މިދިޔަ ސީޒަނުގައި އަލަށް ޕްރޮމޯޓުވި ދަ ގްރާންޑޭ ދޫކޮށް މިޑްފީލްޑަރ އަހުމަދު އިމާޒް (އާއްކޮ) ކުލަބް ވެލެންސިޔާއަށް ބަދަލުވެއްޖެ އެވެ.

ކުލަބް ވެލެންސިއާއަށް އާއްކޮ ބަދަލުވިއިރު ނިމުނު ސީޒަނުގައި އާއްކޮއަށް އެންމެ އެދެވޭ ކުޅުމެއް އެ ޓީމުގައި ދެއްކިފައެއް ނުވެއެވެ.

ކުލަބް އީގަލްސްއިން 2011 ވަނަ އަހަރު ފުރަތަމަ ޑިވިޝަނަށް ތައާރަފުވި އާއްކޮ ވަނީ 2014 ވަނަ އަހަރާއި ހަމައަށް އެ ކުލަބަށް ކުޅެދީފައެވެ. އެއަަށްފަހު 2015 ވަނަ އަހަރު އޭނާ ވަނީ މާޒިޔާއަށް ބަދަލުވެ ތިން ސީޒަން އެ ކުލަބުގައި ހޭދަކޮށްފައެވެ. އެ ތިން ސީޒަނުގައިވެސް އާއްކޮގެ ވިދުން ގަދަވިއެވެ.

ޤައުމީ ޓީމުގައިވެސް ފާހަގަކޮށްލެވޭ އާއްކޮ ވަނީ 2012 ވަނަ އަހަރު ލަންކާގައި އޮތް މަހިންދަ ރާޖަޕަކްސަ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތް ރާއްޖެއަށް ކާމިޔާބުކޮށްދިން ޓީމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. އަދި 2018 ވަނަ އަހަރު ރާއްޖެއަށް ސަރަހައްދުގެ ތަށި ހޯދައިދިން ޓީމުގައިވެސް އާއްކޮ ހިމެނިފައިވާކަން ފާހަގަކޮށްލެވެއެވެ.

މުޙައްމަދު އާތިފް (އާތީ) ގެ އިރުޝާދުގެ ދަށުން އާ ސީޒަނަށް ތައްޔާރުވަމުން އަންނަ ކުލަބް ވެލެންސިއާއަށް ވަނީ ފާހަގަކޮށްލެވޭ ކުުޅުންތެރިންތަކެއް ސޮއިކޮށްފައެވެ. އޭގެތެރޭގައި ގޯލްޑް ކެޕްޓަން އަކްރަމް އަބްދުލް ޢަނީ އާއި ސްޕެއިންގައި ކާމިޔާބު އަހަރުތަކެއް ހޭދަކޮށްފައިވާ ޒުވާން މިޑްފީލްޑަރ އިސްމާއީލް ޒާން އާމިރުގެ އިތުރުން ފުރަތަމަ ޑިވިޝަނުން ފާހަގަކޮށްލެވޭ ކުޅުންތެރިންތަކެއް ގެނެސްފައެވެ.

އާ ސީޒަނުގައި ވެލެންސިއާއިން ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު 14 ވަނަ ދުވަހުގެރޭ ބައްދަލުކުރާނީ ކުލަބު ގްރީން ސްޓްރީޓްސްއާ އެވެ.