އަންނަ އަހަރު ރާއްޖެ ތަމްސީލުކުރާ ފީފާ ރެފްރީންގެ ގޮތުގައި 5 ރެފްރީއެއް ހަމަޖެހިއްޖެއެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފްް މޯލްޑިވްސްއިން ހާމަކުރި 5 ރެފްރީންގެ ތެރޭގައި ހިމެނެނީ ބޭރުގެ ބޮޑެތި މުބާރާތްތަކުގައި ރެފްރީކަން ކޮށްފައިވާ ތަޖުރިބާކާރު ފަސް ރެފްރީންނެވެ.

މި ރެފްރީންނަކީ ހުސެއިން ސިނާން އާއި އާދަމް ފަޒީލް އާއި އަހުމަދު އަބްދުﷲ އާއި ޖައުފަރު ރަޝީދާއި މުހައްމަދު ޖާވިޒުއެވެ.

ހުސެއިން ސިނާނަކީ މިއަހަރު ފީފާ ރެފްރީ ބެޖު ލިބުނު ރެފްރީއެކެވެ. އެންމެ ފުރަތަމަ ބައިނަލްއަޤްވާމީ މެޗެއްގައި ރެފްރީކަން ކޮށްފައިވަނީ އީރާނުގައި 2014 ވަަނަ އަހަރު ބޭއްވި އޭއެފްސީ 14 އަހަރުންދަށުގެ ކޮލިފައިންގައި ޕާކިސްތާނާއި އީރާން ބައްދަލުކުރި މެޗެވެ. ސިނާން ވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ވަރުގަދަ މެޗުތަކުގައި ރެފްރީކަން ކޮށްފައެވެ.

އާދަމް ފަޒީލަކީ 2016 ވަނަ އަހަރުން ފެށިގެން ފީފާގެ ރެފްރީއެކެވެ. އެންމެ ފުރަތަމަ ބައިނަލްއަޤްވާމީ މެޗަކީ 2015 ވަނަ އަހަރު ނޭޕާލްގައި ބޭއްވި 19 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ނޭޕާލާއި އިންޑިއާ ބައްދަލުކުރި މެޗެވެ. މީގެއިތުރުން ޗައިނާގެ ޔުނިވާސިޓީއެއްގައި ބޭއްވި ވޯލްޑްކަޕާއި 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އައިއޯއައިޖީގެ ސެމީފައިނަލުގައި މޮރިޝަސްއާއި ރިޔޫނިއަން ބައްދަލުކުރި މެޗުގައިވެސް އާދަމް ފަޒީލް ވަނީ ރެފްރީކަން ކޮށްފައެވެ.

ފީފާ އެސިސްޓަންޓް ރެފްރީ އަހުމަދު އަބްދުﷲ އަކީ 2015 ވަނަ އަހަރުން ފެށިގެން ފީފާ ރެފްރީއެކެވެ. އެންމެ ފުރަތަމަ ރެފްރީކަން ކޮށްފައިވަނީ 2015 ވަަނަ އަހަރުގެ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ކެމްބޯޑިއާ އާއި މިޔަންމާ ބައްދަލުކުރި މެޗުގައެވެ. އެންމެ ފާޙަގަކޮށްލެވޭ މެޗުތަކުގެ ތެރޭގައި އާޖެންޓީނާގެ 23 އަހަރުންދަށުގެ ޓީމާއި ބަޔާން މިއުނިކްގެ ދެވަނަ ޓީމު ކުޅުނު މެޗު ފާހަގަކޮށްލެވެއެވެ.

މި ފަސް ރެފްރީންގެ ތެރެއިން ޖައުފަރު ރަޝީދަކީ އެންމެ ތަޖުރިބާކާރު ރެފްރީއެވެ. އޭނާއަކީ 2012 ވަނަ އަހަރުން ފެށިގެން ފީފާ އެސިސްޓަންޓް ރެފްރީއެކެވެ. އެންމެ ފުރަތަމަ ބައިނަލްއަޤްވާމީ މެޗަކީ 27 ވަނަ ސީ ގޭމްސްގައި މެލޭޝިއާ އާއި އޮސްޓްރޭލިއާ ބައްދަލުކުރި މެޗެވެ. މީގެއިތުރުން 2016 ވަނަ އަހަރުގެ އާސިއާން ޤައުމުތަކުގެ 16 އަހަރުންދަށުގެ ގޭމްސްއާއި 2019 ވަަނަ އަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގެ ސެމީފައިނަލުގައި މޮރިޝަސްއާއި ރިޔޫނިއަން ބައްދަލުކުރި މެޗު ފާހަގަކޮށްލެވެއެވެ.

މީގެއިތުރުން މުހައްމަދު ޖާވިޒު އަކީ 2016 އިން ފެށިގެން ފީފާ ރެފްރީއެކެވެ. އެންމެ ފުރަތަމަ ރެފްރީއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ 2016 ވަނަ އަހަރު ސިންގަޕޫރާއި މިޔަންމާ ބައްދަލުކުރި އޭއެފްސީ 16 އަހަރުންދަށުގެ މެޗުގައެވެ.