ކޮންމެ މީހަކީވެސް ކުޑައިރުއްސުރެ ދިރިއުޅުމުގައި ކަންތައްތަކެއް ހާސިލްކުރުމަށް ގަދައަޅާ މަސައްކަތްތަކެއް ކުރާނެ މީހެކެވެ. ބޮޑުވެގެން ވާން ބޭނުންވަނީ ކޮންކަހަލަ މީހަކަށްތޯ އަހައިފިނަމަ އާންމު ޖަވާބެއްގެ ގޮތުގައި ލިބޭނީ އަހަރެން ވާން ބޭނުމީ ޑޮކްޓަރަކަށް، ޕޮލިހަކަށް، ނަރުހަކަށް ނުވަތަ ޕައިލެޓަކަށް، މިކަހަލަ ޒިންމާދާރު ވަޒީފާއެއް އަދާކުރަން ބޭނުންވާ ވާހަކައެވެ.

އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގައި ކުޅިވަރުގެ ދާއިރާއިން އާމްދަނީއެއް ހޯދާ ދިރިއުޅުން ބިނާކުރެވިދާނެ ގޮތްތަކެއް ފެންނަން ނެތުމުން ގިނަފަހަރު އަޅުގަނޑުމެނަށް ބޮޑުވެގެން ވާން ބޭނުންވަނީ މޮޅު ކުޅިވަރު ކުޅުންތެރިއަކަށޭ ބުނަން ދަތިވެދާނެއެވެ. ނަމަވެސް ދުނިޔޭގެ މާލީގޮތުންނާއި ހައިބަތުގެ ގޮތުން ބޮޑެތި ގައުމުތަކުގައި އެންމެ ކުޑައިރުއްސުރެ ކުޅިވަރު ޝަހްސިއްޔަތަކަށް ވުމަށް އަޒުމު ކަނޑައަޅާ ބުރަ މަސައްކަތްތަކެއް ކުރާ އެތައް ބަޔަކު އެބަތިއްބެވެ.

މިއަދުގެ ފުޓުބޯޅައިގެ އެންމެ ނަން މަޝްހޫރު ބައެއް ފަރާތްތަކަކީވެސް ނިކަމެތި ފަގީރު ހާލުގައިވެސް ގަދަ އަޒުމެއްގައި ބުރަ މަސައްކަތްތަކެއް ކޮށް ކާމިޔާބުގެ ފޮނިމީރުކަން ލިބިގަނެފައިވާ ފަރާތްތަކެކެވެ. އެގޮތުން ދުނިޔެ ދުށް އެންމެ މޮޅު ދެ ފުޓުބޯޅަ ކުޅުންތެރިންކަމަށްވާ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާއި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އަކީ ފޮނި ހުވަފެންތަކަކާއިއެކު ބުރަ މަސައްކަތްތަކެއްކޮށް ދުނިޔޭގައި އިންސާނަކަށް ލިބޭނެ އެންމެހާ އުފަލާ އަރާމެއް ހާސިލްކޮށް އެތައް ބައެއްގެ ލޯތްބާއި އިހްތިރާމް ހޯދާފައިވާ ބައެކެވެ. މިދެކުޅުންތެރިންނަކީވެސް ޅަައިރުގައި ފަގީރު ނިކަމެތި ހާލުގައި އެތައް ގުރުބާނީތަކެއް ވާންޖެހުނު ބައެކެވެ.

މިއަދުގެ ފުޓުބޯޅައިގައިވެސް މިފަދަ އެތައް ތަރިންނެއް އެބަތިއްބެވެ. އަދި ކުޅިވަރުގެ ސަބަބުން ޅަ އުމުރުއްސުރެ ހިތްހަމަޖެހޭ ދިރިއުޅުމެއް ހޯދިފައިވާ ބައެއް ކުޅުންތެރިންވެސް އެބަތިއްބެވެ. އެގޮތުން ފާހަގަ ކޮށްލެވޭ އެއްކުޅުންތެރިއަކީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ އުމުރުން 16 އަހަރުގެ ޔޫސުފާ މުކޫކޫއެވެ.

