މެސީއަކީ އެހެން ކުޅުންތެރިންނާއި ތަފާތު، މޮޅު، ހުނަރުވެރި ކުޅުންތެރިއެއް ކަމަށާއި ބާސާގައި އޭނާއާއެކު ކުޅުނު ދުވަސްވަރު ފުޓުބޯޅަ ކުޅުން ހުއްޓާލަންވެސް ވިސްނި ކަމަށް ޖަރުމަނު ޤައުމީ ޓީމަށް ކުޅުނު ކެވިން ޕްރިންސް ބޯޓެންޑް ބުނެފިއެވެ.

ބޯޓެންގް ވަނީ މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ބާސާއަށް ބަދަލުވެފައެވެ. ޖުމްލަ 6 މަސްވަންދެން އޭނާ އެ ކުލަބުގައި ހޭދަކުރި ނަމަވެސް ލިބުނީ މަދު މެޗުތަކެކެވެ. އެއާއެކު ބާސާއިން ވަނީ އޭނާ އެހެން ކުލަބަކަށް ދޫކޮށްލަން ނިންމާފައެވެ.

ބާސާގައި ހޭދަކުރި މަދު ދުވަސްކޮޅާއި ބެހޭގޮތުން މީޑިއާގައި ވާހަކަދައްކަމުން ބޯޓެންގް ބުނީ މެސީގެ ކުޅަދާނަކަން އެންމެ ބޮޑަށް ފެނިގެންދިޔައީ އޭނާ އެ ކުލަބަށް ބަދަލުވި ފަހުން ކަމަށެވެ. އަދި މެސީގެ އެ ޖާދުވީ ކުޅުން ފެނި އެންމެފަހުން ފުޓުބޯޅަ ކެރިއަރު އެއްކޮށް ހުއްޓާލަންވެސް ވިސްނިކަމަށް ބޯޓެންގް ބުންޏެވެ.

"އަހަރެން ކުރިން ވިސްނައިގެން ހުރީ ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށް އެންމެ މޮޅު ކުޅުންތެރިއަކީ، ހަގީގަތުގައި މެސީ ކުޅޭތަން ފެނިފަ އަހަރެންގެ އެ ވިސްނުން އެއްކޮށް ބަދަލުވި" ބޯޓެންގް ބުންޏެވެ.

އުމުރުން 33 އަހަރުގެ ބޯޓެންގް ވަނީ މިދިޔަ އަހަރުގެ ހޫނު މޫސުމަށްފަހު އިޓަލީގެ ފިއޮރެންޓީނާ އާއި ބެސިކްޓާސް އަށް ކުޅެފައެވެ. މިހާރު އޭނާ ކުޅެމުން އަންނަނީ އިޓަލީގެ ދެވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ މޮންޒާ އަށެވެ.

ބޯޓެންގް ވަނީ އިންގްލޭންޑާއި ޖަރުމަނާއި އިޓަލީއާއި ސްޕެއިންގެ ކުލަބުތަކަށް ކުޅެފައެވެ. އޭނާ ކުޅުނު ބޮޑެތި ކުލަބުތަކުގެ ތެރޭގައި ޓޮޓެންހަމް އާއި އޭސީ މިލާނާއި ބޮރޫޝިއާ ޑޯޓްމަންޑް ހިމެނެއެވެ.