އަންނަ މަހު ފަށާ ވޯލްޑް ކަޕުގައި އަނިޔާގެ ސަބަބުން ފްރާންސާއި ޔުވެންޓަސްގެ ތަޖުރިބާކާރު މިޑްފީލްޑަރު ޕައުލް ޕޮގްބާ ނުކުޅެވޭނެ ކަން މިއަދު ޔަގީންވެއްޖެއެވެ.

ޕޮގްބާ އަށް އަނިޔާވެފައި ވަނީ މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ޔުވެންޓަސްއަށް މި ސީޒަނުގައި ބަދަލުވެ ސީޒަނަށް ތައްޔާރުވުމަށް ކުޅުނު އެކުވެރި ކަމުގެ މެޗެއްގެ ތެރެއިންނެވެ.

ޕޮގްބާގެ އޭޖެންޓް ރަފައެލާ ޕިމެންޓާ ނެރުނު ބަޔާނެއްގައި ބުނީ އިއްޔެ އާއި މިއަދުގެ މެޑިކަލް ރިވިއު އަށް ބަލާފައި ޕޮގްބާ އަނިޔާ އިން ރިކަވާވުމަށް އަދިވެސް ދުވަސް ބޭނުންވާ ކަމަށެވެ. އެހެންވެ، ވޯލްޑް ކަޕްގެ ކުރިން ޔުވެންޓަސްގެ ޓީމާ އަލުން ގުޅުމުގެ ފުރުސަތާއި ވޯލްޑް ކަޕްގައި ފްރާންސް ޓީމަށް ކުޅުމުގެ ފުރުސަތު ވެސް ނެތް ކަމަށް އޭނާ ބުންޏެވެ.

ޕޮގްބާގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން އޮޕަރޭޝަންކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. އަދި ރިކަވަރީގެ ފުރަތަމަ މަރުހަލާ އަށް ފަހު، މީގެ 10 ދުވަސް ކުރިން ޕޮގްބާ ޔުވެންޓަސްގެ ފަރިތަކުރުންތަކުގައި ވެސް ބައިވެރިވިއެވެ. އެކަމަކު، ވޯލްޑް ކަޕް ކުޅެވޭ ވަރަށް ޕޮގްބާ ފިޓް ނުވީއެވެ.

ފްރާންސްގެ ޖާޒީގައި ޕޮގްބާ އެންމެ ފަހުން ކުޅެފައި ވަނީ ރަހްމަތްތެރިކަމުގެ މެޗެއްގައި މިދިޔަ މާޗް މަހު ދެކުނު އެފްރިކާ އަތުން 5-0 އިން މޮޅުވި މެޗުގައެވެ.

ފްރާންސް މުބާރާތުގެ ފުރަތަމަ މެޗުގައި ނުކުންނާނީ އަންނަ މަހު 22 ގައި އޮސްޓްރޭލިއާއާ ދެކޮޅަށެވެ. ޕޮގްބާއަކީ ފްރާންސުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި ޓީމުގައި މުހިންމު ރޯލެއް އަދާކުރި ކުޅުންތެރިއެކެވެ.

ވޯލްޑްކަޕްގެ ގްރޫޕް ޑީގައި ފްރާންސް ހިމެނިފައި ވަނީ ޑެންމާކާއި ޓުނޭޝިއާއި އޮސްޓްރޭލިއާ އެކުގައެވެ.

ޕޮގްބާ އެންމެ ފުރަތަމަ ފްރާންސް ޓީމަށް މެޗެއް ކުޅުނީ 2013 ވަނަ އަހަރުއެވެ. ޕޮގްބާ އަކީ ފްރާންސް އިން އެންމެ ފަހުން ވާދަކުރި ބައިނަލްއަގުވާމީ ބޮޑު ތިން މުބާރާތުގައި ވެސް ޓީމުގެ މެދުތެރޭގައި ކުޅުނު ކުޅުންތެރިއެކެވެ. އޭނާ އެންމެ ފުރަތަމަ ކުޅުނު ބޮޑު މުބާރާތަކީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕް އެވެ.