ފުރަތަމަ އެގާރައިން ޖާގަ ނުލިބި ބެންޗުގައި މާގިނަދުވަހު އިންނަން ޖެހޭނަމަ މެންޗަސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި ޕައުލް ޕޮގްބާ އެޓީމު ދޫކޮށްލަފާނެކަމަށް ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަދި އިނގިރޭސި ފުޓުބޯޅައިގެ ލެޖެންޑް މައިކަލް އޮވެން ބުނެފިއެވެ.

އޮވެން މިހެން ބުނެފައިވަނީ ފަހަކަށް އައިސް ޔުނައިޓެޑުގެ ގިނަ މެޗުތަކުން ޕޮގްބާއަށް ފުރުސަތުލިބުން މަދުވެ ފޮގްބާގެ ކެރިއަރާމެދު ކަންބޮޑުވާކަމަށް ފްރާންސްގެ ކޯޗް ޑިޑިއޭ ޑެޝޯމްޕްވެސް ވަނީ ބުނެފައެވެ. ޔުނައިޓެޑުން އެންމެފަހުން ކުޅުނު ދެމެޗުގައިވެސް އެޓީމުގެ ފުރަތަމަ 11 އިން ޕޮގްބާއަށް ފުރުސަތު ލިބިފައެއް ނުވެއެވެ.

ބޭރުގެ މީޑިއާއަކަށްދިން އިންޓަވިއުއެއްގައި އޮވެން ބުނީ ޕޮގްބާއަކީ އަދި ވަރަށް ޒުވާން ކުޅުންތެރިއެއް ކަމަށާއި އޭނާގެ ކެރިއަރު ރަނގަޅަށް ފަށައިނުގަނެވެނިސް ނިންމާލަން ހުދު އޭނާވެސް ބޭނުންނުވާނެކަމަށެވެ. އަދި އޭނާގެ ކެެރިއަރު ސަލާމަތްކުރަން ޓީމު ދޫކޮށްލުން އެއީ ފެންނަ އެންމެ ރަނގަޅުގޮތްކަން އޭނާއަށް ވިސްނިއްޖެނަމަ ފަސްޖެހުމެއްނެތި އޭނާ އެކަންކުރާނެ ކަމާއިމެދު ޝައްކުނުކުރާ ކަމަށްވެސް އޮވެން ވަނީ ބުނެފައެވެ.

މީގެ އިތުރުން އޮވެން ބުނީ ޔުނައިޓެޑުން ރެކޯޑް ޓްރާންސްފަރ ފީއެއްގައި ޕޮގްބާ ގެނައި ވަރަށް ފޮނި އުންމީދުތަކަކާއި އެކުގައި ކަމުން އަމިއްލަ އަތުގައި އޮތް ހަޒާނާއެއް އަތުން ބީވުމުގެ ކުރިން އެކަށީގެންޥާ ފިޔަވަޅު އަޅާ ރައްކާތެރިކުރަން ޖެހޭނެ ކަމަށެވެ.

ޔުނައިޓެޑުގެ ކުޅުމާއި ބެހޭގޮތުން ވާހަކަދައްކަމުން އޮވެން ބުނީ ޓީމުގެ ކޯޗް މިހާރަށްވުރެ ބޮޑަށް ވަކިވަކި ކުޅުންތެރިންނާއި މެދު ވިސްނަންޖެހޭ ކަމަށާއި ޓީމުގައި ތިވި މޮޅެތި ތަރިންނަށް އެކުއެކީގައި މެޗުތަކުގައި ކުޅެވޭނެ ޕްލޭނެއް ވިސްނަން ޖެހޭކަމަށްވެސް އޭނާވަނީ ބުނެފައެވެ.

ޔުނައިޓެޑުގެ ޔޫތް ޓީމުގައި ހުރުމަށްފަހު ޕޮގްބާ އޭނާގެ ސީނިއާ ކެރިއަރު 2011 ވަނަ އަހަރު ފެށީވެސް ޔުނައިޓެޑުންނެވެ. އަދި އޭގެ އެއް އަހަރުފަހުން އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވުމަށްފަހު އެޓީމުގައި 4 އަހަރު ހޭދަކޮށްފައެވެ. ޕޮގްބާ ފުޓުބޯޅައިގެ އެންމެ ވަރުގަދަ ޓީމް ތަކުގެ ކޯޗުންގެ ލޮލުގައި އަޅައިގަތީ ޔުބެންޓަސްގައި ހޭދަކުރި ދުވަސްތަކުގެ ތެރޭގައެވެ. އަދި އޭނާ ޔުވެންޓަސްގައި ހޭދަކުރި ހަތަރު އަހަރުގައިވެސް އެޓީމަށް އިޓާލިއަން ލީގު ހޯދުމުގައި އިސްދައުރެއް އަދާކުރުމަށްފަހު 2016 ވަނަ އަހަރު އެނބުރި ޔުނައިޓެޑަށް ބަދަލުވީ 105 މިލިއަން ޔޫރޯގެ ރެކޯޑް ޓްރާންފަރ ފީއެއްގައި ދުނިޔޭގެ އޭރުގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައެވެ.