އެކުގައި ކުޅޭ އެހެންކުޅުންތެރިންނާއި، އަމިއްލަ ކްލަބް ސްޕެއިންގެ ބާސެލޯނާ އަދި އާޖެންޓީނާއިން ގޯހެއް ހެދިކަމުގައިވިޔަސް ޒިންމާ ނަގަންޖެހެނީ އޭނާކަމަށާއި، އެކަމުގެ ސަބަބުން ވަރުބަލިވެއްޖެ ކަމަށް 6 ފަހަރު ބެލަންޑޯ އެވޯޑް ހޯދާފައިވާ ދުނިޔޭގެ އެންމެމޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނެލް މެސީ ބުނެފިއެވެ.

މެސީ މިހެން ބުނެފައިވަނީ ދާދިފަހުން ބާސެލޯނާއަށް ކުޅެމުންދާ ފްރާންސްގެ ތަޖުރިބާކާރު ފޯވާޑް އެންޓޮއިން ގްރީޒްމަންގެ ބޮޑުބޭބެއާއި އޭނާގެ ކުރީގެ އެޖެންޓް މެސީއަށް އަމާޒުކޮށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ގްރީޒްމަންގެ ބޮޑުބޭބެ އިމެނުއަލް ލޮޕޭޒް ވަނީ ގްރީޒްމަން ބާސާއަށް ބަދަލުވި ފަހުން އޭނާގެ ކެރިއަރަށް ބޮޑެތި ހުރަސްތަކެއް އެޅިފައިވާކަމަށް ބުނެފައެވެ. އަދި ހަލުވި ސްޕީޑެއްގައި ކުރިއަރަމުން އައި ގްރީޒްމަންގެ ކެރިއަރަށް ހުރަސްއެޅިފައިވަނީ މެސީގެ ސަބަބުންކަމަށްވެސް އޭނާވަނީ ތުހުމަތުކޮށްފައެވެ. އަދި ގްރީޒްމަންއަށްވެސް ބާސާއަށް ބަދަލުވިތާ ފުރަތަމަ ހަމަސްދުވަސްތެރޭގައި އޭނާއަށް ބާސާގައި މާބޮޑުކުރިއެރުންތަކެއް ނުލިބިދާނެކަން އިނގޭ ކަމަށާއި އެހެންނަމަވެސް މިގޮތަށް އަހަރުދުވަސް ހިނގައިދާނެކަމަށް ގްރީޒްވަންވެސް އަދި އޭނާވެސް ހީނުކުރާކަމަށް ލޮޕޭޒްވަނީ ބުނެފައެވެ.

މީގެއިތުރުން ލޮޕޭޒްބުނީ މެސީ ބާސާގެ ފަރިތަކުރުންތަކުގައި އެހެންކުޅުންތެރިންނާއި އެއްވަރަށް މަސައްކަތް ނުކުރާކަމަށާއި މިހާރު މެސީގެ ވިސްނުންހުރީ ޓީމުގެ ވެރިންގެ ހިތްހަމަޖައްސައިގެން ބާސާގައި އޭނާ ބާކީ ހޭދަކުރާ ދުވަސްތައް ނިންމާލަން ކަމަށެވެ.

އާންމުގޮތެއްގައި ފާޑުކިޔާ ފަރާތްތަކުން ކިޔާއެއްޗެއްސަށް ރައްދުނުދޭ މެސީ މިފަދައިން ރައްދުދީފައިވަނީ އިންޓަނޭޝަނަލް ބްރޭކަށްފަހު އެނބުރި ބާސާއަށް އައުމުން އެއާޕޯޓުގައި ރިޕޯޓަރުންނާއި ޓެކްސް އޮފިސަރެއްގެ ފަރާތުން ކުރިމަތިވި ކަންތައްތަކަކަށް ފަހުގައެވެ.

"ހުރިހާއެންމެން ހަދާ ގޯސްތަކުގެ ޒިންމާ އަހަންނާ ނަގާކަށް ނުޖެހޭނެ. މިކަމާއި ހެދިގެން އަހަރެން މިހިރީ ވަރަށް ބޮޑަށް ވަރުބަލިވެފަ. 15 ގަޑީރުގެ ދިގުދަތުރަކަށްފަހު އާދެވުމުން ކުރިމަތިލާން މިޖެހުނީ ޓެކްސް އޮފިސަރުންނާއި ނޫސްވެރިންނާއި. މިއީ ބަލައިގަނެވޭނެ ކަމެއް ނޫން". ނޫސްވެރިއަކު ކުރި ސުވާލަކަށް ހިތްހަމަނުޖެހިފައި ހުރެ ޖަވާބުދެމުން މެސީ ބުންޏެވެ.

ފާއިތުވީ ޓްރާންސްފަރ ވިންޑޯގައި މެސީ ބާސާ ދޫކޮށްލަން ނިންމާފައިވާކަމަށް ބުނުމާއެކު ބާސާގެ އޮފިޝަލުންނާއި ބައެއް ސަޕޯޓަރުންގެ ފަރާތުން އޭނާއަށް އެކި ގޮތްގޮތުން ފުރައްސާރަ ކުރިމަތިކުރުވައެވެ. އެހެންނަމަވެސް މިކަހަލަ ކަމަކާއި ގުޅިގެން އޭނާ ރައްދުދިން މިއީ ފުރަތަމަ ފަހަރެވެ. މެސީ ބާސާ ދޫކޮށްލުމަށް ނިންމިނަމަވެސް އެޓީމާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރުދުވަސް އޮތުމުން ކުރިމަތިވި ދަތިތަކަކާއިހެދި މެސީވަނީ އެއްބަސްވުމުގެ މުއްދަތު ހަމަވަންދެން ބާސާގައި މަޑުކުރުމަށް ނިންމާފައެވެ.