އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ ފްރާންސްގެ އިތުބާރު މިޑްފީލްޑަރު ޕައުލް ޕޮގްބާ އިންޖަރީ އިން ރަނގަޅުވެ ޔުވެންޓަސްގެ ޓްރޭނިންގައި އިއްޔެ ބައިވެރިވެއްޖެއެވެ.

މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ޔުވެންޓަސްއަށް މި ސީޒަނުގައި ބަދަލުވެ ސީޒަނަށް ތައްޔާރުވުމަށް ކުޅުނު އެކުވެރި ކަމުގެ މެޗެއްގެ ތެރެއިން ޕްގްބާއަށް ވަނީ އަނިޔާވެފައެވެ. މި އަނިޔާއާ ގުޅިގެން ކަކުލުގެ އޮޕޮރޭޝަން ކުރުމާއެކު ގިނަ މީޑިއާ ރިޕޯޓްތަކުން ޕޮގްބާއަށް ވޯލްޑް ކަޕުގައި ނުކުޅެވޭނެ ކަމަށް ބުނި ނަމަވެސް، އޭނާ އަށް ކުޅުމުގެ ފުރުސަތު އޮތް ކަމަށް މީޑިއާ ރިޕޯޓް ތަކުން މިހާރު ބުނެފިއެވެ.

ޕޮގްބާ ޔުވެންޓަސްއާއެކު ޓްރޭނިންގައި ބައިވެރިވިއިރު، އެ ޓީމުގެ ސްކޮޑާއެކު އޭނާ ޓްރޭނިންގައި އުޅޭ މަންޒަރު ފެންނަ ފޮޓޯއެއް މިއަދު ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ. އިޓަލީ ލީގަށް މިއީ އުފާވެރި ޚަބަރަކަށްވުމާއެކު، މިއީ ފްރާންސްގެ ފޭނުން މިހާރު އެންމެ އަޑު އަހަން ބޭނުންވާނެ އެއް ޚަބަރެވެ.

ޕޮގްބާއަކީ 2018 ވަނަ އަހަރު ވޯލްޑްކަޕް ކާމިޔާބުކުރި ފްރާންސް ޓީމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.

ހޯމަ ދުވަހުގެ ރޭ އޮތް ބެލަންޑިއޯ ރަސްމިއްޔާތު ނިންމުމަށްފަހު ފްރާންސްގެ ހެޑް ކޯޗު ޑިޑިއާ ޑިޝަމްޕްސް ބުނީ ޕޮގުބާ ފްރާންސް ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނޭނީ އޭނާ ހުރީ ފިޓްކޮށްތޯ ޔަގީން ކުރުމަށް ފަހުގައި ކަމަށެވެ.

"ވަރަށް ބޮޑު ނަސީބެއް އެއީ އޭނާ އަށް ލިބުނު އަނިޔާއަށް ފަރުވާ ހޯދިކަން. މިބަލަނީ އޭނާ އެހުރީ މުޅިން އެއްކޮށް ރަނގަޅުވެފައި ކަމަށް. ދެން އަހަރެމެން ވިސްނަން ޖެހޭނީ އެހާ ގިނަ ދުވަހު އޭނާ ކުޅުމާ ދުރުގަ ހުރެ އައިއިރު އޭނާއަށް ރަނގަޅަށް ޕާފޯމް ކުރެވޭތޯ. އަހަރެން ޔަގީން ކުރާނަން އޭނާ ހުރީ މުޅިން އެއްކޮށް އަނިޔާއިން ސަލާމަތް ވެފަތޯ،" ކޯޗު ބުންޏެވެ.

މިއަހަރުގެ ވޯލްޑްކްޕަގައި ފްރާންސްގެ ފުރަތަމަ މެޗުގައި އަންނަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު އެ ޓީމު ނިކުންނާނީ އޮސްޓްރޭލިޔާއާ ދެކޮޅަށެވެ. ވޯލްޑްކަޕްގެ ގްރޫޕް ޑީގައި ފްރާންސް ހިމެނިފައި ވަނީ ޑެންމާކާއި ޓުނޭޝިއާއި އޮސްޓްރޭލިއާ އެކުގައެވެ.

ޕޮގްބާ އެންމެ ފުރަތަމަ ފްރާންސް ޓީމަށް މެޗެއް ކުޅުނީ 2013 ވަނަ އަހަރު އެވެ. ޕޮގްބާ އަކީ ފްރާންސް އިން އެންމެ ފަހުން ވާދަކުރި ބައިނަލްއަގުވާމީ ބޮޑު ތިން މުބާރާތުގައި ވެސް ޓީމުގެ މެދުތެރޭގައި ކުޅުނު ކުޅުންތެރިއެކެވެ. އޭނާ އެންމެ ފުރަތަމަ ކުޅުނު ބޮޑު މުބާރާތަކީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕް އެވެ. އޭގެ ފަހުން 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯ އާއި 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގައި ޕޮގްބާ ކުޅުނެވެ.