ޔޫސުފާ މުކޫކޫ

ޔޫސުފާ މުކޫކޫ އަކީ އެފްރިކާގެ ގައުމެއް ކަމުގައިވާ ކެމަރޫން އަށް އުފަން ކުރިމަގު އުޖާލާ ފުޓުބޯޅަ ކުޅުންތެރިއެކެވެ. އޭނާ ފުޓުބޯޅައަށް ޝައުގުވެރިކަން އުފެދުނީ އޭނާގެ ކާފައާއި މާމައާއެކު ކެމަރޫންގައި ހޭދަކުރި ޅައުމުރުގެ ދުވަސްތަކުގައި އެކުގައި އުޅުނު އެކުވެރިންނާއެކު މަގުމަތީގައި ފުޓުބޯޅަ ކުޅެން އުޅުމުގެ ތެރެއިންނެވެ.

ނަމަވެސް އުމުރުން 10 އަހަރު ވުމާއެކު ޖަރުމަނުގައި ދިރިއުޅޭ އޭނާގެ ބައްޕަގެ ގާތަށް ދިރިއުޅުން ބަދަލުކޮށް ފުޓުބޯޅައަށް އޮތް ލޯބީގެ ސަބަބުން މިކަން ދިރިއުޅުމެ އެންމެ މުހިންމު ހިއްސާދާރަކަށް ހަދަން އަޒުމުކަނޑައެޅިއެވެ. އަދި ކާމިޔާބު ފުޓުބޯޅަ ކުޅުންތެރިއަކަށްވުމަށް ދެކޭ ހުވަފެން ހަގީގަތަކަށް ހެދުމަށް ޖަރުމަނުގެ ސެއިންޓް ޕޮއުލީގެ ޔޫތް އެކަޑަމީގައި ޕްރޮފެޝަނަލް ކޯޗެއްގެ އިރުޝާދުގެ ދަށުން މުކޫކޫ ފަރިތަކުރަން ފެށިއެވެ.

ފޯވަޑަކަށް ކުޅެން ޝައުގުވެރިކަން ހުންނަ މުކޫކޫ ފަރިތަކުރުމަށްދިޔަ އެންމެ ފުރަތަމަ ދުވަހު ދިޔައީ ދުވަން ބޭނުންކުރާ ބޫޓަކަށް އަރައިގެނެވެ. އަރައިގެން ހުރި ބޫޓުގެ ސަބަބުން އެކުގައި ޓީމުގައި ކުޅޭ ކުދިންގެ ފަރާތުން ފުރައްސާރަކުރުން އަމާޒުވި ނަމަވެސް މުކޫކޫގެ ހަލުވިކަމާއި ގޯލް ޖެހުމުގައި ހުރި ތަފާތު މޮޅު ހުނަރުގެ ސަބަބުން އެކަޑަމީގެ ކޯޗްގެ ޝައުގުވެރިކަން އޭނާ އަތުލައިގަތެވެ.

ބުރަ މަސައްކަތްތަކަކަށްފަހު ބޮޑެތި ކުރިއެރުންތަކެއް ހޯދާ، އޭނާއަކީ މިހާރު ޖަރުމަނުގެ 20 އަހަރުންދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިއެކެވެ. އަދި މިހާރު ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް އިން ވަނީ މުކޫކޫ އެކުލަބުގެ ސީނިއާ ޓީމަށްވެސް ސޮއި ކުރުވާފައެވެ.

މުކޫކޫ އާ ބެހޭގޮތުން ވާހަކަދައްކަމުން ޖަރުމަނުގެ 20 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗް ބުނީ އޭނާއަކީ ހުނަރުން ފުރިގެންވާ ވިސްނުން ތޫނު ހަލުވި ކުޅުންތެރިއެއް ކަމަށެވެ. އަދި ފުޓުބޯޅައިގެ "އައިކިއު" މަތި، އަވަސް ނިންމުންތަކެއް ނިންމާ ކުޅުންތެރިއަކަށްވުމުން އިދިކޮޅު ޓީމުގެ ޑިފެންޑަރުންނަށް އޭނާ ހުއްޓުވުން އެއީ ނުވާނެ ކަމެއްކަމަށް ބުނިނަމަވެސް ދޮގަކަށް ނުވާނެ ކަމަށް ކޯޗް ބުނެފައިވެއެވެ.

