ގޭމް ޑިވެލޮޕިންގް ކުންފުންޏެއް ކަމަށްވާ އެލެކްޓްރޯނިކް އާޓްސް އިން ކޮންމެ އަހަރެއްގައި ވެސް ނެރޭ ފުޓުބޯޅަ ގޭމުގެ މި އަހަރުގެ ގޭމް "ފީފާ 21"ގެ ފުޓް އައިކަންއަކަށް ފުޓުބޯޅައިގެ ލެޖެންޑް ޑޭވިޑް ބެކަމް ހަމަޖައްސައިފިއެވެ.

މެންޗަސްޓަ ޔުނައިޓެޑާއި އިނގިރޭސިވިލާތުގެ ކެޕްޓަންކަން ވެސް ކޮށްފައިވާ ބެކަމް ފުޓް އައިކަން އެއް ގޮތުގައި ހަމަޖައްސާފައިވާ އިރު ގޭމުގެ މޯޑެއް ކަމުގައިވާ ފީފާ އަލްޓިމޭޓް ޓީމުގައިވެސް ބެކަމް ފެނިގެންދާނެއެވެ. އަދި މިގޭމުގެ އެމްބެސަޑަރަކަށް ބެކަމް ހަމަޖައްސާ އެކަމަށް ހާއްސަކޮށްގެން ފީފާ 21 ބެކަމް އެޑިޝަނެއް ނެރުމަށްވެސް އެކުންފުނިން ވަނީ ނިންމައިފައެވެ.

ފީފާ 21 އަލްޓިމޭޓް ޓީމުގައި މިފަހަރު ބެކަމްގެ އިތުރުން އެރިކް ކެންޓޯނާ އާއި ޒަވީގެ އިތުރުން ޑޭވޯ ސުކާ އަދި ސެމިއުލް އެޓޫވެސް "ލެޖެންޑުންގެ" ގޮތުގައި ފެނިގެންދާނެއެވެ.

ގޭމުގެ އެމްބެސަޑަރެއްގެ ގޮތުގައި ބެކަމް ހަމަޖެއްސިކަން ހާމަކޮށް އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ 15ގެ ކުރިން ގޭމުކުޅޭ ކޮންމެ ފަރާތަކަށްވެސް "އަންޓްރޭޑަބަލް އައިޓަމް" އެއްގެ ގޮތުގައި ފީފާ އަލްޓިމޭޓް ޓީމަށް ބެކަމް ލިބިގެންދާނެކަމަށާއި ފީފާ ވޮލްޓާގައި ތަފާތު މޮޅު ކުޅުންތެރިއެއްގެ ގޮތުގައިވެސް ބެކަމް ހޯދުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.

ކާމިޔާބީއެއްގެ ގޮތުގައި މިކަން ސިފަކުރަމުން ބެކަމް ބުނީ ފީފާ 21 ގޭމުގެ ބެކަމް އެޑިޝަންގެ ކަވަރުގައި އޭނާ އިނުމުން އެއީ ލިބޭ ވަރަށް ބޮޑު ފަހުރެއްކަމަށެވެ. އަދި ގޭމެއްގެ ޒަރިއްޔާއިންވިޔަސް "އައިކަން" އެއްގެ ގޮތުގައި އަލުން ކުޅުމުގެ ތެރެއަށް އައިސް ކުރީގައި އެކުގައި ކުޅުނު ކުޅުންތެރިންނާއި އެކުގައި ދަނޑުމަތީގައި ފެނިގެންދިޔުމަކީ ބަޔާންކުރަންދަތި ހިތްހަމަޖެހުމެއް ލިބޭކަމެއް ކަމަށްވެސް އޭނާވަނީ ބުނެފައެވެ.

ވީޑިއޯ ގޭމްކުޅޭ ފަރާތްތަކުން އަބަދުވެސް އެންމެ އިންތިޒާރުކުރާ އަދި އެންމެ މަގުބޫލު އެއް ގޭމު ކަމުގައިވާ ފީފާގެ މިއަހަރުގެ ގޭމުގެ އާންމު އެޑިޝަން ނުކުމެފައިވަނީ އޮކްޓޯބަރު މަސްތެރޭގައެވެ. މިފަހަރުގެ ގޭމުގެ ނޯމަލް އެޑިޝަނުގެ ކަވަރުގައި ވަނީ ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ތަރި ކިލިއަން އެމްބާޕޭއެވެ.