުމަނަކީ ފާހަގަކޮށްލެވޭ ޤައުމެކެވެ. މިހާރު ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން ޖަރުމަނުން ފާހަގަކޮށްލެވޭ ކުޅުންތެރިން ނިސްބަތުން މަދެވެ. ނަމަވެސް ޓީމުގައި ހިމެނޭ ދުވަސްވީ ކުޅުންތެރިން އަދިވެސް ދުނިޔޭގެ ބޮޑެތި ލީގުތަކުގައި ދަނީ ފައިތިލަ ސާބިތުކުރަމުންނެވެ.