އަންނަ މަހު ފަށާ ވޯލްޑް ކަޕުގައި، އެ ޓީމުން އެންމެ އިންތިޒާރު ކުރާނެ ކުޅުންތެރިޔާއަކީ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ކަމަށް ފްރާންސްގެ ގައުމީ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފިއެވެ.

މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ޔުވެންޓަސްއަށް މި ސީޒަނުގައި ބަދަލުވެ ސީޒަނަށް ތައްޔާރުވުމަށް ކުޅުނު އެކުވެރި ކަމުގެ މެޗެއްގެ ތެރެއިން ޕްގްބާއަށް ވަނީ އަނިޔާވެފައެވެ. މި އަނިޔާއާ ގުޅިގެން ކަކުލުގެ އޮޕޮރޭޝަން ކުރުމާއެކު ގިނަ މީޑިއާ ރިޕޯޓްތަކުން ޕޮގްބާއަށް ވޯލްޑް ކަޕުގައި ނުކުޅެވޭނެ ކަމަށް ބުނި ނަމަވެސް، އޭނާ އަށް ކުޅުމުގެ ފުރުސަތު އޮތް ކަމަށް މީޑިއާ ރިޕޯޓް ތަކުން މިހާރު ވަނީ ރިޕޯޓު ކުރަން ފަށައިފައެވެ.

ޕޮގްބާ ޔުވެންޓަސްއާއެކު ޓްރޭނިންގައި ބައިވެރިވިއިރު، މިއީ ފްރާންސްގެ ފޭނުން މިހާރު އެންމެ އަޑު އަހަން ބޭނުންވާނެ އެއް ޚަބަރެވެ.

މިކަމާ ގުޅިގެން ޑެޝޯމްޕްސް ބުނީ ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނޭނީ އޭނާ ހުރީ ފިޓްކޮށްތޯ ޔަގީން ކުރުމަށް ފަހުގައި ކަމަށެވެ. އެ މީހުން ތިބީ އޭނާ އަށް މަޑުކޮށްގެން ކަމަށް އޭނާ ބުންޏެވެ. ޑެޝޯމްޕްސް ބުނީ އެނބުރި އައުމަށް ޕޮގްބާ އަށް ވަގުތު ދޭން ޖެހޭނެ ކަމަށާއި، ޕޮގްބާ އަކީ ކިހާ ފެންވަރެެއްގެ ކުޅުންތެރިޔެއްކަން އެންމެންނަށް ވެސް އެނގޭ ކަމަށެވެ.

"ވަރަށް ބޮޑު ނަސީބެއް އެއީ އޭނާ އަށް ލިބުނު އަނިޔާއަށް ފަރުވާ ހޯދިކަން. މިބަލަނީ އޭނާ އެހުރީ މުޅިން އެއްކޮށް ރަނގަޅުވެފައި ކަމަށް. ދެން އަހަރެމެން ވިސްނަން ޖެހޭނީ އެހާ ގިނަ ދުވަހު އޭނާ ކުޅުމާ ދުރުގަ ހުރެ އައިއިރު އޭނާއަށް ރަނގަޅަށް ޕާފޯމް ކުރެވޭތޯ. އަހަރެން ޔަގީން ކުރާނަން އޭނާ ހުރީ މުޅިން އެއްކޮށް އަނިޔާއިން ސަލާމަތް ވެފަތޯ،" ކޯޗު ބުންޏެވެ.

މިއަހަރުގެ ވޯލްޑްކްޕްގައި ފްރާންސްގެ ފުރަތަމަ މެޗުގައި އަންނަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު އެ ޓީމު ނިކުންނާނީ އޮސްޓްރޭލިޔާއާ ދެކޮޅަށެވެ. ވޯލްޑްކަޕްގެ ގްރޫޕް ޑީގައި ފްރާންސް ހިމެނިފައި ވަނީ ޑެންމާކާއި ޓުނޭޝިއާއި އޮސްޓްރޭލިއާ އެކުގައެވެ.

ޕޮގްބާ އެންމެ ފުރަތަމަ ފްރާންސް ޓީމަށް މެޗެއް ކުޅުނީ 2013 ވަނަ އަހަރު އެވެ. ޕޮގްބާ އަކީ ފްރާންސް އިން އެންމެ ފަހުން ވާދަކުރި ބައިނަލްއަގުވާމީ ބޮޑު ތިން މުބާރާތުގައި ވެސް ޓީމުގެ މެދުތެރޭގައި ކުޅުނު ކުޅުންތެރިއެކެވެ. އޭނާ އެންމެ ފުރަތަމަ ކުޅުނު ބޮޑު މުބާރާތަކީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕް އެވެ. އޭގެ ފަހުން 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯ އާއި 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގައި ޕޮގްބާ ކުޅުނެވެ.