މީގެ އިތުރުން ޑޯޓްމަންޑްގެ ކޯޗް ލޫސިއެން ފެވްރެ ބުނީ މުކޫކޫ އަކީ ދެފައިންވެސް ބޯޅަ ކޮންޓްރޯލްކޮށް ގެންގުޅުމުގައި ދެވަނަ އެއް ނެތް ކުޅުންތެރިއެއް ކަމަށާއި ދެފައިގެ ފަރިތަކަންވެސް އެހާ ބޮޑުވުމުން އިދިކޮޅު ޓީމުގެ ޑިފެންޑަރުންނަށް އޭނާ ހުއްޓުވުމުގައި ބޮޑެތި ދަތިތަކަކާއި ކުރިމަތިލާން ޖެހޭނެކަމަށެވެ.

ކެރިއަރުގެ ޅަފަތުގައި ބޮޑެތި ކާމިޔާބީތަކެއް

ޔޫރަޕުގެ ނަން މަޝްހޫރު ބޮޑު ކްލަބަކަށް އޭނާ ސޮއިކުރީ އިއްޔެއެވެ. ނަމަވެސް މިހާރުވެސް މުކޫކޫއަކީ ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ނަމެކެވެ. ބޮޑެތި ސްޕޮންސަރުންނާއި އެތައް ޓީމެއްގެ ހުށަހެޅުމެއް މިހާރުވެސް އޭނާއަށް ދަނީ ލިބެމުންނެވެ. ކުޅިވަރުގެ ސާމާނު އެންމެ ފުޅާދާއިރާއެއްގައި އުފައްދާ އެއް ކުންފުނި ކަމަށްވާ ނައިކީ އިން ނިމިދިޔަ އަހަރު މުކޫކޫ އާއިއެކު ވަނީ ދިގުމުއްދަތެއްގެ ސްޕޮންސަޝިޕް ޑީލްއެއްވެސް ހަދާފައެވެ. މިއާއެކު މުކޫކޫގެ މަގްބޫލްކަން އިތުރުވެ މީޑިއާތަކުން އޭނާއަށް ހާއްސަ ނަޒަރަކުން ބަލަން ފެށިއެވެ.

މުކޫކޫއަށް ލިބެމުންދިޔަ ސަމާލުކަމުގެ ސަބަބުން އޭނާއަށް ކޮއްފާނެ ނޭދެވޭ އަސަރަކުން ސަލާމަތްކުރުމަށް ޖަރުމަނުގެ 20 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗް ވަނީ މުހިންމު ނިންމުމެއް ނިންމާފައެވެ. އެގޮތުން ދުވަސްކޮޅެއް ވަންދެން ގައުމީ ޓީމުގެ ސްކޮޑުން އޭނާ ބާކީކޮށް މީޑިއާތަކުގެ ސަމާލުކަމުން ކޮންމެވެސް ވަރަކަށް އޭނާ ގެއްލެންދެން ބޮޑެތި މެޗުތަކުގައި ފުރުސަތު ނުދިނުމަށް އޭނާ ނިންމިއެވެ. އަދި އޭނާ ކްލަބާއި އެކުގައި ކުރިއަށް ގޮސް ވަގުތު ޖެހުމުން އަނބުރާ ގައުމީ ޓީމަށް ގުޅުމަށް ފުރުސަތު ދޭނެކަންވެސް މުކޫކޫއަށް ކޯޗް އެންގިއެވެ.

