ޔުރޮޕާ ލީގުގެ މެޗަކަށް ޓޮޓެންހަމްއިން ހާޒިރުވުން ލަސްވެ މެޗުފެށުމަށް ލަސްވުމާއި ގުޅިގެން ޔޫއެފާއިން އިނގިރޭސިވިލާތުގެ ޓޮޓެންހަމްގެ ކޯޗް ހޯސޭ މޮރީނިއޯ ސަސްޕެންޑުކޮށްފިއެވެ.

މޮރީނިއޯ ސަސްޕެންޑްކުރީ ޔޫރޮޕާ ލީގުގައި ރޯޔަލް އެންޓްވާޕާ ދެކޮޅަށް ޓޮޓެންހަމް ކުޅުނު މެޗު ފެށުން ލަސްވުމުންނެވެ. ޔޫއެފާއިން ހާމަކުރިގޮތުގައި އެއިދާރާއިން ކުރި ތަހުގީގުން ޓޮޓެންހަމް މެޗަށް ހާޒިރުވުން ލަސްވެފައިވަނީ މޮރީނިއޯގެ އިހުމާލުންކަމަށް ސާބިތުވެފައިވާތީ މޮރީނިއޯ އެއްމެޗަށް ސަސްޕެންޑް ކުރަން ނިންމާފައިވާކަމަށެވެ.

ޓޮޓެންހަމް ލަސްވީ މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު ބެލްޖިއަމުގެ ރޯޔަލް އެންޓްވާޕާ ދެކޮޅަށް ކުޅެ 0-1 އިން ބަލިވި މެޗަށެވެ.

ޔުއެފާއިން މޮރީނިއޯ ސަސްޕެންޑް ކުރަން ނިންމި ނަމަވެސް ސަސްޕެންޝަނަށް އަމަލުކުރާނީ ކުރިއަށް އޮތް އެއް އަހަރުދުވަސް ތެރޭގައި މޮރީނިއޯ މިކުށް ތަކުރާރުކޮށްފިނަމަ ކަމަށްވެސް އެއިދާރާއިން ވަނީ އަންގާފައެވެ.

މީގެ އިތުރުން މެޗަށް ހާޒިރުވުން ލަސްވުމާއި ގުޅިގެން ޔުއެފާއިން ވަނީ އެޓީމު 25000 ޔޫރޯއިން ޖޫރިމަނާ ކޮށްފައެވެ. އަދި ޔުއެފާގެ އިކުއިޕްމަންޓާއި ބެހޭ ގަވައިދުތަކާއި ހިލާފުވުމާއި ގުޅިގެން 3000 ޔޫރޯއިންވެސް އެޓީމުވަނީ ޖޫރިމަނާކޮށްފައެވެ.

ޔޫރަޕާ ލީގުގެ ގްރޫޕް ޖޭގައި ޓޮޓެންހަމް އޮތީ ކުޅުނު ތިންމެޗުގެ ތެރެއިން ދެމެޗު ކާމިޔާބުކޮށް 6 ޕޮއިންޓާއެކު އެއްވަނައިގައެވެ. އެންޓްވާޕާއި ލާސްކް ދެވަނަ އަދި ތިންވަނައިގައި ހަމަ މިއަދަދަށް ޕޮއިންޓު ހޯދައިގެން އޮތްނަމަވެސް ޓޮޓެންހަމަށް ތާވަލްގެ ކުރި ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ތާވަލްގެ ފުލުގައި އެއްވެސް ޕޮއިންޓެއް ނުލިބި އޮތީ ބަލްގޭރިއާގެ ލުޑޮގޮރެޓްސް އެވެ.