އެންޓި ޑޯޕިން މައްސަލައެއްގައި ޔުވެންޓަސްގެ މިޑްފީލްޑަރު، ޕައުލް ޕޮގްބާ ވަގުތީ ގޮތުން ސަސްޕެންޑްކޮށްފިއެވެ.

ޕޮގްބާ، 30، ސަސްޕެންޑްކުރީ މަނާ ބޭހުގެ މާއްދައަކަށް ޕޮޒިޓިވްވުމުން ކަމަށް އިޓަލީގެ ގައުމީ އެންޓި ޑޯޕިން (ނާޑޯ އިޓަލީ) ޓްރައިބިއުނަލް އިން ވަނީ ބުނެފައެވެ.

ޕޮގްބާ މަނާބޭހަކަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އުދިނޭޒީ އަތުން 3-0 އިން ޔުވެންޓަސް މޮޅުވި މެޗަށްފަހު ހެދި ޑޯޕިން ޓެސްޓުގެ ނަތީޖާ ލިބުމުންނެވެ.

އެ މެޗުގައި ޕޮގްބާ ކުޅެފައިނުވި ނަމަވެސް ނާޑޯ އިން ރޭންޑަމްކޮށް ޕޮގްބާގެ ސަމްޕަލެއް ނަގަން ނިންމީއެވެ.

"ނޭޝަނަލް އެންޓި ޑޯޕިން ޕްރޮސެކިއުޓަރު ހުށަހެޅި މައްސަލަ ބަލައިގަތުމުގެ ގޮތުން ޕައުލް ޕޮގްބާ ވަގުތީ ގޮތުން ސަސްޕެންޑްކުރުމަށް ވަނީ ނިންމާފަ،" ނާޑޯ އިޓާލިއާ އިން ނެރުނު ބަޔާނުގައިވެއެވެ.

ޕޮގްބާގެ މައްޗަށް މަނާ ބޭސް ބޭނުންކުރިކަމުގެ ކުށް ސާބިތުވެއްޖެނަމަ، ދެ އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަންޖެހޭނެއެވެ. އޭނާ މިހާރު އިންތިޒާރުކުރަމުންދަނީ ބީ ސަމްޕަލް ޓެސްޓުގެ ނަތީޖާއަށެވެ.

ޔުވެންޓަސް އިން ނެރުނު ބަޔާނެއްގައިވަނީ، "މިދިޔަ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު ކުރިއަށްގެންދިޔަ ޑޯޕިން ޓެސްޓުގެ ނަތީޖާ ލިބުމާއެކު ޔުވެންޓަސްގެ ޕައުލް ޕޮގްބާ ވަގުތީ ގޮތުން ސަސްޕެންޑްކުރުމުގެ އަމުރެއް އިޓަލީގެ ގައުމީ އެންޓި ޑޯޕިން ޓްރައިބިއުނަލް އިން ލިބިފައިވާ ކަމަށެވެ."

އިޓަލީގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ބަޔާނެއްގައި ޕޮގްބާގެ އޭޖެންޓް، ރަފައެލާ ޕީމެންޓާ ބުނީ، ކައުންޓަ-އެނަލަސިސްގެ ނަތީޖާ އަށް އިންތިޒާރުކުރަމުން އަންނަ ކަމަށާއި، އިތުރު އެއްޗެއް ބުނަން އެނގޭނީ އޭގެފަހުން ކަމަށެވެ.

"ޔަގީންވާ އެއް ކަމަކީ އެއީ ގަސްދުގައި ގަވާއިދާ ހިލާފަށް ޕޮގްބާ ކޮށްފައިވާ ކަމެއް ނޫން ކަން." ޕީމެންޓާގެ ބަޔާނުގައިވެއެވެ.