އުމުރުން 16 އަހަރުގެ މުކޫކޫ މިހާރުވެސް ވެގެން ގޮސްފައިވަނީ ބައިނަލްއަގްވާމީ ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ނަމަކަށެވެ. އޭނާ ވަނީ 2017 ވަނަ އަހަރުން ފެށިގެން ޑޯޓްމަންޑުގެ ޔޫތް ޓީމަށް ކުޅެދިން 88 މެޗުން 141 ލަނޑު އެޓީމާއެކު ކާމިޔާބުކޮށްފައެވެ. ފުޓުބޯޅައިގައި އޭނާގެ ނަން ފާހަގަކޮށްލެވެނީ ގޯލާއި ރައްޓެހި އުނދަގޫ ހާލަތްތަކުގައިވެސް ރީތި ގޯލްތަކެއް ޖަހާ ހުނަރުވެރި ގޯލް ސްކޯރަރެއްގެ ގޮތުގައެވެ. އަދި މިހާރު ފުޓުބޯޅައިގެ އެންމެ މަތީ ފަންތީގައި ކުޅުމުގެ ފުރުސަތު ހޯދާ ކައިރި މުސްތަގްބަލެއްގައި ގިނަ ރެކޯޑުތަކެއް ހޯދުމުގެ ފުރުސަތުވެސް މުކޫކޫއަށް ލިބިގެންދާނެއެވެ.

އެގޮތުން މިރޭ ބުންޑަސްލީގާގައި ހާތާ ބާލިން އާއި ދެކޮޅަށް ކުޅޭ މެޗުގައި މުކޫކޫ ކުޅެފިނަމަ އޭނާ ވެގެންދާނީ ޖަރުމަނު ލީގުގައި ޕްރޮފެޝަނަލް މެޗެއް ކުޅޭ އެންމެ ހަނގު ކުޅުންތެރިޔާއަށެވެ. އަދި ހަމަ މިހަފްތާގައި ޗެމްޕިއަންސް ލީގުގައި ކްލަބް ބްރޫޖްއާއި ދެކޮޅަށް ޑޯޓްމަންޑް ނުކުންނަ މެޗުގައި އޭނާއަށް ފުރުސަތުދީފިނަމަ މުކޫކޫ ވެގެންދާނީ ޔޫރަޕުގެ އެންމެ ޝަރަފުވެރި ކްލަބް ފުޓުބޯޅަ މުބާރާތުގައި ކުޅޭ އެންމެ ހަނގު ކުޅުންތެރިޔާއަށެވެ. އަދި މީގެން މެޗެއްގައި އޭނާ ލަނޑެއް ކާމިޔާބުކޮށްފިނަމަ އޭނާވެގެންދާނީ މިދެންނެވި މުބާރާތްތަކުގައި ލަނޑެއް ކާމިޔާބުކުރި އެންމެ ހަގު ކުޅުންތެރިޔާއަށްވެސް މެއެވެ.

ފޮނި އަޒުމެއްގައި، މުކޫކޫ ސާބިތުކަންމަތީ

"އަހަރެން ބޭނުމީ ޑޯޓްމަންޑުގައި ހުރެ ޕްރޮފެޝަނަލް ފުޓުބޯޅަކުޅުންތެރިއަކަށް ވާން، އެޓީމާއެކު ޗެމްޕިއަންސް ލީގުގެ ތަށިވެސް އުފުލާލަން. އަދި އަހަރެންގެ އަމިއްލަ ނަފްސަށް ބެލަންޑޯ އެވޯޑެއް ހޯދައިދިނުމަށް". މިއީ މީގެ ތިން އަހަރުކުރިން އުމުރުން 13 އަހަރުގައި މުކޫކޫ ނޫސްވެރިންތަކަކަށް ދިން އިންޓަވިއުއެއްގައި އޭނާގެ ޓާގެޓް ކިޔާދެމުން ދެއްކި ވާހަކައެވެ.

މުކޫކޫގެ މި އުންމީދީ ބަސްތަކުން ބައެއް ނޫސްވެރިންނަށް އޭނާއަކީ ބޮޑާ، ކިބުރުވެރި އަދި މާ އަވަހަށް އާސްމާނަށް އަރަން އުޅޭ ކުޅުންތެރިއެކޭ ހީވެ ހެޑްލައިން ތަކުގައި މިފަދައިން ލިޔެވުނެވެ. އެހެންނަމަވެސް ޖަރުމަނު ފުޓުބޯޅައިގެ ކުރިމަގު އުޖާލާ ކުރުމަށް ފައިތިލަ ސާބިތުކޮށްގެން ތިބި ފަރާތްތަކުން މިކަން ނެގީ ސީރިއަސްކޮށެވެ. ހުނަރުހުރި އަޒުމު ވަރުގަދަ ކުޅުންތެރިއަކު ޅައުމުރުގައި މިއަޒުމުގައި ތެެދުވުމުން އެފަރާތްތަކުންވެސް ބޭނުންވީ މުކޫކޫގެ ކުރިމަގު ޖަރުމަނު ފުޓުބޯޅައާއި ގުޅުވާލުމަށެވެ.

ޑޯޓްމަންޑުގެ 16 އަހަރުން ދަށުގެ ޓީމަށް 12 އަހަރުގައި އޭނާ ކުޅެ ދައްކަމުންދިޔަ މޮޅުކުޅުމުގެ ސަބަބުން ބައެއް ފަރާތްތަކުން މުކޫކޫގެ އުމުރާއި މެދުވެސް ސުވާލު އުފެއްދިއެވެ. 12 އަހަރުގެ ކުއްޖަކަށް އެއުމުރު ފުރައިގެ ކުއްޖެއްގެ ކުޅުމަށްވުރެ ހުރިހާ ގޮތަކުންވެސް މޮޅު ކުޅުމެއް ދެއްކޭތީ ގިނަ ބައެއްގެ ފާޑުކިޔުމާ ޝައްކުކުރުން މުކޫކޫއަށް އަމާޒުވިއެވެ.

މުކޫކޫ އާއިމެދު ސުވާލު އުފައްދާ ޝައްކުކުރާ ފަރާތްތަކަށް މުކޫކޫ ދާދިފަހުން ވަނީ ޖަވާބުވެސް ދީފައެވެ. "އަހަންނާއިމެދު ތަފާތުކުރުންވެސް ގެންގުޅެވިދާނެ، އަހަރެންނަށް އަނިޔާކޮށް އަނގަބަހުން ފުރައްސާރަވެސް ކުރެވިދާނެ. އެކަމަކު އަހަރެންގެ ކުޅުމަކަށް ބަދަލެއްވެސް ނާންނާނެ، އަހަންނެއް ނުވެސް ހުއްޓުވޭނެ".

ޅައުމުރުގައި މުކޫކޫ ދައްކަމުންދާ މޮޅުކުޅުމުގެ ސަބަބުން ފުޓްބޯޅައިގައި މަޝްހޫރު އެތައް ފަރާތަކިން އޭނާއަށް ވަނީ ތައުރީފުކޮށްފައެވެ. އެގޮތުން މުކޫކޫއެކޭ އެއްފަދައިން ޅައުމުރުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންދާ ޑޯޓްމަންޑްގެ އާލިންގް ހާލެންޑު ބުނީ އެއުމުރުގައި އެފެންވަރަށް ކުޅޭ ދެވަނަ ކުޅުންތެރިއަކު ނުދެކޭ ކަމަށާއި ހުދު ހާލަންޑް އަށްވެސް 16 އަހަރުގައި މުކޫކޫ ދައްކަމުން އެދާ މޮޅު ކުޅުން ނުދެއްކޭކަމަށެވެ.

މީޑިއާއާއި އާމުންގެ ފަރާތުން ކުރިމަތިވާ ކަންތައްތަކުގެ ސަބަބުން ވަރަށް ގިނަފަހަރު ކުޅުންތެރިންގެ ކެރިއަރަށް ބޮޑެތި އަސަރުތަކެއް ކުރުވައެވެ. މުކޫކޫއަށް ޅައުމުރުގައި މިފަދަ ކަމަކާ ކުރިމަތިލާން ޖެހިދާނެތީ އޭނާގެ ކޯޗުންނާއި ހެޔޮއެދޭ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު މުކޫކޫ ދަނީ އޭނާއަކީ ފުޓުބޯޅައިގައި މީޑިއާއަކަށްވެސް އަދި ފާޑުކިޔާ އެހެންފަރާތަކަށްވެސް ގުޑުވާ ނުލެވޭނެ ވަރުގެ ކުޅުންތެރިއެއްކަން ސާބިތުކޮށްދެމުންނެވެ.